ހދ. ކުޅުދުއްފުށީގައި ރަހީނު ކޮށް އަނިޔާކުރުމުގެ ސަބަބުން ޒަހަމް ވި މީހާގެ ހާލަތު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ރަހީނު ކޮށް އަނިޔާ ކުރުމުގެ ސަބަބުން ކުޅުދުއްފުށީ، ރަތްފުސްގޭ، އަހުމަދު އިބްްރާހިމް ގެ ހާލު ސީރިއަސް ވެ ވެންޓިލޭޓަރުގައި ފަރުވާދިނެވެ. އޭނާގެ ބޮލަށް ދަގަނޑުބުރިއަކުން ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އާއިލާއިން "ވަން" އަށް މައުލޫމާތު ދީފައިވެއެވެ.
އަހުމަދުގެ ބައްޕަ، އިބްރާހިމް ހުސައިން "ވަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ، އޭނާގެ ބޮލުގެ ދެ އޮޕަރޭޝަނެއް ކޮށް ވެންޓިލޭޓަރުންވެސް މިހާރު ނަގާފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
އިބުރާހިމް ބުނީ ގެއަށް ދޫކޮށްލި ނަމަވެސް ހާލު އަދި އެހާ ރަނގަޅު ނޫން ކަމަށާއި އެކަމަކު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ހޮސްޕިޓަލުން ބުނާ ދުވަސްތަކުގައި ޑޮކްޓަރަށް ދެއްކުމަށް ދާން ޖެހޭ ކަމަށްވެސް ބުންޏެވެ.
"ހޮސްޕިޓަލުގެ ޖާގައިގަ ދަތިކަން ހުރީމަ އަހުމަދު ގެއަށް ދޫކޮށްލީ. ދެން ހޮސްޕިޓަލުން ބުނާ ދުވަހު ދައްކަން ދާން ޖެހެނީ. ކުރިއަށްވުރެ ރަނގަޅު. ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ. ނުއެއްކެވޭ. ދިޔާއެއްޗިހި ދެމުން މިދަނީ. ބޮލުގެ ދެ އޮޕަރޭޝަނެއް ކޮށްފަ ހުރީމަ އެންމެ ރަނގަޅެކޭ އަދި ނުބުނެވޭނެ." އަހުމަދުގެ ހާލަތު ހިއްސާކުރަމުން ބުންޏެވެ.
ކުޅުދުއްފުށީގައި މިހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލާގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ 19 އަހަރުގެ ފިރިހެނެކާއި 24 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުންނެވެ. އަދި ރަހީނު ކުރި މީހާ އެރުވި ކަަމަށްް ބުނާ ކާރެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު