ކުޅިވަރު

ކޮޕަ އެމެރިކާ: ބްރެޒިލަށް ރަނގަޅު ފެށުމެއް، ވެނެޒުއޭލާ ޓީމް ކޮވިޑް ރާޅެއްގައި

މުޙައްމަދު ޝަމްޢޫން

މިއަހަރުގެ ކޮޕާ އެމެރިކާ ބާއްވާ ގައުމު، ބްރެޒިލުން ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވެނެޒުއޭލާ ބަލިކޮށްފިއެވެ.

މުބާރާތް ބްރެޒިލްގައި ބާއްވަން ނިންމީ މުބާރާތަށް ހަތަރު ވަރަކަށް ދުވަހަށް ވެފައި ވަނިކޮށެވެ. ކުރިން ހޯސްޓް ކުރަން އޮތީ އާޖެންޓީނާގައި ނަމަވެސް ކޮވިޑްގެ ހާލަތާ ހެދި އެގައުމުން ވަނީ މުބާރާތް ދޫކޮށްލައިފައެވެ. ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާއިން ވަގުތުން ހޯސްޓެއް ހޯދުމަށް މަޝްވަރާކޮށް މުބާރާތް ބްރެޒިލަށް ބަދަލުކުރުމުން ބްރެޒިލްގެ ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް އަޑުވެސް އުފުލައިފައެވެ. އެއީ ބްރެޒިލްގެ ކޮވިޑް ހާލަތުވެސް ގޯސްވެފައި އޮތުމުންނެވެ.

ރައްޔިތުންގެ މުޒާހަރާތަކަށް ނުބަލައި ބްރެޒިލުގައި ރޭ މުބާރާތް ފަށާފައި ވަނީ އެގައުމުން ވެނެޒުއޭލާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މެޗު ބްރެޒިލުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. އެންމެފަހުގެ ޗެމްޕިއަން ބްރެޒިލާ ދެކޮޅަށް ރޭ ކުޅުނު ވެނެޒުއޭލާ ޓީމުގައިވެސް އޮތީ ކޮވިޑްގެ ހާލަތު ގޯސްވެފައެވެ. މެޗުގެ ކުރިން އެޓީމުގެ 12 ކުޅުންތެރިންނާއި ބައެއް ސްޓާފުން ކޮވިޑަށް ޕޮޒިޓިވް ވެފައި ތިބުމުން މެޗަށް ނެރެން ޖެހުނީ 18 ކުޅުންތެރިންގެ ސްކޮޑެކެވެ. ހާއްސަކޮށް މުހިއްމު ބައެއް ކުޅުންތެރިންނަށް މެޗު ވަނީ ގެއްލިފައެވެ.

ރޭގެ މެޗުގައި ބްރެޒިލަށް ގޯލް ހުޅުވާލަ ދިނީ ޕީއެސްޖީގެ ޑިފެންޑަރު މާކީނިއޯސްއެވެ. 23 ވަނަ މިނެޓުގައި އޭނާ ޖެހި ގޯލަކީ ކޯނަރަކުން ޖެހި ގޯލެކެވެ. އޭގެ ފަހުން ޓީމުގެ ދެ ގޯލަށް އެންމެ އިސް ރޯލެއް އަދާކުރީ ނޭމާއެވެ. މެޗުގެ 64 ވަނަ މިނެޓުގައި ބްރެޒިލަށް ލިބުނު ޕެނެލްޓީގައި ނޭމާ އޭނާ ގައުމީ ޓީމަށް ޖަހައިދިން 67 ވަނަ ގޯލް ކާމިޔާބު ކޮށްދީފައިވާއިރު، ނިމެން ދަނިކޮށް ގެބްރިއަލް ބާބޯސާ ޖެހި ގޯލަށް އެސިސްޓް ކޮށްދިނީވެސް އޭނާއެވެ.

ނޭމާއަށް ގައުމީ ޓީމުގެ ގޯލް ރެކޯޑު ހަދަން މިހާރު ބޭނުންވަނީ 10 ގޯލެވެ. އެގައުމަށް އެންމެ ގިނަ ގޯލް ޖަހައިިދިން ކުޅުންތެރިޔާގެ ރެކޯޑު މިވަގުތު އޮތީ ޕެލޭ އަތުގައެވެ. ޕެލޭ ވަނީ ގައުމީ ޓީމަށް 77 ގޯލް ޖަހާފައެވެ.

މުބާރާތުގައި ޖުމުލަ 10 ޓީމަކުން ވާދަކުރާއިރު ގްރޫޕް ސްޓޭޖު ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް ކުއާޓާއަށް ދާނީ ހަތަރު ޓީމެވެ. ބްރެޒިލާއެކު ގްރޫޕް އޭގައި ދެން ހިމެނެނީ ކޮލަބިއާއާއި ޕެރޫ އަދި އެކުއެޑޯއެވެ. ގްރޫޕް ބީގައި ހިމެނެނީ އާޖެންޓީނާ، ބޮލީވިއާ، އުރުގުއޭ އަދި ޗިލީއާއި ޕަރަގުއޭއެވެ.