ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް ކަމުގައި ބުނެ ފެނަކައިން ނުއަގުގައި ހޮޅިތަކެއް ގަތުމާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލައަކީ ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް ކަމުގައި ބުނެ ފެނަކައިން ހޮޅިތަކެއް ގަތުމާ ގުޅޭ މައްސަލައެކެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "ވަން" އަށް މިރޭ ވިދާޅުވީ، އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލަ ބަލަން އެ ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ ޑިސެންބަރު 7 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކޮމިޝަނުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" ހަސަން މަނިކު ވިދާޅުވިއެވެ.
މި ހޮޅިތަކާ ގުޅޭ ކޮމާޝަލް އިންވޮއިސްގެ ކޮޕީއެއް ދައުރުވަމުންދާއިރު، އެއިން އެގޭ ގޮތުގައި އެ ހޮޅިތައް ފެނަކައިން ގަނެފައިވަނީ އަޒްވޯރާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން އެ ތަކެތި ގަތީ އިންޑިއާގެ ކުންފުންޏަކުން ކަމަށް އޭގައިވެ އެވެ. މި ތަކެތި އިންޑިއާއިން ގަނެފައިވަނީ ހޮޅިއެއް 21.90 ޑޮލަރުގެ މަގުން 700 ހޮޅިއެވެ. ހޮޅިއަކަށް ދިވެހި ރުފިޔާއިން ޖެހޭނީ 337.6 ރުފިޔާއެވެ. ނަމަވެސް ފެނަކައިން އެ ހޮޅިތައް ގަނެފައިވަނީ ހަތް ގުނަ ބޮޑުކޮށް، ހޮޅިއެއް 5،350 ރުފިޔާގެ މަގުން ކަމަށް އެ އިންވޮއިސްގައިވެ އެވެ. އެހެންކަމުން ކޮންމެ ހޮޅިއަކުން 4،640.65 ރުފިޔާގެ ފައިދާއެއް އަޒޯރާ މޯލްޑިވްސް އަށް ލިބިފައިވެ އެވެ.
ފެނަކައިން ނުބައްދަލު ބޮޑު އަގެއްގައި ހޮޅިތައް ގަނެފައިވާއިރު ރާއްޖޭގެ ބާޒާރުގައި އެއަށް ވުރެ އަގުހެޔޮކޮށް ހޮޅި ލިބެން އެބަހުއްޓެވެ. އެގޮތުން އެމްޑަބްލިއުއެސްސީން ހޮޅިވިއްކަން ކޯޓޭޝަން ދީފައިވާ އަގަކީ 1،465 ރުފިޔާއެވެ. އެހެންކަމުން ފެނަކައިން ހޮޅި ގަނެފައިވަނީ ދިވެހި ބާޒާރުގައި ހޮޅި ވިއްކާ އަގަށްވުރެ 3،797 ރުފިޔާ އަގުބޮޑުކޮށް ކަމަށްވެސް ކޮމާޝަލް އިންވޮއިސްގައި ހުރި މައުލޫމާތު ތަކުން ހާމަވެއެވެ.
ފެނަކަ ކޯޕަރޭޝަނާ ގުޅޭ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް އޭސީސީއިން ތަހުގީގުކުރަމުން އަންނައިރު ފެނަކައަށް މާލީ ގޮތުން ލިބެމުންދާ ކުރިއެރުމަކީ އެކުންފުނީގެ ތެރޭގައި ހިންގަމުންދިޔަ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގެ ނަތީޖާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީ ސައީދު ކުރިން ވިދާޅުވެފައި ވަނީ، ފެނަކައިގައި ވައްކަމުގެ އެއްވެސް އަމަލެއް ނުވެސް ހިންގޭނެ ކަމަށާއި އެފަދަ ފުރުސަތެއްވެސް އެކުންފުނީގެ ތެރޭގައި ނޯންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު