މއ. މޯނިންވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ޖުމްލަ އަގު 1.3 މިލިއަނަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި، މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައި ވަނީ ދެ އިމާރާތަކަށް ހަދާފައި ހުންނަ މޯނިން ވިއުގޭގެ ހުޅަނގު ފަރާތުގައި ހުންނަ ތިން ބުރީގެ އިމާރާތެވެ. ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 32 މީހަކަށް ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހެދި އެސެސްމަންޓްތަކުން ގޭބިސީތަކުގެ އޮނިގަނޑަށް ލިބުނު ގެއްލުމުގެ އަގު 1.03 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި ހިފައި ގެންގުޅޭ ޒާރޫރީ ސާމާނުތަކަށް ލިބުނު ގެއްލުން 235،425 ރުފިޔާއަށް އަރާ ކަމަށެވެ. މުޅި ޖުމްލަ 1.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބުންޏެވެ.
ގޭބިސީތަކުގެ އޮނިގަނޑަށް ލިބުނު ގެއްލުމުގެ އެހީގެ ގޮތުގައި އާއިލާތަކަށް ހަ ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ޒާރޫރީ ހިފައި ގެންގުޅޭ ސާމާނަށް ލިބުނު ގެއްލުމަށް އެހީއެއްގެ ގޮތުން 46،000 އަށްވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ޖުމްލަ ޖެއްލުމުގެ އެހީގެ ގޮތުގައި ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އާއިލާތަކަށް ވަގުތީ ހިޔާ ހަމަޖެއްސުމަށާއި ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް 342،00 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ ހާދިސާ ހިނގި ފަހުން 21 ދުވަހުގެ މުއްދަތަކަށް، މި މަހު 16 ވަނަ ދުވަހާ ހަމައަށް ވަގުތީ ހިޔާ ހަމަޖެއްސުމަށް 155،00 ރުފިޔާ އާއި ޒަރޫރީ ކެއިން ބުއިން ހަމަޖައްސައިދިނުމަށް 141،000 ރުފިޔާ އަދި ޒަރޫރީ އަންނައުނު ހޯދުމަށް 46،000 ރުފިޔާ އެވެ.
އޭގެ އިތުރުން އެ ގޭގައި ދިރިއުޅުނު ހަތަރު އާއިލާ އާންމު ހާލަށް ރުޖޫއަވުމަށްޓަކައި، ބޯހިޔާވަހިކަން ހަމަޖެއްސުމަށް 232،300 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. އެއީ އެ ގޭގައި ކުއްޔަށް އުޅުނު ދެ އާއިލާއަކަށް އާ ތަނަކަށް ބަދަލުވުމަށް 92،300 ރުފިޔާ އަދި އެ ގޭގައި ދިރިއުޅޭ ދެ އާއިލާއަށް މަރާމާތުކުރުމަށް ދާ މުއްދަތުގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް 140،000 ރުފިޔާގެ އެހީ ދޭން ވަނީ ނިންމައިފައެވެ.
ހާދިސާގައި ހާލުގައި ޖެހުނު 34 ފަރާތްތަކަށް ވަނީ ހަތް ގެސްޓްހައުސްއަކުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. އެމީހުންގެ ތެރޭގައި 12 ކުޑަކުދިން ހިމެނޭ އިރު، ހާދިސާ ހިނގިއިރު 20 ދުވަސް ވެފައިވާ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު