މާބަނޑު މީހުންނާއި ގާތުން ކިރުދޭ މައިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ފައިދާ ބޮޑު ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ގިނަ މައުލޫމާތު އާންމުކޮށްފައިވަނީ ފައިޒާ ވެކްސިނާ ބެހޭ ގޮތުން ކަމަށާއި އެ ވެކްސިނަކީ އާރްއެންއޭ ވެކްސިނެއް ކަމަށެވެ.
ޑރ. ފައިސަލް ވިދާޅުވީ، ފައިޒާ ވެކްސިންގެ އެފިކަސީ އުޅެނީ 85 އިންސައްތައިގައި ކަމަށާއި ފައިޒާ ވެކްސިން ޖެހުމުން ކޮވިޑްގައި ނުރައްކާވާ މިންވަރު ނުވަތަ ހާލު ދެރަވާ މިންވަރު 94 އިންސައްތަ ކުޑަކޮށްދޭ ކަމަށެވެ.
މާބަނޑު މީހުންނަށް ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރޭގައި ފައިޒާ ވެކްސިން ހިމެނޭކަން ފާހަގަކުރައްވާ ޑރ. ފައިސަލް ވިދާޅުވީ، ފައިޒާ ވެކްސިން ޖެހުމުގެ ފައިދާ މާބަނޑު މީހުންނަށް ބޮޑު ކަމަށެވެ.
"ފައިޒާ ވެކްސިންގެ ފައިދާ މާބޮޑަށްވެސް ބޮޑު، އެ ވެކްސިން މާބަނޑު މީހުންނަށް ޖެހުމުން ލިބޭ ފައިދާއަށް ވުރެ ގެއްލުން ކުޑަ. އެހެންކަމުން މީގަ ލަފައަކީ މާބަނޑު މީހުންނާއި ގާތުން ކިރުދޭ މައިންނަށް ފައިޒާ ވެކްސިން ޖެހުން" ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް އިތުރަށް ވިދާޅުވީ، ދުނިޔޭގެ ބައެއް ގައުމުތަކުގައި އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ފަހު ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ދެމުން އަންނަ ކަމަށެވެ. އެގޮތަށް ދެ ޑޯޒަކުން ވެކްސިނުމުން ނޭދެވޭ އަސަރުތަކެއް(ސައިޑް އެފެކްޓް)ތަކެއް ހުރި ކަމުގައިވިޔަސް ވެކްސިނުން ލިބޭ ރައްކާތެރިކަން ނުވަތަ އިމިޔުނިޓީ ލިބޭ ކަމަށް ވިދާޅުވިއެވެ.
މާބަނޑު މީހުން ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައިވަނީ ތިން ވެކްސިނަކަށެވެ. އެއީ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިނާއި ޖޯންސަން އެންޑް ޖޯންސަންސް ޖެންސެން ވެކްސިނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު