ޔޫރޯ 2020 ގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފިއެވެ.
އިންގްލެންޑްގެ ހޯމް، ވެމްބްލީގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ ރަހީމް ސްޓާލިންއެވެ.
މިއަދުގެ މެޗަކީ ވަރުގަދަ ދެގައުމުގެ ކުރިމަތިލުމެކެވެ. މިއީ މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުރިމަތިލި އެންމެ ވަރުގަދަ ދެޓީމު ކަމަށްވެސް ބުނެވިދާނެއެވެ. ދެޓީމަކީވެސް 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ކުޅުނު ދެޓީމެވެ. ސެމީގައި އިންގްލެންޑާއި ކްރޮއޭޝިއާ ވާދަކުރި މެޗުގައި ކްރޮއޭޝިއާއިން އިންގްލެންޑް ރޮއްވާލީ އިތުރު ވަގުތު ގޯލެއް ޖަހައިގެންނެވެ.
ވޯލްޑް ކަޕް ރަނަރަޕް ޓީމުގެ ގޮތުގައި ކްރޮއޭޝިއާއިން މެޗަށް ނުކުތީ އަނެއްކާވެސް އިންގްލެންޑް ބަލިކުރާށެވެ. އެހެންނަމަވެސް އެޓީމަށް އެކަން ފަސޭހަ ނުވާނެކަންވެސް އެނގެއެވެ. ލީގު ފުޓުބޯޅައިގައި ތަފާތު ދެއްކި "ފްރެޝް" ހުނަރުވެރި ކުޅުންތެރިންނާއެކު އިންގްލެންޑް ނުކުތީ ގެރެތު ސައުތުގޭޓްގެ ފިލޯސަފީ ކާމިޔާބު ކުރާށެވެ. ތަޖުރިބާގެ މައްޗަށް ހުނަރާއި ޒުވާންކަމަށް ބެލުމުގެ ފިލޯސަފީއެވެ. ވެމްބްލީގެ ސަޕޯޓަރުން ކުރިމަތީގައި އެ ސުވާލަށް ޖަވާބުދޭން ނުކުތީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
މެޗުގެ ފުރަތަމަ 20 މިނެޓެއްހާއިރު ކުޅުން ޑޮމިނޭޓްކޮށް ހަމަލާތައް އުފެއްދީ އިންގްލެންޑުންނެވެ. ރާޅުރާޅަށް އެޓޭކް އުފައްދަމުން ދިޔައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ފިލް ފޮޑެން ފޮނުވާލި ހަމަލާ އަރިމަތި ދަނޑިއަށް އަމާޒުވެފައިވާ އިރު، އޭގެ ފަހުންވެސް އިންގްލެންޑަށް ފުލުފުލުގައި ފުރުސަތު ލިބުނެވެ.
މޭސަން މައުންޓާއި ޑެކްލަން ރައިސް މެދުތެރެއިން އިނގިރޭސި ކުޅުން ހިފަހައްޓަމުން ދިޔައެވެ. އެ ކުޅުމުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވީ ރަހީމް ސްޓާލިންއަށެވެ. ސްޓާލިންނަށް ފުރަތަމަ ހާފުގައި ލިބުނު ދެ ފުރުސަތެއް އޭނާ ވަނީ ނަގާލައިފައެވެ. އޭގެ އިތުރުން ކެލްވިން ފިލިޕްސްގެ ހަމަލާއެއް ކްރޮއޭޝިއާ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށް ބޭރުކޮށްލައިފައެވެ.
ހަމަލާތައް ގިނަ ނަމަވެސް އިންގްލެންޑަށް ފުރަތަމަ ހާފް ނިންމާލަން ޖެހުނީ ހުސް އަތާއެވެ. އެހެންނަމަވެސް އެޓީމުން ދެވަނަ ހާފް ފެށީ ވެމްބްލީ ހެއްވާލަމުންނެވެ. މެޗުގެ 57 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގެ ގޯލުން އިންގްލެންޑް ލީޑު ނެގިއެވެ. ފިލިޕްސް އަރިމަތިން ކުރިއަށް ޖެހި ދުއްވާލި ތުރޫ ބޯޅައަށް އަރައި ސްޓާލިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކްރޮއޭޝިއާ ގޯލްކީޕަރު ލިވަކޮވިޗް އަތުގައި ޖެހިފައެވެ.
ސަޕޯޓަރުންގެ އަޑު އިންތިހާއަށް ގަދަވެގެން ދިޔައެވެ. ވެމްބްލީގެ ރޫހާއެކު އިންގްލެންޑުން ވަރަށް ބޮޑަށް މެޗު ތެރެއަށް ވަދެ ކުޅެންވެސް ފެށިއެވެ. ކްރޮއޭޝިއާގެ ހަމަލާއެއް މެޗުގެ ދެވަނަ ހާފުގައި މަދުން ފެނުނު ނަމަވެސް ހަމަލާތައް ގިނަކޮށް ފެނުނީ އިންގްލެންޑުންނެވެ. މޭސަން މައުންޓްގެ ނުރައްކާތެރި ހަމަލާއެއްގެ އިތުރުން ހެރީ ކޭންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
ކްރޮއޭޝިއާއަށް ދެވަނަ ހާފުގެ ކުރީކޮޅުގައި ލިބުނު ފުރުސަތަކީ އަންޓޭ ރެބިޗަށް ލިބުނު ފުރުސަތެކެވެ. އޭރިއާ ތެރޭ ރަނގަޅު ހިސާބެއްގައި ހުރެ އޭނާ ހަމަލާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށެވެ.
އިންގްލެންޑުން ގޯލަށްފަހު ބޮޑަށް ބެލީ ޑިފެންސިވް ކުޅުމަށެވެ. މެޗުގެ ފަހު ހާފްގައި އެޓީމުގެ އިތުބާރު ސެންޓަ ބެކް ޖޯން ސްޓޯންސްއަށް އަނިޔާވެ ބާލަން ޖެހުނު ނަމަވެސް ބަދަލުގައި ކުޅެން އެރި ބެން ވައިޓް ވަނީ ފަހަތުން ވަރުގަދު ކުޅުމެއް ދައްކައިފައެވެ.
މޮޅާއެކު އިންގްލެންޑަށް ވަނީ އުންމީދު އާވެފައެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ބާކީ މެޗުތައްވެސް އިންގްލެންޑަށް ގްރޫޕް ސްޓޭޖުގައި އޮތުމަކީ އިތުރު ފައިދާއެއްވެސް މެއެވެ. ހާއްސަކޮށް ވެމްބްލީއަކީ އެގައުމުގެ ހޯމް ސްޓޭޑިއަމްއެވެ. ސަޕޯޓަރުންނާއެކު އިންގްލެންޑުން މިފަހަރުގެ މުބާރާތަށް ވާދަކުރާނެކަން ޔަގީނެވެ.
- މިރޭ ކުރިއަށް ހުރި މެޗުތައް
21:00 އޮސްޓްރިއާ - ނޯތު މެސަޑޯނިއާ
00:00 ނެދަލޭންޑްސް - ޔޫކްރެއިން
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020