ދިވެހިރާއްޖޭގެ ތާރީޚު

ޑރ. ވަހީދުގެ ކޮލަމް: ދިވެހި ކަނބަލުންގެ ހެދުން ބަދަލުވީ ގޮތް

ޑރ. އަބްދުﷲ ވަހީދު

ތާރީޚުން އެނގޭ ފަދައިން ދިވެހި އަންހެނުން ކުރީޒަމާންތަކުގައި ލައިއުޅުނީ ދިވެހި ލިބާހޭ މިހާރު ކިޔައި އުޅޭ ޒާތުގެ ހެދުމެވެ. އެހެނަސް ޒަމާނާއި ތަރައްޤީއާއި އެކު އެ ކަނބަލުންގެ ހެދުންތައް މިހާރު ވަނީ ވަރަށް ގިނަ ގޮތްގޮތަށް ބަދަލު ވެފައެވެ. އެކިއެކި ދުވަސްވަރު ލައި އުޅުނު ހެދުންތަކުގެ ތެރޭގައި ދިވެހި ލިބާހާއި ފާސްކުރި ހެދުމާއި ޕާކިސްތާނު ހެދުމާއި ޝިފްޓާއި ބެލް ބޮޓަމްއާއި ކުރު ހެދުމާއި ޖީންސްއާއި ބުރުގާހެދުމާއި ކަޅު ޖުއްބާއާއި މޫނު ބުރުގާ ހިމެނެއެވެ. ހެދުމަށް އައި ބައެއް ބަދަލުތަކަކީ ސަރުކާރުން އަންގަވައިގެން އައި ބަދަލެވެ. އަނެއްބައި ބަދަލަކީ ދީނީ ޢިލްމްވެރިން ނަސޭހަތް ދީގެން އައި ބަދަލެވެ. އަދި އަނެއްބައި ބަދަލަކީ ފިލްމްތަކާއި އިންޓަރނެޓުން ބޭރު ފެޝަންތައް ފެނި ރީތިވެގެން އައި ބަދަލެވެ.

އެންމެކުރިން ލައި އުޅުނުކަމަށް އެނގެން އޮތީ ދިވެހި ލިބާހެވެ. ބުރާރަ މުހައްމަދު ފުޅު ކިޔައި އުޅުނު ބޮޑުތަކުރުފާނު ވާހަކައިގައި ވެސް ލިބާހުގެ ވާހަކަ ގެނެސްފައި ވެއެވެ. އޭގައި ލިބާހުގެ އިތުރަށް ދަށުން އަންނަ ފޭއްޔެއް ވެސް ހިމެނެއެވެ. އަދި މަތީ ފަންތީގެ އަންހެނުން ބޮލުގައި ރުމާލެއް އެޅިއެވެ. ރުމާ ނާޅާނަމަ ރީއްޗަށް ހުޅިޖަހައި މާ ފައްޗެއް އޮޅައެވެ. ފޯރާ އަންހެނުންގެ ލިބާސް ފަހަނީ ރޮނގުދެމި ފަށުއި ފޮތިންނެވެ. ބޯވަޅު ހުންނަނީ ކަސަބު ބާދަލާ އިން ޖަރީ ކޮށްފައެވެ. އާދައިގެ މީހުން ބޭނުން ކުރީ ރޮނގުދެމި އުއި ފޮއްޗެވެ. އާދައިގެ މީހުން ބޯވަޅު ޖަރީ ކުރަނީ ވެސް އުއި ރޮދިންނެވެ. ފޭއްޔަކީ ރާއްޖޭގައި ވިޔެ އުޅުނު އެއްޗެކެވެ. ވިޔާއިރު ޒީނަތެއްގެ ގޮތުން ކަޅާއި ހުދު ކުލައިގެ ފުޅާ ހުރަސް ރޮނގުތަކެއް (ބަންދުތަކެއް) ދަމައެވެ. 20 ވަނަ ޤަރުނުގެ މެދާ ޖެހެންދެން ދިވެހީންގެ އާއްމު ހެދުމަކީ ދިވެހި ލިބާހެވެ.

އެޒަމާނުގައި ކައިވެނި ކުރާއިރު ޘަޤާފީ ގޮތުން ދީ އުޅުނު 3 ގަނޑެއްޗަކީ ލިބާހާއި ފޭލި (ނުވަތަ ކަނޑިއްކާއި) ރުމާލެވެ. މިއިން ވެސް ލިބާސް ދިވެހިންގެ އާއްމު ދިރިއުޅުމުގެ ތެރެއަށް ވަދެފައި ވާ ވަރު އަންދާޒާ ކުރެވޭނެއެވެ.

ދިވެހިލިބާހަކީ ކަނބަލުންގެ ވަނާތަކަށް ފެތޭ ގޮތަށް ފަހާފައި ހުންނަ، ދަށުން އިތުރު އެއްޗެއް (މި ޒަމާނުގައި އަޅާ ކަހަލަ އެއްޗެއް) އަޅަން ނުޖެހޭ ހެދުމެކެވެ. އެއީ ވަރަށް އަންހެން ވަންތަ ހެދުމެކެވެ. ހެދުން ލާފައި ތިބޭއިރު އެ ކަނބަލުންގެ ރިވެލި ފެންނާނީ ވެސް ވަރަށް އަންހެން ވަންތަކޮށެވެ. ދިވެހި ލިބާސް އެހާ ގިނަ ދުވަހު ބޭނުން ކުރެވުނީ މިހެން ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.

އިހުޒަމާނުގައި ލިބާސް ލައްވައި ހެދީ ކުދިން ވަރަށް ބޮޑުވާ ފަހުންނެވެ. ޢާއްމުކޮށް ލިބާސް ލައްވައި އުޅުނީ ކުއްޖާ "ހެދުމަށް އައިބު ވީމާ" ޚާއްސަ ރަސްމިއްޔާތެއް ބާއްވައިގެނެވެ. 1970 ހާ ހިސާބުގައިވެސް ބައެއް ރަށްރަށުގައި، މިސާލަކަށް އައްޑޫ މީދޫގައި ކުދިން 13 ނޫނީ 14 އަހަރަށް އަރާއިރުވެސް އުނަގަނޑުން މަތި ހުންނަނީ ހާމައަށެވެ. 1980 އާ ޖެހުނު އިރު ވެސް ހދ. ނޮޅިވަރަމް ކުދިން ތިބެނީ އެހެންނެވެ.

ބަދަލެއް ނެތި، ދެވަނަ ބޮޑުހަނގުރާމައާއި ހަމައަށް ދިވެހި ލިބާސް ބޭނުން ކުރިއެވެ. ނަމަވެސް ލިބާސް ފެހުމަށް ބޭނުންކުރާ ފޮތި ލިބުން، ހަނގުރާމައިގެ ތަދުތެރޭގައި ދަތިވިއެވެ. އަދި ފޭލި ވިޔަން ބޭނުންކުރާ އުއި ލިބުން ވެސް ދަތިވިއެވެ. އެހެން ކަމުން ފަސޭހައިން ލިބޭ ފޮތިން ފަހާ، ޚަރަދު ކުޑަ ހެދުމެއް ތައާރަފު ކުރަން ސަރުކާރުން ނިންމެވިއެވެ.

މި ނިންމުމާ ގުޅިގެން ކޮމިޓީއަކުން 3 ހެދުން ފަރުމާކޮށް އެތަނުން އެއް ހެދުން ފާސްކުރިއެވެ. ފަރުމާކުރުމުގައި އަގުބޮޑު އެއްޗެއް ކަމަށްވާ ކަސަބު ބާދަލާ ބޭނުން ނުކުރުމަށް އިސްކަން ދިނެވެ. އޭގެ ބަދަލުގައި ބޭނުންކުރީ ފޮތި ބޯވަޅެވެ. މިގޮތަށް ފާސްކުރި ހެދުމަށް "ފާސްކުރި ހެދުމޭ" ކިޔައި އުޅުނެވެ. އަދި މިކަމުގައި ބޭނުންކުރި 3 ފަރުމާއަށް 3 ނަންބަރު ދީފައި ވާތީ "ނަންބަރު ހެދުމޭ" ވެސް ކިޔައި އުޅުނެވެ. އެއިރު މި ހުރިހާ ހެދުމެއް ވެސް ފެއްސެވީ މަނިއްޕުޅު ޢަލި ދީދީއެވެ.

ފާސްކުރި ހެދުން އާއްމުކުރުމަށް 12 މޭ 1942 ގައި ޤާނޫނެއް (ޤާނޫނު ނަންބަރު 3/1361) ހެދިއެވެ. ފާސްކުރި ހެދުމަށް ސަރުކާރުން ހިތްވަރު ދެއްވައިގެން، އެ ހެދުން މުޅި ރާއްޖެއަށް އާއްމު ވެގެން ދިޔައެވެ. 1960 އާ ޖެހެންދެން ދިވެހި ގިނަ ކަނބަލުން ލައި އުޅުނީ އެ ހެދުމެވެ.

1950 ގެ އަހަރުތަކުގައި ރާއްޖެއަށް ހިންދީ ފިލްމް އަންނަން ފެށުމުން އިންޑިއާގެ ފެޝަންތައް ރާއްޖޭގައި މަޤުބޫލު ވެގެން ދިޔައެވެ. މީގެތެރެއިން އެންމެ ފާހަގަކުރެވެނީ ޕަންޖާބީ ހެދުން ނުވަތަ ސަލްވާރު ކަމީސްއެވެ. އެއަށް ދިވެހީން ކިޔަނީ ޕާކިސްތާނު ހެދުމެވެ. އެނގިފައިވާގޮތުން އެ ހެދުމަކީ ދިވެހި ކަނބަލުން އެންމެ ކުރިން އާއްމުކޮށް ބޭނުންކުރި ހަރުވާޅު ހެދުމެވެ. މިއަދާ ހަމައަށް ވެސް ޕާކިސްތާނު ހެދުން ރާއްޖޭގައި ލައިއުޅެއެވެ. މީގެ އެއް ސަބަބަކީ އެއަށް އޮފީސް ހެދުމެއްގެ ހައިސިއްޔަތު ލިބިފައިވާ ކަމެވެ. ޕާކިސްތާނު ހެދުމުގައި ހިމެނޭ ދޯޕައްޓާ ބޭނުން ކުރަނީ ހަމައެކަނި އޮފީހަށް ދާށާއި ރަސްމީ ހަފުލާތަކަށެވެ.

1 މޭ 1968 ގައި އޮފީހަށް ދާން އެކަށީގެންވާ ހެދުން ސަރުކާރުން ކަނޑައެޅިއެވެ. އަންހެނުންނަށް ކަމުދާ ހެދުން ތަކަކީ ފާސްކުރި ހެދުމާއި ޕާކިސްތާނު ހެދުމާއި ހަވީރީ ހެދުމެވެ. އެއާ އެކީގައި އެކަށީގެންވާ ފައިވާނަކަށް އަރަން ޖެހެއެވެ. ހަމަ އެއާ އެކީގައި ފިރިހެނުންނަށް މުންޑު އަނުމުގެ ބަދަލުގައި ފަޓުލޫން ލުން މަޖުބޫރުވިއެވެ. މިކަމާ ހުރެ ބައެއް މީހުން ހާރނިއާ، ހައިޑްރޯސީލް އޮޕަރޭޝަން ކުރަން އައްޑޫއަށް ދާން ޖެހުނެވެ. ނަސީބަކުން އަންހެނުންނަށް މިކަހަލަ މައްސަލައެއް ކުރިމަތި ނުވެއެވެ.

60 ގެ އަހަރުތަކުގައި ފުރަތަމަ ފަހަރަށް ހުޅަނގުގެ ފެޝަންތައް ތައާރަފުވިއެވެ. މީގެ ތެރެއިން ފާހަގަކުރެވެނީ މިޑީއެވެ. ރާއްޖެއަށް މިޑީ އައީ "ޝިފްޓްގެ" ނަމުގައެވެ. އޭގެ ދިގުމިން ހުންނަނީ ކަކުލުން 6 އެއްކަ އިންޗި މައްޗަށެވެ. އެހެން ކަމުން ފައި އެއްކޮށްހެން ހާމަކޮށް ފެންނާނެއެވެ. 1970 ހާ ހިސާބުގައި ޝިފްޓް ބޭނުން ކުރުން މަދުވެ އޭގެ ބަދަލުގައި ކަކުލަށްވުރެން ތިރިއަށް ހުންނަ މެކްސީ ރާއްޖެއަށް އައެވެ.

ރާއްޖެއަށް ބެލް ބޮޓޮމް ތައާރަފުވީ ވެސް 1970 އައިގެ އަހަރުތަކުގައެވެ. އެއީ އެ ދުވަސްވަރު މުޅި ދުނިޔެއަށް މަޝްހޫރު ވެގެން ދިޔަ ފައިކުރި ފުޅާ ހަރުވާޅެކެވެ. އެ ބޭނުން ކުރީ ޓޮޕަކާއި އެކުގައެވެ. ލަފާ ކުރެވޭގޮތުން ރާއްޖެއަށް ބެލް ބޮޓޮމް ގެނައީ ޗާންދަނީ މަގުގައި ހިންގި ސިންގަޕޫރު ބާޒާރުގެ ފިހާރަތަކުންނެވެ.

80 އިގެ އަހަރުތައް ފެށުނު ހިސާބުން ރާއްޖެއަށް ކުރުހެދުން ތައާރަފު ވިއެވެ. އެ ހެދުމުގެ ތިރީބައިގައި ރޫބައެއް ހުރެއެވެ. ރޫބައިގެ ތިރިން ހަރުވާޅެއް ލައެވެ. އަތޮޅުތެރޭގައި ހަރުވާޅުގެ ބަދަލުގައި އަނދެއުޅުނީ ކަނޑިކި ބުރިއެކެވެ. ހަމަ އެދުވަސްވަރު ބުރުގާހެދުން ތައާރަފުވިއެވެ. އަދި ދާދި އަވަހަށް ބުރުގާ މުޅިރާއްޖެއަށް ފެތުރިގެން ދިޔައެވެ. މީ އެދުވަސްވަރު ޝައިޚުން ރަށްރަށަށް ގޮސްގެން ކުރި މަސައްކަތުގެ ނަތީޖާއެވެ. (ބުނެ އުޅޭގޮތުން މިކަމަށް ބޭރުގެ ޖަމާއަތްތަކުން މާލީ އެހީ ލިބުނެވެ. އަޅުވާ ކޮންމެ ބުރުގާއަކަށް ކަނޑައެޅިފައިވާ ރޭޓަކުން ފައިސާ ލިބޭކަމަށް ކިޔައި އުޅުނެވެ. މީގެ ހަޤީޤަތެއް ނޭނގެއެވެ.)

ރާއްޖޭގައި ޖީންސް އާއްމުވީ 2000 ހާ ހިސާބުގައެވެ. އެއާ އެކު ލައި އުޅުނީ ޓޮޕާއި ޓީ-ޝަރޓެވެ. މި ހެދުން ވެސް ވަރަށް އަވަހަށް އާއްމު ވެގެން ދިޔައެވެ. ބުރުގާ އަޅާ ވަރަށް ގިނަ ކުދިން ވެސް އަތްދިގު ޓީ-ޝަރޓް ލައި އުޅުނެވެ. ޚާއްސަކޮށް ފެޝަން ބުރުގާ އަޅާ ކުދިން އަތްދިގު ޓީ-ޝަރޓް ލައި އުޅުނެވެ. ސްކާޓާއި ގަމީސް ނުވަތަ ސްކާޓާއި ޓީޝާޓަކީ ވެސް ޒުވާން އަންހެން ކުދީންގެ މެދުގައި ދޭތެރެ ދޭތެރެއިން ވައިގައި ހިފައި ވަރަށް ގިނައިން ލައި އުޅޭ ހެދުމެކެވެ.

2015 ވަނަ އަހަރު ހާ ހިސާބުން ފެށިގެން ބޭރުގެ ރެޑީމޭޑް ހެދުންތަކަށް އިންޓަރނެޓް މެދުވެރިކޮށް އޯޑަރު ކުރުން އާއްމުވިއެވެ. ހުޅަނގުގެ ފެޝަންތައް ގެންނަނީ ސިންގަޕޫރާއި ހޮންގކޮންގއާއި ލަންޑަނުންނެވެ. ބުރުގާ ހެދުން ގެންނަނީ ތުރުކީއިންނެވެ. މިހާރު އެންމެ ހިނގާ ހެދުމަކީ ތުރުކީގެ ކަޅު ޖުއްބާއެވެ.

މިވޭތުވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި މޫނު ބުރުގާ މަޑުމަޑުން ގިނަވާން ފައްޓައިފިއެވެ. އެ ގިނަވާން ފެށީ ސަރުކާރުން ކުރިން ހިފަހައްޓާއި އޮތްއޮތުމަށް ދޫދިނުމާ ގުޅިގެންނެވެ. މިހާރުގެ އޮއިވަރު ހުރިގޮތަށް ބަލާއިރު ލަފާކުރެވެނީ ދިވެހި އަންހެނުންގެ ކުރިމަގު އޮތީ މޫނު ބުރުގާއާއިއެކު ކަމަށެވެ.

*******

އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.