ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީ ޢިއްޒަތްތެރިވެރިޔާ ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ 2 ސެޕްޓެމްބަރު 1926ގައެވެ. (އުމުރުފުޅުން 82 އަހަރުގައި) އަވަހާރަވީ 22 ނޮވެމްބަރ 2008ގައެވެ.
ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއަކީ، ރާއްޖެ މިހާރު މިދެކޭ މިނިވަންކަމުގެ ބާނީއެވެ. އިނގިރޭސީންގެ ހިމާޔަތުގެދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ގެންގުޅުއްވި ތޫނު ވިސްނުންފުޅާއި ނުގުޑާފަދަ އަޒުމާއި ހަރުދަނާ ހިކުމަތުޢަމަލީގެ ސިޔާސަތަކީ ދިވެހި ތާރީޚުގައިވެސް ލާމަސީލު މިސާލެކެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ރާއްޖެއާ ވަކިވެ ނުރައްކާތެރި ޙާލަތަކަށް ޤައުމު ގޮސްފައިވަނިކޮށް ރާއްޖޭގެ ބޮޑުވަޒީރެއްގެ ގޮތުގައި ސަރުކާރު ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ފިސާރި ސާބިތުކަމާއެކު އަދާކުރައްވައި ރާއްޖޭގެ ޤައުމީ މިނިވަންކަން ދިފާޢުކުރެއްވުމަށް އެ ހިނދަށް ރާއްޖެއަށް އެންމެ ބޭނުންތެރި ފިޔަވަޅުތައް އަޅުއްވައި، ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެގޮތުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަމުގެ "މޭވާ" ލިބުނެވެ.
ރާއްޖެއަށް އިގުތިސާދީ މިނިވަންކަން ބޮޑުވަޒީރު ނާސިރު ހޯއްދަވައިދެއްވީ ރާއްޖެއަށް ސިޔާސީ މިނިވަންކަން 1965 ގައި އެމަނިކުފާނު ހޯއްދަވައިދެއްވުމުގެ 3 އަހަރުކުރިން 1962 ގައެވެ. ރާއްޖޭގެ ވިޔަފާރީގެ ބޮޑުބައި ވޯރާއިންގެ އަތުގައި އޮވެ މަޑުމަޑުން ދިވެހީންގެ ބާރުވެސް ވިޔަފާރީގެ މަސްރަހުން ފާއްދާލައިގެން އައިސް 1960 ގެ އަހަރުތައް ފެށުނުއިރު ދިވެހި މަސްރަހުގައި ވަނީ ވަރަށް ވަރުގަދަ ހިތްވަރާއި އަޒުމެއްގެ ކުލަ ޖަހާފައެވެ. އެއީ ދިވެހީން އިނގިރޭސީންގެ ހިމާޔަތުން ނުކުމެ މިނިވަން ގައުމެއްގެ ގޮތުގައި ނޭވާލުމަށް ފަށާފައިވާ ހިތްވަރުގަދަ މަސައްކަތުގެ ފާޅުކަންބޮޑު ކުލައެވެ. މިގޮތުން އެޅިގެންދިޔަ އެންމެ މުހިއްމު އަދި ބޭނުންތެރި އެއްފިޔަވަޅަކީ 1857 ވަނަ އަހަރުންފެށިން ރާއްޖޭގައި ވިޔަފާރިކުރަމުން އައި ވޯރާ ވިޔަފާރިވެރިންގެ ވިޔަފާރި ސަރުކާރުން ހުއްޓުވި ހުއްޓުވުމެވެ. މިކަން ހަމަޖެއްސީ 1 އޯގަސްޓް 1962 ގައެވެ. ގާތްގަނޑަކަށް 105 އަހަރުވީފަހުންނެވެ.
ރާއްޖޭގެ މިޒަމާނުގެ އިގުތިސާދީ މިނިވަންކަމަށް މިހާރު މިވަނީ 65 އަހަރެވެ.! ރާއްޖޭގައި ވޯރާ ޖަމާޢަތުގެ މީހުން ކުރަމުން އައި ވިޔަފާރި ހުއްޓުމާއެކު ދިވެހި ވިޔަފާރީގައި މުޅިން އާ ބާބެއް ފެށުމުގެ މަގު ތަނަވަސްވެގެންދިޔައެވެ. އޭރު ފުރަތަމައަށް ޙަރަކާތްތެރިވަމުންދިޔައީ ކުރީއްސުރެ އުފެދިފައިވާ ކުންފުނިތަކެވެ. އެކަމަކު ދުވަސްކޮޅެއްފަހުން އަތިރީ މާފަންނުގޭ ޓްރޭޑިންގ އެކައުންޓް (އޭ.ޓީ.އޭ.) ގެ ނަމުގައި ވަކި ވިޔަފާރިއެއް ފެށި ދިވެހި ސަރުކާރުގެ ބޮޑު އިސްޓޯރު ނުވަތަ އެމް.ޖީ.ބީ.އެސްގެ ނަންބަރުތަކެއްގެ ގޮތުގައި މާލޭގައި ގިނަ ޢަދަދެއްގެ ފިހާރަތައް ހުޅުވުނެވެ. މި ވިޔަފާރި ފެށުނީ 18 މެއި 1964 ގައެވެ. މި ފެށުނު ވިޔަފާރިއަކީ ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމުގައިވާ އެސް.ޓީ.އޯ.ޕލކ ގެ ފެށުމެވެ. އޭ.ޓީ.އޭ./ އެމް.ޖީ.ބީ.އެސްގެ ވިޔަފާރި ފުޅާވަމުން ދިއުމާއެކު އަމިއްލަ ވިޔަފާރިވެސް އައީ ބާރަށް ފުޅާވަމުންނެވެ. މިގޮތަށް އައިސް ޗާންދަނީމަގުގެ އުތުރުކޮޅުގައި "ސިންގަޕޫރު ބާޒާރު" ގެ ނަމުގައި ވިޔަފާރިކުރަން ފެށުނީ 1976 ހާ ހިސާބުގައެވެ. އެއީ އައްޑޫއަތޮޅު ގަމުން އިނގިރޭސީން ފޭބުމާއެކު އޮހިގަތް ޕައުންޑާއި ޓޫރިޒަމްގެ ވަސީލަތުން ވަންނަ ޑޮލަރުގެ ބޭނުން ހިފައިގެން އަމިއްލަ މީސްމީހުން ސިންގަޕޫރަށް ގޮސް މުދާ ގެންނަން ފެށި ހިސާބުންނެވެ. މިގޮތަށް މުދާގެންނަން ފެށުމާއެކު ބާޒާރުން އައު ބާވަތްތައް ލިބެން ފެށުމެވެ. މީލާދީން 1976 ވަނަ އަހަރު ހިމެނީ ހަމައެކަނި އެކްސްޕޯޓް، އިންޕޯޓް، ވިޔަފާރީގައި ފާހަގަކުރެވޭ އަހަރަކަށްވުމުގެ އިތުރަށް އެ އަހަރަކީ ރާއްޖޭގައި ފޮރިން އިންވެސްޓްމެންޓްގެ މަސައްކަތް ފެއްޓެވޭތޯ ސަރުކާރުން ކޮންމެވެސް ސިފައެއްގައި މަސައްކަތް ފެއްޓެވި އަހަރެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. މިގޮތުން ފޮރިން އިންވެސްޓްމެންޓް ޑިވިޜަންގެ ނަމުގައި އިދާރާއެއް އުފެދުނެވެ.
ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ޖުލައި26، 1965 މިދުވަހު ހެނދުނު ދިހައެއްޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގައެވެ. ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ. މިއެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ޑިސެމްބަރު16، 1887އިން ފެށިގެން އިނގިރޭސީންގެ ހިމާޔަތުގެދަށުގައި ރާއްޖެ އޮތް އޮތުން 77 އަހަރަށްވުރެ ގިނަދުވަސްވުމަށްފަހު ނުވަތަ ޖަނަވަރީ2، 1899އިން 26 ޖުލައި 1965 އަށް 75 އަހަރަށްފަހު ނިމުނީއެވެ.
ދިވެހިރާއްޖެއަށް ޚާރިޖީ ފުރިހަމަ މިނިވަންކަން ލިބުނުތަން މަހެއްވެސް ނުވަނީސް ރާއްޖެ 21 ސެޕްޓެމްބަރ 1965 ގައި އ.ދ. މަޖިލީހުގައި ބައިވެރިވެ 12 އޮކްޓޫބަރ 1965 ގައި އ.ދ. ގެ މައިމަރުކަޒުގައި ރާއްޖޭގެ ދިދަނެގި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ގައުމީ ދިދަ ވިހުރުވެން ފެށިއެވެ. އަދި މިނިވަންކަން ލިބުމާއެކު ޤައުމުތަކާ ރާއްޖެއާ ސިޔާސީގުޅުން ޤާއިމުކުރަން ފެށުނެވެ. 1965 ގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި ބައިނަލްއަގުވާމީ މައިދާނަށް ނުކުމެވި ގައުމުތަކާއި ޑިޕުލަމެޓިކު ގުޅުން ގާއިމުކުރުމާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގައި ބައިވެރިވާން ފެށުނީއްސުރެ 1977 ވަނަ އަހަރު ނިމުނުއިރު 31 ގައުމާއި ދިވެހިރާއްޖެއާއި ޑިޕުލަމެޓިކު ގުޅުން ގާއިމުކުރެވިފައިވެއެވެ. އަދި ބައިނަލްއަގުވާމީ 13 ޖަމާއަތަކާއި ދިވެހިރާއްޖެއާ ގުޅިފައިވެއެވެ. ދިވެހިރާއްޖެ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގައި ބައިވެރިވުމާއި އިންޓަރނޭޝަނަލް ބޭންކު ފޮރ ރިކޮންޓްރަކްޝަން އެންޑް ޑެވެލޮމަންޓް (އައިބީއާރުޑީ) އިންޓަރނޭޝަނަލް ޑެވެލޮމަންޓް އެސޯސިއޭޝަން (އައިޑީއޭ) އޭޝިޔަން ޑެވެލޮމަންޓް ބޭންކު (އެޑީބީ) ގެ މެންބަރަކަށްވުމުގެ ކަންކަން ކުރެވުނެވެ.
ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީ. ޢިއްޒަތްތެރިވެރިޔާ 12 ޑިސެމްބަރ 1957 އިން 11 ނޮވެމްބަރ 1968 އަށް ބޮޑުވަޒީރުކަމުގެ މަޤާމު އަދާކުރެއްވި 11 އަހަރާއި، 11 ނޮވެމްބަރ 1968 އިން 11 ނޮވެމްބަރ 1978 އަށް ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަދާކުރެއްވި 10 އަހަރު އެމަނިކުފާނުވަނީ ޤައުމަށް އެތައް ދާއިރާއަކުން އަދި އެތައް ރޮނގަކުން ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. މިހާތަނަށްވެސް އެފަދަ އެންމެ ބޮޑެތި ގައުމީ ޚިދުމަތްތަައް ކުރައްވައި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި ގައުމީ ޒައީމެއް މިރާއްޖޭގެ މިޒަމާނުގެ ތާރީޚުގައި ނުމެވޭމެއެވެ!
އެޑިޓަރުގެ ނޯޓު:
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު







ރައީސް އިބްރާހީމް ނާސިރު
ރައީސް އިބްރާހީމް ނާސިރު
ރައީސް އިބްރާހީމް ނާސިރު
ކޮމެންޓް