ކްރިސްޓިއަން އެރިކްސަންގެ ވާހަކައަކީ މިވަގުތު މުޅި ފުޓުބޯޅައިގެ އެންމެ ގިނައިން ދެކެވެމުންދާ ވާހަކައެވެ. ވާނީވެސް އެހެންތާއެވެ. ރޭ ޔޫރޯ 2020 ގައި ޑެންމާކާއި ފިންލޭންޑް ވާދަކުރި މެޗުގައި ފެނުނު މަންޒަރުން އެތައް ބަޔަކު މާޔޫސް ކޮށްލަފިއެވެ. ލައިވް ޓީވީގައި ފެނުނު ފުޓުބޯޅައިގެ އެންމެ އަސަރުގަދަ އެއް މަންޒަރެވެ. ޑެންމާކުގެ ތަރި އެރިކްސަން ހަބަރު ހުސްވެ ދަނޑު މައްޗަށް ވެއްޓުންވީ ބަލަންވެސް ހިތްދަތި މަންޒަރަކަށެވެ. ވީނުވީއެއް ނޭނގި ސަޕޯޓަރުންނަށް ޖެހުނީ ރޮމުން ބަލަން ތިބޭށެވެ. ދަނޑުމަތީގައި ތިބި ކުޅުންތެރިން ހާސްވެ، ކަންބޮޑުވެ، ކޮޅުކޮޅު މައްޗަށް ދުވިތަން ފެނުނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ވީ އެންމެ އަވަހަށް މެޑިކަލް އޮފިސަރުންނަށް ގޮވައި ރެފްރީ މެޗު ހުއްޓުވައިލީ މެޑިކަލް އެމަޖެންސީއެއްގައެވެ. މެޗުގެ ބާކީބައި ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން ކުޅެން ނިންމީ އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް، އޭނާގެ ހާލު ސްޓޭބަލް ވުމުންނެވެ. ދެވަނަ ހާފަށް ކުޅުންތެރިން ދަނޑު މައްޗަށް ނުކުތުމާ ދޭތެރޭ އެތައް ކަމެއް ދަނޑުމަތިން ފެނިގެން ދިޔައެވެ. ދިހަ ވަރަކަށް މިނެޓް ވެފައި ވަނީ ފުޓުބޯޅައިގެ ރީތި ނަމޫނާތައް ފެނުނު އަސަރުގަދަ ވަގުތު ކޮޅަކަށެވެ. އެ މަންޒަރުތަކުގެ ހީރޯއަކީ ޑެންމާކުގެ ކެޕްޓަން ސިމޮން ކެއާއެވެ.

ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ކެއާގެ ކެޕްޓަން ބޭންޑްގެ ރަމްޒު ރޭ އޭނާ ދައްކައިލީ ވަރުގަދަ ލީޑާޝިޕަކާ އެކުގައެވެ. ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމް އޭނާއަށް ސެލިއުޓްކުރީ ދެއްކި ހިތްވަރަށެވެ. އެރިކްސަންއަށް އެންމެ އަވަހަށް އެޓެންޑްކޮށް، އެރިކްސަންއަށް އެވަގުތަށް ބޭނުންވި އެންމެ މުހިއްމު ކަންކަން ކޮށްދިނީ ކެޕްޓަނެވެ. އެރިކްސަން ބިންމައްޗަށް ވެއްޓުމާއެކު ކެއާ ވަނީ ފުރަތަމަވެސް ގޮސް، އެރިކްސަންގެ ދޫ ފިތުނަ ނުދީ ހިފަހައްޓައިފައެވެ. އަދި ރަނގަޅު ޕޮޒިޝަނަށް ހަށިގަނޑު އަނބުރާލައި ކެއާ ވަނީ މެޑިކަށް އެރެވުމުގެ ކުރިން ސީޕީއާރްވެސް އެރިކްސަންއަށް ދީފައެވެ.

އެހިސާބުން ނިމުނީކީ ނޫނެވެ. އުމުރުން 32 އަހަރުގެ ކެއާއަކީ އެރިކްސަންގެ ޕްރައިވަސީ ހިމާޔަތް ކުރުމަށް ކުޅުންތެރިންނަށް އިރުޝާދު ދިން ކުޅުންތެރިޔާވެސް މެއެވެ. އެރިކްސަންއަށް ފަރުވާ ދެމުންދިޔަ ވަގުތު އެ މަންޒަރަކީ ބަލަން އެންމެ އެކަށޭނެ މަންޒަރަކަށް ނުވުމާއެކު ކެއާ ހުރިހާ ކުޅުންތެރިންނަށް އިރުޝާދު ދިނީ ވަށައި ފާރެއް ގޮތަށް އެތުރުމަށެވެ. މާޔޫސް ކަމުގައި ރޮވިފައި ތިބި ކުޅުންތެރިން އެކަން ކުރަންވެސް ކުރިއެވެ.

ނާޒުކު ވަގުތުގައި ހިތަށް ކެތް ނުވެ އެރިކްސަންގެ ލޯބިވާ އަންހެނުން ސަބްރީނާ ވިސްޓް ދަނޑު ކައިރިއަށް ގޮސް، ގިސްލާ ރޮމުން އެރިކްސަންގެ ހާލު ބެލުމަށް މަސައްކަތް ކުރިތަންވެސް ފެނިފައިވެއެވެ. އެވަގުތުވެސް ލީޑު ނަގައި، އެރިކްސަންގެ އަންހެނުންނަށް ކަންކަން އޮޅުންފިލުވައިދީ ހިތްވަރު ދިނީ ހަމަ ކެޕްޓަން ކެއާއެވެ. އެ މަންޒަރުވީ މާޔޫސީ 10 މިނެޓެއްހާއިރުގައިވެސް ފެނުނު އެންމެ އަސަރުގަދަ އެއް މަންޒަރަށެވެ. އެރިކްސަންގެ އަންހެނުންނަށް ކޮށްފައިވާ އަސަރާއި ކެއާ އޭނާއަށް ދިން ލޯތްބާއި އަޅާލުންވީ އެތައް ބައެއްގެ ހިތްތަކަށް އަސަރުކުރި މަންޒަރަކަށެވެ.

އެރިކްސަންގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އޭނާ ވަނީ ފޯން ކޯލަކުން ޓީމުގެ ކުޅުންތެރިންނާ ވާހަކަވެސް ދައްކައިފައެވެ. ތަޖުރިބާކާރުން ބުނެފައި ވަނީ އެރިކްސަން މެޗުތެރެއިން ދިޔައީ ކާޑިއެކް އެރެސްޓަކަށެވެ. ކެއާގެ އަވަސް ފިޔަވަޅުތަކަކީ އޭނާގެ ފުރާނަ ސަލާމަތްވުމަށް މުހިއްމު ފިޔަވަޅުތަކެއް ކަމަށް ތަޖުރިބާކާރު ޑޮކްޓަރުން ވަނީ ބުނެފައެވެ. މުޅި ޑެންމާކު، މުޅި ފުޓުބޯޅަ ކެއާއަށް ތައުރީފު ބަންޑުން ކޮށްލީ ލީޑާޝިޕުގެ ސަބަބުންނެވެ. ސާބިތުކަމާއެކު ޓީމަކީ އާއިލާއެއްގެ ގޮތުގައި ބަލައި، ދެއްކި އޯގާތެރިކަމާއި އަޅާލުމުގެ މިސާލަކީ އެހެން ހުރިހާ ކެޕްޓަނުންނަށް ނަމޫނާއެކެވެ. ކެއާއަކީ ރޭގެ "ހީރޯ"އެވެ. ޑެންމާކުގެ "ސުޕަހީރޯ" އެކެވެ.