ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީގެ ސްކްރީން ޝޯޓެއް ލީކު ވުމުން އެ ކޮމެޓީގެ ބައްދަލުވުންތައް އޮންލައިންކޮށް ނުބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން ހިންގާ ޕާލިމެންޓްރީ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުވުމަށް އެންގުމުން، އެކަމުގެ ރައްދުގައި ސިފައިންގެ ފަރާތުން ހާޒިރުވާނީ ގައުމީ ދިފާއީ ބާރުން ކަމަށް ބުނެ އެމްއެންޑީއެފުން ސިޓީއެއް ފޮނުވިއެވެ.
ނަމަވެސް އެމްއެންޑީއެފްގެ އެ ސިޓީއަކީ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅައި މަޖިލީހުގެ އިމްތިޔާޒަށް ހުރަސް އެޅޭ ފަދަ ކަމެއް ކަމަށް ވިދާޅުވެ އެ ސިޓީގައި ސޮއިކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައި ދެއްވުމަށް މަޖިލީހުގެ ރައީސް ސުލޫކީ ކޮމިޓީގައި އެދިވަޑައިގެންނެވިއެވެ.
އެ އެދިވަޑައިގަތުމާ އެއްގޮތަށް މައްސަލަ ކޮމެޓީއަށް ހުށަހެޅި ދުވަހުގެ ރޭ 10:15 ގައި އެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިއެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޮންލައިންކޮށް މަޖިލިސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ އެ ބައްދަލުވުންވެސް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. ނަމަވެސް ކޮމިޓީ ބޭއްވީ، ވޯޓެއް ނަގައި ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.
ސުލޫކީ ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރޭގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ގަވާއިދުގެ ތެރެއިން ކަމަށާއި އަދި ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު ވޯޓަށް އަހާފައި ވަނީ ހުށަހެޅުންތައް ލިބުނު ތަރުތީބުން ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ހުށަހެޅި ތާއިދު ލިބިފައި ވަނީ އެ މައްސަލައަކީ ސުލޫކު ކޮމެޓީން ބެލިދާނެ މައްސަލައެއް ކަމަށް ގަބޫލުނުކުރެވޭތީ މައްސަލަ ބޭރުކުރުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްކުރި ކަމަށްވެސް ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، ކޮމެޓީގެ ބައްދަލުވުމުގައި ނެގި ވޯޓުގެ ނަތީޖާގެ ސްކްރީން ޝޮޓެއް ލީކުވެފައިވާތީ، އެކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވެ، ކޮމެޓީގެ މެންބަރުންނަށް އެކި ފަރާތްތަކުން އުނދަގުލާއި ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށެވެ.
"އެހެންކަމުން އެފަދަ ކަމެއް ކުރިއަށް އޮތްތަނުގައި ދިމާވިޔަނުދިނުމަށްޓަކައި އޮންލައިންކޮށް ބޭއްވޭ ކޮމެޓީގެ ބައްދަލުވުންތަކުގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބައްދަލުވުން ސިއްރު ކުރަން ކޮމެޓީން ނިންމާ ހިސާބުން ކޮމެޓީގެ ބައްދަލުވުން މެދުކަނޑާލައި މަޖިލީހުގެ އިދާރާގައި އެ ބައްދަލުވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދުމަށް ކޮމެޓީން ވަނީ ނިންމާފައި،" ކޮމެޓީގެ މުގައްރިރުގެ ނަމުގައި ނެރެފައިވާ ބަޔާނުގައިވެއެވެ.
މުގައްރިރު ޔާސިރު އަބްދުއްލަތީފުގެ އިތުރުން ދެން އެ ކޮމެޓީގައި ހިމެނިވަޑައިގެންނަވަނީ، ނައިބު މުގައްރިރު އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދުރާއީ، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ، ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ