ޔޫރޯ 2020 ގެ ގްރޫޕް ސީގައި މިރޭ އޮސްޓްރިއާ އާއި ނޯތު މެސަޑޯނިއޯ ކުޅޭ މެޗަކީ ދެޓީމަށްވެސް މުހިއްމު ވާނެ މެޗެކެވެ. ނޯތު މެސަޑޯނިއާ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗަކީ މިރޭގެ މެޗު ކަމަށްވާއިރު، އޮސްޓްރިއާ ނުކުންނާނީ ޔޫރޯގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދުމުގެ ވިސްނުމުގައެވެ. ރޮމޭނިއާގެ ބުޗަރެސްޓްގެ ނޭޝަނަލް އެރީނާގައި ކުޅޭ މެޗު ފެށިގެންދާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.

  • އޮސްޓްރިއާ - ނޯތު މެސަޑޯނިއާ

މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ ކުޑަ ގައުމަކީ ނޯތު މެސެޑޯނިއާއެވެ. ނޯތު މެސެޑޯނިއާ އިން އަންނަނީ 1996 ވަނަ އަހަރުން ފެށިގެން ޔޫރޯ ކޮލިފައިންތަކުގައި ވާދަކުރަމުންނެވެ. އެހެންނަމަވެސް މިއީ ގައުމުގެ ތާރީހުގައި ފުރަތަމަ ބޮޑު މުބާރާތެވެ. ފުރަތަމަ ޔޫރޯވެސް މެއެވެ. އަނެއްކޮޅުން އޮސްޓްރިއާއަކީވެސް ޔޫރޯގައި މާ ކާމިޔާބު ޓީމެއް ނޫނެވެ. އޮސްޓްރިއާއިން 2008 ވަނަ އަހަރު އަދި އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި އޮސްޓްރިއާއިން ވާދަކުރި ނަމަވެސް އެޓީމަށް މިހާތަނަށް ޔޫރޯގައި މޮޅެއް ހޯދިފައެއް ނުވެއެވެ.

މި ދެޓީމު މިހާތަނަށް ކުޅެފައި ވަނީ ވާދަވެރި ދެ މެޗެކެވެ. އެ ދެމެޗުންވެސް މޮޅުވީ އޮސްޓްރިއާއެވެ.

  • އޮސްޓްރިއާ ކޯޗު ފްރާންކޯ ފޯޑާ

"މެސަޑޯނިއާގެ ވަރުގަދަ ޑިޕާޓްމަންޓްތައް އަހަރެމެންނަށް އެނގޭ. ޑިފެންސުން އެޓޭކަށް ބަދަލުކުރުމުގައި މެސަޑޯނިއާ އަބަދުވެސް ފާހަގަކޮށްލެވޭނީ ވަރުގަދަ ޓީމެއްގެ ގޮތުގައި. ކުޅުން ފަހަތުން އުފެއްދުމަށް އަހަރެމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ. ބޯޅަ އަވަސް އަވަހަށް ގެއްލުވާލައިގެން ނުވާނެ. ޑޮމިނޭޓް ކޮށް ކުޅެ، އެޓީމަށް ފުލުފުލުގައި އެޓޭކް ކުރަން ޖެހޭ. އެއީ މުހިއްމު ކަމެއް. އެޓޭކް ކުރާއިރު ކައުންޓާއަށް ސަމާލުވާން ޖެހޭނެ. މެސަޑޯނިއާ ކައުންޓާގައި ނުރައްކާ ކުރާނެ،"

  • ނޯތު މެސަޑޯނިއޯ ކޯޗު އީގޯ އެންޖެލޯވްސްކީ

"ކުރިން އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މިހާރު ހާލަތު ވަރަށް ބޮޑަށް ބަދަލުވެއްޖެ. އެއީ ދެއަހަރު ކުރިން ކުޅުނު ދެމެޗު. އެ ދެމެޗުގައި ބަލިވެފައި އޮތް ނަމަވެސް މިހާރު އަހަރެމެން ގައުމީ ޓީމުގެ ތަފާތު ވަރަށް ބޮޑުވާނެ. އޭގެފަހުން ނޯތު މެސަޑޯނިއާގެ ކުޅުން ވަނީ ރަނގަޅު ކޮށްފައި. ކުޅުންތެރިން ފެންނަނީ ތަފާތުކޮށް، ހިތްވަރާއެކު ކޮލިފައިން މެޗުތައް ކުޅެފައިވާކަން ފާހަގަކޮށްލަން ޖެހޭ. މިއީ ތާރީހީ މެޗެއް،"