މިއަދު ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑާ ކްރޮއޭޝިއާ ވާދަކުރާ މެޗަކީ މުބާރާތުގައި މިހާތަން ފެންނާނެ އެންމެ ވަރުގަދަ އެއް ކުރިމަތިލުމަށް ވާނެއެވެ. ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ އަމިއްލަ ގައުމުގައެވެ. ގައުމީ ޓީމުގެ ރަސްމީ ސްޓޭޑިއަމްގައި ހޯމް ސަޕޯޓަރުންނާވެސް އެކުގައެވެ. ވެމްބްލީ ތައްޔާރުވެފައި އޮތީ އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމް ކްރޮއޭޝިއާއަށެވެ. އަދި އެ މުބާރާތުގެ ސެމީގައި ކުޅުނު އިންގްލެންޑަށެވެ. ތާރީހުގެ ނަޒަރުން ބަލާއިރު ވަރުގަދަ މެޗެކެވެ. ގަދަ ދެބާރުގެ ކުރިމަތިލުމެކެވެ.
- އިންގްލެންޑް - ކްރޮއޭޝިއާ
އިންގްލެންޑާއި ކްރޮއޭޝިއާއަކީ އެއް ފަންތިއެއްގެ ވާދަވެރި ދެޓީމެވެ. މިހާތަނަށް 10 މެޗު އެ ދެޓީމު ކުޅެފައިވާއިރު، އިންގްލެންޑުން ވަނީ ފަސް މެޗު ކާމިޔާބު ކޮށްފައެވެ. ކްރޮއޭޝިއާއަށް އިންގްލެންޑް އަތުން ތިން ފަހަރު މޮޅުވެވިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗެވެ. ކްރޮއޭޝިއާއިން އެ މެޗުގައި އިންގްލެންޑް ބަލިކުރީ އިތުރު ވަގުތުގައި ގޯލް ޖަހައިގެންނެވެ. އޭގެ ފަހުން ނޭޝަންސް ލީގުގައި ކުޅުނު މެޗު ކާމިޔާބުކުރީ އިންގްލެންޑެވެ.
- ކޯޗުންގެ ބަސް
ގެރެތު ސައުތުގޭޓްގެ އިތުބާރު ޒުވާން ސްކޮޑަށް އެބައޮތެވެ. ގައުމީ ޓީމަށް ގިނަ މެޗުތަކެއް ނުކުޅެ ތިބި ކުޅުންތެރިން ސްކޮޑުގައި ގިނަ ނަމަވެސް މުބާރާތްތަކުގައި ތަފާތު ދެއްކޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. ހާއްސަކޮށް އޭނާގެ ފިލޯސަފީއަކީ އެންމެ ރަނގަޅަށް ލީގުގައި ކުޅޭ ކުޅުންތެރިންނާއެކު މުބާރާތްތަކަށް ދިޔުމެވެ. އަލަށް ގައުމީ ޓީމަށް ނެގުނަސް އެއީ މައްސަލައެއް ނޫން ކަމަށް ސައުތުގޭޓް ފާހަގަކުރެއެވެ.
"އަހަރެން ޓީމުގެ ކުޅުންތެރިންނަކީ ގައުމީ ޓީމަށް ތަޖުރިބާ ނެތްނަމަވެސް މިވަގުތު އިންގްލެންޑްގައި ތިބި އެންމެ ހުނަރުވެރި ކުޅުންތެރިން. މިއީ އެ ކުޅުންތެރިންގެ ތަޖުރިބާ، މިހާރުގެ ފުޓުބޯޅައިގައި އަހަރެން ގަބޫލުކުރަނީ ބެލެންސް ކުރެވިއްޖެ ކަމަށް. ކުރިން ތަޖުރިބާކާރު ކުޅުންތެރިންނަށް މުބާރާތްތައް ހޯދުނު ނަމަވެސް މިހާރު ޒުވާން ސްކޮޑެކޭ ކިޔައި ވަކި ފަހަތަށް ނުޖެއްސޭނެ. 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ދިޔަ އެންމެ ޒުވާން ދެ ސްކޮޑަކީ އިންގްލެންޑާއި ފްރާންސް. ދެޓީމުވެސް ކާމިޔާބު،" ސައުތުގޭޓް ބުންޏެވެ.
- ލަޓްކޯ ޑަލިޗް
"އަހަރެމެން ސަމާލުގައި މިތިބީ ކޮންމެ ކޮޅަކުންވެސް ނުރައްކާ އައިސްދާނެ ކަމަށް. އިދިކޮޅަށް ކުޅެން މިޖެހެނީ ދުނިޔޭގައި އޮތް އެންމެ ކޮލިޓީ އެއް ޓީމާ. އަހަރެމެން އަހަރެމެންގެ ކުޅުމުގައި ތިބޭނީ. ހަމައެކަނި ޑިފެންސް ކުރާކަށްވެސް ނޫން ނުކުންނާނީ. ރަނގަޅު ފެށުމަކަށް އިންގްލެންޑް ބަލިކުރަން ނުކުންނާނީ. އުނދަގޫ މެޗެއް ނަމަވެސް ނަތީޖާއަށް މަސައްކަތް ކުރާނަން،" ކްރޮއޭޝިއާ ކޯޗު ޑަލިޗް މެޗުގެ ކުރިން ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު