ޔޫރޯ 2020

ބެލްޖިއަމްއަށް ވަރުގަދަ ފެށުމެއް، ލުކާކޫގެ ފުރަތަމަ ގޯލު އެރިކްސަންއަށް ހާއްސަ

ބެލްޖިއަމްއިން ފަސޭހަކަމާއެކު ރަޝިއާ ބަލިކޮށް، ޔޫރޯ 2020ގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ޔޫރޯގެ ގްރޫޕް ބީގައި މިރޭ ބެލްޖިއަމްއިން ކުޅުނު މެޗުގައި ރަޝިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރަޝިއާގެ ސެންއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ރަޝިއާގެ އެތައް ހާސް ސަޕޯޓަރުންނަށް ވަދެ އޮތްއިރު، މިއީ ސަޕޯޓަރުން މާޔޫސް ކޮށްލި ނަތީޖާއެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގައުމު އަތްދަށުވެ ރަޝިއާއަށް މިރޭވީ އުނދަގޫ ފެށުމަކަށެވެ.

ބެލްޖިއަމްއަކީ މެޗަށް ނުކުތްއިރުވެސް ފެވަރިޓް ޓީމެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ބެލްޖިއަމްއަކީ މިހާރު ތަރިންގެ ޓީމެކެވެ. އެޓީމުގެ ރަން ޖީލުގެ ފެށުމަކީ 2016 ވަނަ އަހަރުގެ ޔޫރޯއެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި ވެސް ބެލްޖިއަމްގެ ނަތީޖާ ގޯހެއް ނޫނެވެ. އެއީ 16 އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫރޯގައި ބެލްޖިއަމް ވާދަކުރި ފުރަތަމަ ފަހަރެވެ. އެޓީމުން ވަނީ މުބާރާތުގެ ކުއާޓާގައި ކުޅެފައެވެ.

އަނެއްކޮޅުން ރަޝިއާއަށް އެގައުމުގެ ވޯލްޑް ކަޕް ވަރަށް ކާމިޔާބެވެ. ރަޝިއާ އިން ޔޫރޯ 2008ގެ ސެމީއަށް ދަތުރުކުރި އިރު، ވޯލްޑް ކަޕް 2018ގެ ކުއާޓާއަށް ދަތުރުކުރިއެވެ. މިރޭގެ މެޗަށް ނުކުތީ އަމިއްލަ ސަޕޯޓަރުންނާއެކު ހޯމްގައެވެ. އެ އުފާވެރިކަން ރަޝިއާއަށް އޮތެވެ.

އަނިޔާގެ ސަބަބުން މި މެޗުން ބެލްޖިއަމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ކެވިން ޑި ބްރޭނާ ނުފެނެއެވެ. އަދި އެޓީމުގެ ކެޕްޓަން އެޑެން ހަޒާޑު ވެސް މެޗު ފެށީ ބެންޗުންނެވެ. ނިމިގެން ދިޔަ ސީޒަނަކީ ހަޒާޑަށް ވަރަށް ދަށް ސީޒަނެކެވެ. މިރޭގެ މެޗުގެ ދެވަނަ ހާފުގައި ހަޒާޑް ވަނީ ކުޅުމަށް ނުކުމެފައެވެ. ކުޅުމަށް ނުކުމެ އޭނާ އެދުނީ ކެޕްޓަން ބޭންޑްގައި ހުރި ޖޯލް ވާޓޮންގަން އަތުގައި ބޭންޑް ބޭންދުމަށެވެ.

އެ ދެކުޅުންތެރިންނާ ނުލައިވެސް ބެލްޖިއަމް އޮތީ ބަލިކޮށެއް ނޫނެވެ. ފެށީވެސް ވަރުގަދަ ކޮށެވެ. މެޗުގެ 10 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. ގިނަ ބަޔަކު އުންމީދުވެސް ކުރި ގޮތަށް އެ ގޯލް ޖެހީ އިންޓަ މިލާނާއެކު އިޓަލިއަން ސެރެއާ އޭ ކާމިޔާބުކުރި ފޯވަޑް ރޮމެލޫ ލުކާކޫއެވެ.

ގޯލާއެކު ލުކާކޫ ކެމެރާއާ ދިމާލަށް ދުވެފައި ގޮސް ކެމެރާއަށް ދިން މެސެޖަކީ އޭނާ "އެރިކްސަން ދެކެ ލޯބިވާ" ކަމަށް ބުނެ ދިން އަގުބޮޑު މެސެޖެވެ. މިރޭ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ފިންލޭންޑާއި ޑެންމާކު ކުޅެމުންދަނިކޮށް، ކުޅުމުގެ ތެރޭގައި ހުއްޓައި ޑެންމާކުގެ ތަރި އެރިކްސަން ވަނީ ކުއްލިއަކަށް ހަބަރު ހުސްވެ ދަނޑު މައްޗަށް ވެއްޓިފައެވެ. އެކަމުގައި މެޑިކަލް އެމަޖެންސީއަށް މެޗު ގަޑިއިރެއްހާއިރަށް މެދުކަނޑާލުމަށްފަހު އަލުން ފެށީ އެރިކްސަންގެ ހާލު ރަނގަޅުވަމުން ދިޔުމުންނެވެ. އެރިކްސަންއަށް ހިތްވަރުދީ ފުޓުބޯޅައިގެ ހުރިހާ ފަރާތްތަކުންވެސް ދަނީ އެކިއެކި މެސެޖުތައް ޕޯސްޓް ކުރަމުންނެވެ.

އެ ގޯލާއެކު ފެށުން ރަނގަޅުކޮށް ބެލްޖިއަމްއިން ވަނީ ދެވަނަ ހާފްގެ ކުރިން އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 2-0 އަށް ބަދަލުވެސް ކޮށްލައިފައެވެ. ކެޕްޓަން އެޑެން ހަޒާޑުގެ ކޮއްކޮ، ތޯގަން ހަޒާޑް ނަގައިދިން ބޯޅައެއް ރަޝިއާ ކީޕަރު ޝުނިންއަށް ރަނގަޅަށް ދިފާއު ނުކުރެވި އަތުން ކަހާލުމުގެ ފައިދާ ނަގައި، ލިބުނު ރީބައުންސް ބޯޅައަކުން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ތޯމަސް މުނިއޭއެވެ.

މެޗުގެ ދެވަނަ ހާފް ފެނުނީ ހަމަލާތައް މަދު ހާފެއްގެ ގޮތުގައެވެ. ގޯލަށް އަމާޒުކޮށް ދެޓީމަށްވެސް އުފެއްދިފައި ވަނީ މަދު ހަމަލާއެކެވެ. ރަޝިއާއިން ކުރިއަށް ޖެހި ގޯލަކަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބު ނުވީ ބެލްޖިއަމްއިން ހަމަޖެހިލައިގެން ކުރަމުން ދިޔަ ޑިފެންސްގެ ސަބަބުންނެވެ.

މެޗުގެ ނަތީޖާ ބެލްޖިއަމްއަށް ޔަގީން ކޮށްދިނީ ފޯމްގައި ހުރި ލޫކާކޫގެ އިތުރު ގޯލަކުންނެވެ. ނިމިނިމި އޮއްވައި ލުކާކޫ މެޗުގައި ޖެހި ދެވަނަ ގޯލަކީ އޭނާ މިހާތަނަށް ބެލްޖިއަމް ޖާޒީގައި ކުޅުނު 93 މެޗުން ޖެހި 62 ވަނަ ގޯލެވެ.

މާދަމާ އޮންނަ މެޗުތައް

18:00 އިންގްލެންޑް - ކްރޮއޭޝިއާ
21:00 އޮސްޓްރިއާ - ނޯތު މެސަޑޯނިއާ
00:00 ނެދަލޭންޑްސް - ޔުކްރެއިން