ޔޫރޯ 2020 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ފިންލޭންޑުން ޑެންމާކު ބަލިކޮށްފިއެވެ.

ޑެންމާކުގެ ވެރިރަށް ކޯޕަން ހޭގަންގައި ކުޅުނު މެޗު ފިންލޭންޑުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ ފިންލޭންޑަށް ބޮޑު މުބާރާތެއްގައި ހޯދުނު ފުރަތަމަ މޮޅެވެ. މިރޭގެ މެޗަކީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ރަނުން ފަވައިލެވޭނެ ރެއެކެވެ. އެ އުފާވެރިކަމަށް ހިނަޔި އެޅުނީ މެޗުގައި އެރިކްސަންއަށް ދިމާވި އުނދަގޫ ހާލަތުންނެވެ.

އެރިކްސަން ކުއްލިއަކަށް ހަބަރު ހުސްވެގެން ދަނޑު މައްޗަށް ވެއްޓުމާއެކު ރެފްރީ ވަނީ ވަގުތުން މެޗު މެޑިކަލް އެމަޖެންސީއަކަށް މެދުކަނޑާލައިފައެވެ. މެޗު އަލުން ފެށީ ގަޑިއިރެއްހާއިރު ފަހުން ދެ ޓީމު ވާހަކަ ދައްކައި އެރިކްސަންގެ ހާލު ރަނގަޅުކަން ޔަގީން ކުރުމަށްފަހުއެވެ.

މިރޭގެ މެޗަކީ ފިންލޭންޑްގެ ފުޓުބޯޅަ ތާރީހުގައި މުހިއްމު މެޗެކެވެ. މިއީ އެގައުމުގެ ތާރީހުގައި ބޮޑު މުބާރާތެއްގައި ކުޅުނު ފުރަތަަމަ މެޗެވެ. ފުރަތަމަ މެޗުގައިވެސް ކުޅެން ޖެހުނީ ޔޫރޯއަށް ފަރިތަ ޑެންމާކުގެ އަމިއްލަ ދަނޑުގައެވެ.

ކޯޕަންހޭކަންގެ ޕާކެން ސްޓޭޑިއަމްއަށް 12،000 އެއްހާ ސަޕޯޓަރުން ވަދެ އޮތް އިރު، ޑެންމާކަކީ ޔޫރޯ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ގައުމެކެވެ. ޔޫރޯގައި ހަތް ފަހަރު ވާދަކޮށްފައިވާ އިރު، ޔޫރޯ 1992ގެ ޗެމްޕިއަން ޓީމަކީ ޑެންމާކެވެ. އޭގެ އިތުރުން ޑެންމާކުން ވަނީ ޔޫރޯ 1984ގެ ސެމީ ފައިނަލުގައި ވާދަކޮށް، ޔޫރޯ 2004ގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޑެންމާކުން އެ ފެންވަރު ދެއްކިއެވެ. ފިންލޭންޑް މައްޗަށް ގަދަ، ޑެންމާކުން މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓްކޮށް ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދިއެވެ. ފިންލޭންޑްގެ ސަލާމަތަށް އެންމެ ބޮޑު މަސައްކަތެއް ކުރީ ފިންލެންޑުގެ ކީޕަރު ހްރަޑެޓްސްކީއެވެ. އޭނާގެ ފަރާތުން ފުރަތަމަ ހާފުގައި ގިނަ ސޭވްތަކެއް ފެނުނެވެ. ޖޯނަސް ވިންޑާއި މާޓިން ބްރެތުވެއިޓްގެ އިތުރުން ކްރިސްޓިއަން އެރިކްސަން ފުރަތަމަ ހާފުގައި ފޮނުވާލި ހަމަލާތައް މަތަކުރީ ފިންލޭންޑް ގޯލް ކީޕަރެވެ.

ހާފް ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މެޗުގެ ފޯކަސް އެނބުރިގެން ދިޔައީ އެރިކްސަންއަށެވެ. އޭނާ ކުއްލިއަކަށް ހަބަރު ހުސްވެ ދަނޑު މައްޗަށް ވެއްޓުމާއެކު ރެފްރީ ވަނީ ކުޅުން މެދުކަނޑަލައިފައެވެ.

އެރިކްސަން ވެއްޓުމާއެކު ޕެރަމެޑިކްސް ދަނޑު މައްޗަށް އަރައި، ވަގުތުން އަވަސް ފަރުވާ ދޭން ފަށާފައިވެއެވެ. އޭނާގެ ހާލު ސީރިއަސްކޮށް ފެނިގެން ގޮސްފައިވާ އިރު، ރެފްރީ ވަނީ މެޑިކަލް އެމަޖެންސީއަށް މެޗު ސަސްޕެންޑް ކޮށްފައެވެ.

އެރިކްސަން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް މިހާރު ހާލު ސްޓޭބަލް ކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ. މެޗު ސަސްޕެންޝަނުގައި ބޭއްވުމަށްފަހު ބާކީ ބައި ކުރިއަށް ގެންދިޔައީ ގަޑިއިރެއްހާއިރު ފަހުންނެވެ. ޔޫއެފާއިން ވަނީ އެކަން ނިންމަން ކްރައިސިސް މީޓިން އެއް ބާއްވައިފައެވެ.

ދެވަނަ ހާފް ފަށައި ހަތަރު މިނެޓް ކުޅުމަށްފަހު ހާފް ޓައިމް ބްރޭކަށް މެޗުގައި ދިނީ ފަސް މިނެޓެވެ. ދެވަނަ ހާފުގައިވެސް ފެނުނީ ޑެންމާކްގެ ކުޅުމެވެ. ފިންލޭންޑުން ޑިފެންސަށް ވަރަށް ބޮޑަށް ވިސްނައިގެ ފަހަތުގައި ތިބެ ޑެންމާކު ހިފަހައްޓަމުން ދިޔައެވެ.

މެޗުގެ އޮއިވަރާ އިދިކޮޅަށް ފިންލޭންޑުން ލީޑު ނެގީ 60 ވަނަ މިނެޓުގައެވެ. މުޅި ސްޓޭޑިއަމް މަޑު ޖެހުނެވެ. އެއީ ފިންލޭންޑް މެޗުގައި ހެދި ފުރަތަމަ ޝޮޓެވެ. ކައުންޓާ އެޓޭކްގައި ކުރިއަށް ޖެހި އަރިމަތިން ޖެރޭ އުރޮނެން ނަގައިދިން ބޯޅަ ބޮލުން ގޯލަށް ވައްދާލީ ޖޮއެލް ޕޮޖަންޕާލޯ އެވެ. ގޯލަށްފަހު ފިންލޭންޑުން ޑެންމާކަށް އިތުރަށް ދަތިކޮށްލިއެވެ. ޕެކްކޮށް ފަހަތުގައި ފާރު އަތުރައިލިއެވެ. ޑެންމާކުން ކުރިއަށް ޖެހި އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް ފިންލޭންޑުން އެ ފުރުސަތު ދީފައެއް ނުވެއެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ޑެންމާކަށް ޕެނެލްޓީއެއް ލިބުނެވެ. ފިންލޭންޑް ޑިފެންޑަރު އަރަޖޫރީ ޕައުލްސަންއަށް ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނެލްޓީ ދީފައެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު އެ ރަނުގެ ފުރުސަތު ނަގާލީ ހޮއިބިއާއެވެ. އޭނާ ޖެހި ޕެނެލްޓީ ފިންލޭންޑް ކީޕަރު ވަނީ މަތަކޮށްފައެވެ.

ފިންލޭންޑްގެ ތާރީހީ މޮޅު ހޯދުމަށް އެޓީމުން ލެއަށް ޑިފެންސް ކުރިއެވެ. ޑެންމާކް ހުއްޓުވުމަށް ގޯލްކީޕަރާއި މުޅި ޓީމު ވަރުގަދައަށް މަސައްކަތް ކުރިއެވެ. ފިންލޭންޑަށް މިއީ ތާރީހީ ރެއެކެވެ. އުފާވެރިވެސް ރެއެކެވެ. އެހެންނަމަވެސް އެ އުފާވެރިކަމަށް ހިޔަނި އެޅިފައި ވަނީ އެރިކްސަންއަށް ދިމާވި ހިތާމަވެރި ހާދިސާއެވެ. މުޅި ފުޓުބޯޅަ އާއިލާ ދަނީ އޭނާއަށް ހެޔޮ ދުއާ ކުރަމުންނެވެ.