ފުޓުބޯޅައިގައި ފެނުނު އެންމެ ހިތްދަތި އެއް ވަގުތުކޮޅެވެ. ޔޫރޯ 2020 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ޑެންމާކާއި ފިންލޭންޑް ކުޅެމުން ދަނިކޮށް ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ހަބަރު ހުސްވެ ދަނޑު މައްޗަށް ވެއްޓުންވީ ބަލަންވެސް ހިތްދަތި މަންޒަރަކަށެވެ. މެޗު ބަލަން ތިބި އެންމެންވެސް ދިޔައީ ޝޮކަކަށެވެ. ވީނުވީއެއް ބެލުމަށް އެތައް ބަޔަކު ސުވާލުވެސް އުފައްދަމުން ދިޔައެވެ. ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްއަށް ވަދެ ތިބި ހުރިހާ ސަޕޯޓަރުންގެ މޫނުންވެސް ފެނުނީ މާޔޫސް ކަމެވެ.

އެރިކްސަން ވެއްޓުނު މަންޒަރާއެކު ރެފްރީ އެންތޮނީ ޓެއިލާ ވަނީ މެޑިކަލް އެމަޖެންސީގައި މެޗު ސަސްޕެންޑް ކޮށްފައެވެ. ޑެންމާކް ކެޕްޓަން ސިމޮން ކެޔާ އެރިކްސަންއަށް ފުރަތަމަ އެޓެންޑްކޮށް، އޭނާ ރަނގަޅު ޕޮސިޝަންގައި ބޭއްވި މަންޒަރުވެސް ވަނީ ފެނިފައެވެ. ޕެރަމެޑިކުން އަރައި އެރިކްސަންއަށް ސީޕީއާރް ދީ ހޭއަރުވަން މަސައްކަތް ކުރަމުންދިޔަ އިރު، ފެންނަމުން ދިޔައީ ހިތްދަތި މަންޒަރުތަކެކެވެ. ހާއްސަކޮށް އެފަދަ ހާލަތަކަށް ބަލައި ކުޅުންތެރިޔާއަށް ޕްރައިވެސީ ބޭނުންވާނެވެސް މަންޒަރުތަކެކެވެ.

ދަނޑުމަތީގައި ތިބި ކުޅުންތެރިންނާއި ހުރިހާ ސަޕޯޓަރުންވެސް މާޔޫސް ކަމުގައި ރޮވިފައި ތިބި ތަން ފެނުނެވެ. ޑެންމާކުގެ ކުޅުންތެރިން ފަރާތުން ފެނުނީ މާޔޫސްކަމުގައި ތިބެވެސް އެރިކްސަންގެ ގަދަރާއި އިއްޒަތް ރައްކާތެރި ކުރުމަށް އޭނާއަށް ފަރުވާ ދެމުންދިޔަ މަންޒަރު ނުފެންނާނެހެން ކެމެރާއަށް ބްލޮކް ކޮށްލި މަންޒަރެވެ. ހުރިހާ ކުޅުންތެރިން ގޮސް އެރިކްސަންގެ ވަށާ ފާރެއްހެން އަތުރާލައި އެރިކްސަންގެ ޕްރައިވެސީ ހިމާޔަތް ކޮށްލިއެވެ. ތަރުހީބުގެ އަތްތިލަ ބަޑިއެއް ހައްގެވެ.

އެރިކްސަންއަށް އަވަސް ފަރުވާދީ ދަނޑުން ބޭލީވެސް ވަށާ ފޮތި ދަމައި ފޮރުވާލައިގެންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ވަށާ ދަމާލާފައި އޮތީ ފިންލޭންޑް ސަޕޯޓަރުން ދީފައިވާ ފިންލޭންޑްގެ ދިދައެވެ. ސަޕޯޓަރުންގެ ފަރާތުން އަސަރުގަދަ އިހުތިރާމްގެ ހަރަކާތެކެވެ. އަނެއްކާވެސް ތަފާތު މަންޒަރެކެވެ. ފުޓުބޯޅައިގެ ރޫހު ދައްކުވައިދިން މަންޒަރެކެވެ. ފިންލޭންޑް ސަޕޯޓަރުންނާއި ޑެންމާކް ސަޕޯޓަރުން މެޗަށް ވާނެ ގޮތެއް ބަލަން ދަނޑުގައި މަޑުޖެހިގެން ތިބީ "އެރިކްސަން"ގެ ނަން ދަނޑުގައި ގުގުމަމުންނެވެ.

އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް ސްޓޭބަލް ކުރުމަށްފަހު ޔޫއެފާއިން ވަނީ ސަޕޯޓަރުންނަށް އެ ހަބަރު ދީފައެވެ. މުޅި ފުޓުބޯޅަ ދުނިޔެ އެވަގުތު ދިޔައީ އެރިކްސަންއާއެކު ތިބިކަން ހާމަކުރަމުންނެވެ. އެކިއެކި މީޑިއަމްތަކުންނެވެ. ހާލަތުގެ އުނދަގޫކަމުން އެވަގުތު ކޮޅު ލައިވް ކޮމެންޓްރީގައި ކިޔައިދޭން އުނދަގޫވި ކަމަށް މެޗުގެ ކޮމެންޓްރީގައި އިން ޑެރެކް ރާއީ ވަނީ ބުނެފައެވެ. އޭނާގެ ކޮމެންޓްރީ ކެރިއަރުގައި ދިމާވި އެންމެ ހިތްދަތި ވަގުތުކޮޅެވެ.

އެރިކްސަންގެ ހާލު މިހާރު ސްޓޭބަލްއެވެ. މުޅި ފުޓުބޯޅަ ދުނިޔެ ސިހިގެން ދިޔަ ރެއެކެވެ. ކުއްލި ހަބަރެކެވެ. ކުއްލި ޝޮކެކެވެ. ޔޫރޯއާއި ފުޓުބޯޅަ ތާރީހުގައިވެސް ލިޔެވިގެންދާނެ ރެއެކެވެ. ފުޓުބޯޅަ ދެއްކީ ރީތި މަންޒަރުތަކެކެވެ. ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރަކަށްވުރެ ބޮޑު ގޭމެކެވެ. ފުޓުބޯޅަ ދައްކުވާ ތަފާތު މަންޒަރު އެކަމަށް ހެކިދެއެވެ.