ޔޫރޯ 2020 ގެ ގްރޫޕް ބީގައި މިރޭ ކުޅެމުންދިޔަ ޑެންމާކާއި ފިންލޭންޑުގެ މެޗުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުމާއެކު މެދުކަނޑާލި މެޗު ބާކީ ބައި މިރޭ 11:30 ގައި ފަށަން ޔޫއެފާއިން ނިންމައިފިއެވެ.

ޔޫއެފާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކުޅުންތެރިންނާއި އޮފިޝަލުން އެއްބަސްވެ މެޗުގެ ބާކީ ބައި 11:30 ގައި ފަށަން އެއްބަސްވެފައިވާ ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފްގެ ބާކީ ހަތަރު މިނެޓް ކުޅުމަށްފަހު ހާފު ނިންމާލައި އަނެއް ހާފުވެސް ކުޅޭނެއެވެ.

ޔޫއެފާއިން އެ ނިންމުން ނިންމީ ކްރައިސިސް މީޓިންއަކަށް ފަހުގައެވެ. މިވަގުތު އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް ހާލަތު ސްޓޭބަލް ކޮށްފައިވާ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.

ފިންލޭންޑާއި ޑެންމާކު ވާދަކުރި މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއެކު ރެފްރީ ވަނީ މެޗު މެދުކަނޑާލައިފައެވެ. މެޑިކަލް އެމަޖެންސީއެއްގައި ރެފްރީ މެޗު މެދުކަނޑާލަން ނިންމައި ވަގުތުން ވަނީ މެޑިކަލް ސްޓާފުން ދަނޑަށް އަރުވައިފައެވެ.

ޑެންމާކު އެފްއޭއިން ބުނެފައި ވަނީ އެރިކްސަންގެ ހާލު ސްޓޭބަލް ކަމަށާއި އޭނާ ހޭ އަރާފައިވާ ކަމަށެވެ.