ޔޫރޯ 2020 ގެ ގްރޫޕް ބީގައި މިރޭ ކުޅެމުންދާ ޑެންމާކާއި ފިންލޭންޑް ވާދަކުރާ މެޗުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުމާއެކު މެޗު މެދުކަނޑާލަން ޖެހިއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއެކު ރެފްރީ ވަނީ މެޗު މެދުކަނޑާލައިފައެވެ. މެޑިކަލް އެމަޖެންސީއެއްގައި ރެފްރީ މެޗު މެދުކަނޑާލަން ނިންމައި ވަގުތުން ވަނީ މެޑިކަލް ސްޓާފުން ދަނޑަށް އަރުވައިފައެވެ.
އެ ވަގުތާއެކު މުޅި ދަނޑަށް މާޔޫސްކަން ވެރިވެ، ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ކަންބޮޑުވުން ވަނީ ފެނިފައެވެ. އެރިކްސަންއަށް ނޭވާލާން އުނދަގޫވުމުގެ ސަބަބުން މެޑިކަލް ޓީމުން އޭނާއަށް ސީޕީއާރު ދޭ ތަން ވެސް ފެނިގެންދިޔައެވެ.
ޑެންމާކާއި ފިންލޭންޑް ކުޅުންތެރިންނާއި ސަޕޯޓަރުންވެސް ރޮމުންދިޔަ ތަން ފެނިފައިވާ އިރު، އެރިކްސަންގެ އަންހެނުން ވެސް ދަނޑު ކައިރިއަށް ގޮސް ވާނުވާ ބަލަން މަސައްކަތް ކޮށްފައިވެއެވެ.
އެރިކްސަންއަށް ދިމާވި ކަމެއް ސާފުވެފައިނުވާ އިރު، އޭނާގެ އަންހެނުންނަށް ހިތްވަރު ދިނުމަށް ޑެންމާކުގެ ކެޕްޓަން ސިމޮން ކެއާ އާއި ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް ވަނީ އޭނާ ކައިރިއަށް ގޮސްފައެވެ.
ގިނަ އިރުތަކެއް ވަންދެން ދަނޑުމަތީގައި ފަރުވާދިނުމަށްފަހު އެރިކްސަން ދަނޑުމަތިން ބާލައި، މިހާރު ކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ ދަނޑުން ފާބައިފައެވެ. މެޗުގެ ބާކީ ބަޔަށް ވާނެ ގޮތެއް އަދި ނުނިންމައެވެ. އެރިކްސަންއަށް ދިމާވި މައްސަލައިގެ އެއްވެސް ތަފްސީލެއްވެސް އަދި މީޑިއާއަކަށް ލިބިފައެއް ނުވެއެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020