ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް އިންތިހާބުވި އާމިނަތު ޔުމްނާ އިދިކޮޅު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.

ޔުމްނާ ވަނީ ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު މެމްބާޝިޕް ފޯމް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލު ކުރައްވާފަ އެވެ.

ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ޔުމްނާ "ވަން" އަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލީ ކަމުގައި ވީނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށް އޭނާއަށް އެހީތެރިކަން ލިބުނީ ޕީޕީއެމްގެ ފަރާތުން ކަމަށެވެ. އަދި އެ ގޮނޑިއަށް އޭނާ އިންތިހާބު ކުރުމަށް ހާއްސަކޮށް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މާލޭ ސިޓީއަށް ބަދަލެއް ނެގެވޭނެ ޓީމަކީ ޕީޕީއެމްގެ ޓީމް. މޭޔަރު މުއިއްޒުގެ ޓީމަކީ ތަޖުރިބާ އާއި އިލްމުހުރި ސްޕީޑްގައި މަސައްކަތް ކުރާނެ ޓީމެއް. އެހެންވެ މާލޭ ސިޓީއަށް ބަދަލެއް ގެންނައިރު، ތަރައްގީގެ ފިކުރުގެ ބައިވެރިއެއްގެ ގޮތުގައި ހުންނަން އަޅުގަނޑު ބޭނުންވީ،" އޭނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ ގޮނޑިއަށް އިންތިހާބުވެގެން ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އެއީ ސިޔާސީ ދާއިރާ އިން ކުރިއަށްދާން އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށް ދެކޭ ކަމަށެވެ. އަދި ޕީޕީއެމްގެ ޓީމަކީ ރައްޔިތުންނާ އެންމެ ގާތުން ރައްޔިތުންނާ އެކީގައި މަސައްކަތް ކުރާ ޓީމެއް ކަމަށްވެސް އޭނާ ވިދާޅުވި އެެވެ.

"ތަރައްގީ ގެނައުމަށްޓަކައި ރައްޔިތުންގެ ވިންދާއި އިހްސާސާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ގޮސްގެން މަސައްކަތް ކުރާނެ ޓީމަކީ ޕީޕީއެމްގެ ޓީމް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑު ގަބޫލުކުރަނީ މޭޭޔަރު މުއިްޒުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭޭނަކީ މާލޭ ސިޓީއަށް އެންމެ ރަނގަޅު ޕްލޭން ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ ދެން ވެސް މި ގައުމު ތަރައްގީ ކުރެވޭނެ ލީޑަރަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތާނގައި މަސައްކަތް ކުރާނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ގެނައުމަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އަޣްލަބިއްޔަތު ޕީޕީއެމަށް ލިބިފައިވާއިރު ޔުމްނާގެ ސޮޔާއެކު ޕީޕީއެމަށް މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑި ކަށަވަރުވީ އެވެ.