ކޮވިޑު ޖެހިގެން ފަރުވާދެމުންދިޔަ ޒުވާން އަންހެނަކު މަރުވެއްޖެ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ފ. ނިލަންދޫ، މޯނިންގްސަން، އުމުރުން 25 އަހަރުގެ ސަމީއާ އަހުމަދެވެ.
އޭނާ އަށް ކޮވިޑު ޖެހުނު އިރު އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ. ނަމަވެސް ހަލު ސީރިއަސްވުމުގެ ސަބަބުން ސިޒޭރިއަން ހަދައިގެން ބަނޑުގައިވާ ދަރިފުޅު ވަނީ ނަގާފަ އެވެ. ދަރިފުޅުގެ ހާލު ރަނގަޅެވެ.
އަންހެން މީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ.
އެނގިފައިވާ ގޮތުގައި އަންހެން މީހާ ނިލަންދޫ އިން މާލެ ގެނައި އިރުވެސް ނޭވާ ލަމުންދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ.
މިއީ މިއަދުގެ ދެވަނަ މަރެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 194 އަކަށް އަރާފަ އެވެ.
ދާދިފަހުން ވަނީ ކޮވިޑްގައި އުމުރުން 28 އަހަރުގެ އަންހެނަކު ވެސް މަރުވެފަ އެވެ. އޭނާ އަކީ ހައިރިސްކު ކެޓަގަރީގެ މީހެއް ނޫނެވެ.
މި ބަލީގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެއިން 13 މީހަކު ވަނީ މަރުވެފަ އެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި ދެވަނަ އަށް އެންމެ ހަނގު މީހާ އެވެ. މި ބަލީގައި އުމުރުން 10 އަހަރުގެ ކުޑަކުއްޖަކުވެސް ވަނީ މަރުވެފަ އެވެ.
ޚަބަރު
ޚަބަރު