ޔޫރޯ 2020 ގެ ގްރޫޕް ބީގައި ބެލްޖިއަމްއިން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ރަޝިއާއާ ދެކޮޅަށެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައި، ބެލްޖިއަމްއިން ތައްޔާރުވަނީ އެގައުމުގެ ތާރީހުގައި ފުރަތަމަ ރަން މެޑަލްއެއް އަޅައިލުމަށެވެ. މިއީ އެގައުމުގެ ރަން ޖީލުގެ ގޮތުގައި ސިފަކުރާ ޓީމެއްވެސް މެއެވެ. ޔޫރޯގެ ކާމިޔާބީއަކަށް ބެލްޖިއަމް ފެން ބޮވައިގެންފައިވާ އިރު، މިއީ އެކަން ހާސިލުކުރާނެ ފުރުސަތެއްވެސް މެއެވެ. އެގައުމުން ޔޫރޯ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1980 ވަނަ އަހަރުގެ ރަނަރަޕް ކަމަށެވެ.

ބެލްޖިއަމް މިރޭގެ މެޗަށް ނުކުންނާނީ ރަޝިއާގެ ހޯމްގައެވެ. ސެއިންޓް ޕީޓާސްބާގުގައެވެ. އެއީ އުނދަގޫ ޗެލެންޖަކަށް ވާނެއެވެ. ހާއްސަކޮށް ބެލްޖިއަމްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކެވިން ޑިބްރޭނާ ޓީމާއެކު ރަޝިއާއަކަށް ގޮސްފައެއް ނުވެއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ޑިބްރޭނާ ނޭފަތުގެ ބައެއް ކަށިކޮޅުތައް ބިނދި އަނިޔާވެފައިވެއެވެ. ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައި ވަނީ ޑިބްރޭނާ ޓީމާއެކު ނުދިޔައީ ކުރިއަށް އޮތް ގްރޫޕް ސްޓޭޖުތަކަށް ވިސްނައި، ރަނގަޅަށް ރިކަވާ ވުމަށް ކަމަށެވެ.

  • ބެލްޖިއަމް - ރަޝިއާ

ތާރީހު ބުރަވަނީ ބެލްޖިއަމް ކޮޅަށެވެ. މިހާތަނަށް ރަޝިއާއާއި ބެލްޖިއަމް ކުޅުނު ހަތް މެޗުގެ ތެރެއިން އެއްވެސް މެޗެއްގައި ރަޝިއާ މޮޅުވެފައެއް ނުވެއެވެ. ދެ މެޗު އެއްވަރުވެގެން ނިމުނު އިރު، ބެލްޖިއަމް ވަނީ ފަސް މެޗު ކާމިޔާބުކޮށްފައެވެ. ކޮލިފައިންގައި ބެލްޖިއަމްއިން ރަޝިއާއާ ދެކޮޅަށް 2019 ވަނަ އަހަރު ކުޅުނު މެޗު 4-1 އިން ކާމިޔާބު ކުރީ ބެލްޖިއަމްއެވެ. އެއީ އެ ދެޓީމު އެންމެފަހުން ކުޅުނު މެޗެވެ.

  • ބެލްޖިއަމް ކޯޗު ރޮބާޓޯ މާޓިނޭޒް

"އަހަރެން އެއްބަސްވަން ފުރަތަމަ މެޗު އަބަދުވެސް އުނދަގޫވާނެ. ހާއްސަކޮށް ބޮޑެތި މުބާރާތްތަކުގެ ފުރަތަމަ މެޗު އުނދަގޫވާނެ. މެންޓަލީ އަދި ފިޒިކަލީވެސް ރަނގަޅަށް ތައްޔާރުވެގެން މުބާރާތަށް ނުކުންނަން ޖެހޭނީ. ރަޝިއާ މެޗަކީ އުނދަގޫވާނެ މެޗެއް. އެއީ އަހަންނަށް ރަޝިޔާ ވަރަށް ރަނގަޅަށް އެނގޭ. ރަޝިއާގެ ރޫހު އެނގޭ. ރަޝިއާ ކުޅުންތެރިން ކުޅޭނީ ގައުމީ ޖޯޝުގައި. އެކަމުގެ ފަހަތުގައި ތިބޭނީ ސަޕޯޓަރުން،" މެޗާ ގުޅޭގޮތުން މާޓިނޭޒް ބުނެފައިވެއެވެ.

މާޓިނޭޒް އިތުރަށް ބުނީ މިރޭގެ މެޗަށް ސަމާލުކަން ދިން ނަމަވެސް ގްރޫޕުގައި ބާކީ އޮތް ދެ މެޗަށްވެސް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑާއެކު ރަޝިއާއަށް ނުދިޔައީ އަނެއް މެޗުތަކަށް ސަމާލުކަން ދޭން ބޭނުންވާތީ ކަމަށެވެ.

  • ރަޝިއާ ކޯޗު ޗެރުޗެސޯވް

"ބެލްޖިއަމްގައި އެބަތިބި ވޯލްޑް ކަޕްގައި ކުޅުނު 18 ކުޅުންތެރިން. އެހެންވީމާ ބެލްޖިއަމްއަކީ ވަރަށް ވަރުގަދަ ޓީމެއް. މިދިޔަ މަދު އަހަރުތަކުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ތިން މެޗުންވެސް ރަޝިއާ އޮތީ ބަލިވެފައި. އެ ހުރިހާ މެޗަކުވެސް ރަޝިއާ ވާދަކުރިތަން ފެންނާނެ. އެހެންވީމާ އުންމީދު ކަނޑައެއް ނުލަން. ބެލްޖިއަމް ބަލިކުރެވޭނެ ޓީމުގެ ހުރިހާ ހިތްވަރެއް ބޭނުން ކޮށްގެން،"

ރަޝިއާއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ މެންދަމު 12:00 ގައެވެ.