ކުޅިވަރު

ވަރުގަދަ ޗައިނާ އަތްދަށުވެ، ރާއްޖެއަށް އުނދަގޫ ހާލަތެއް

އޭޝިއަން ކަޕާއި ވޯލްޑް ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެއިން ޗައިނާއާ ދެކޮޅަށް މިރޭ ކުޅުނު ގުރޫޕް އޭގެ މެޗު 5-0 އިން ޗައިނާ ކާމިޔާބުކޮށްފިއެވެ.

މިރޭގެ ނަތީޖާއާއެކު ރާއްޖެއަށް ޔަގީންކަމާއެކު އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރަށް ދާން އޮތް މަގު ބަންދުވީއެވެ. ނަމަވެސް އަދި އޭޝިއަން ކަޕަށް އުންމީދެއް ނުގެއްލެއެވެ. އަށް ގުރޫޕްގެ ތެރެއިން ހަތަރު ވަނަ މަގާމަށް ދާ އެންމެ މޮޅު ހަތަރު ޓީމެއް ކޮލިފިކޭޝަން ތިންވަނަ ބުރަށްދާ އިރު، އަނެއް ހަތަރު ޓީމު ދާނީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ޕްލޭ އޮފް މެޗުތަކަށެވެ.

ރާއްޖެއަށް އޮތް ހާލަތު އިތުރަށް އުނދަގޫވެފައި ވަނީ ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖުން ނޯތު ކޮރެއާ ވަކިވުމުންނެވެ. ނޯތު ކޮރެއާ ވަކިވުމާއެކު އޭއެފްސީން ނިންމާފައި ވަނީ އެއްވެސް ގުރޫޕެއްގެ ހަތަރުވަނަ އާއި ދެވަނައަށް ދާ ޓީމު، އެ ގުރޫޕުގެ އެންމެ ފުލުގައި އޮންނަ ޓީމާ ދެކޮޅަށް ކުޅެ ހޯދާފައިވާ ޕޮއިންޓާއި ޖަހާފައިވާ ގޯލު ތާވަލުގެ ސްޓޭންޑިންނަށް ނުގުނޭނެ ގޮތަށެވެ.

އެހެން ކަމަށްވާނަމަ ރާއްޖެއިން ގުއާމްއާ ދެކޮޅަށް ދެ ބުރަށް ކުޅެ ހޯދާފައިވާ ހަ ޕޮއިންޓް ގެއްލޭނެއެވެ. އަދި އެ މެޗުތަކުގައި ޖެހި ގޯލުވެސް ކެނޑިގެންދާނެއެވެ. އެހެންކަމުން އެންމެ މޮޅު ހަތަރު ވަނަ ޓީމުތަކުގައި ހިމެނުމަށް ރާއްޖެއަށް ފިލިޕީންސް މެޗުން ޕޮއިންޓު ހޯދުން މުހިންމެވެ.

ރާއްޖެއިން މިރޭގެ މެޗަށް ނުކުތީ އެންމެފަހުން ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި އޮވެގެންނެވެ. ވަރުގަދަ ޗައިނާއާ ދެކޮޅަށް ނުކުތްއިރުވެސް ރާއްޖެއަށް އޮތީ ކުޑަ އުންމީދެކެވެ. ޗައިނާގެ ފުޓުބޯޅައިގެ ފެންވަރަށް ބަލައި ކޯޗު މާޓިން ކޫޕްމަންވެސް ވަނީ މެޗުން ނަތީޖާ ނެރެން އުނދަގޫވާނެ ކަމަށް ބުނެފައެވެ. ޗައިނާއިން މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ 5-0ގެ ނަތީކާއަކުންނެވެ.

ސީރިއާ މެޗުގައި ކޮވިޑް-19ގެ ސަބަބުން އަލީ އަޝްފާގު (ދަގަނޑޭ) އަށް ކުޅެވިފައިނުވާ އިރު، މިރޭގެ މެޗުގައި އޭނާ ފެށީ ބެންޗުންނެވެ. ދެވަނަ ހާފުގައި ކޯޗު ވަނީ ދަގަނޑޭ ދަނޑު މައްޗަށް ނެރެފައެވެ.

އޭޝިއަން ކަޕް 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އިރު، އެގައުމަކީ އޮޓޯއިން ކޮލިފައިވެފައިވާ ހޯސްޓް ގައުމެވެ. މިހާރު އެގައުމުން ވޯލްޑް ކަޕުގެ ޖާގައަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ އިރު، ގުރޫޕުގެ އެއްވަނައަށް ދާ ޓީމަށް ލިބޭ ކޮލިފިކޭޝަން ފައިނަލް ބުރުގެ ޔަގީން ޖާގަ ވަނީ ގެއްލިފައެވެ. ސީރިއާ އިން ގުރޫޕު އެއްވަނަ ހޯދުމުން ޗައިނާއަށް ޖެހުނީ ދެވަނަ މަގާމު ވީހާވެސް ގިނަ ޕޮއިންޓާއެކު ހޯދާ އެންމެ މޮޅު ދެވަނަ ޓީމުތަކުގައި ހިމެނި ފައިނަލް ބުރަށް ދާށެވެ.

މިރޭގެ މެޗުގެ ފުރަތަމަ ފަސް މިނެޓު ތެރޭގައި ޗައިނާއިން ވަނީ ލީޑު ނަގައިފައެވެ. ރާއްޖެ ޓީމަށް ޑިފެންސްގެ ސަމާލުކަން ގެއްލިގެން ދިއުމުގެ ނަތީޖާއަކަށްވީ އަރިމަތިން ހުރަސްވެގެން އައި ބޯޅަ، އޭރިއާ ތެރޭގައި ހުސްކޮށް ހުރި ލިއު ބިންބިން މެއިން ކޮންޓްރޯލް ކޮށްލައި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒު ކޮށްލުމެވެ.

ޗައިނާގެ ވަރުގަދަ ކަމަށް ބަލައި ރާއްޖެއިން ޑިފެންސިވް ކުޅުމަކަށް މެޗަށް ތައްޔާރުވެފައިވާކަން ގޯލަށް ފަހުވެސް އެނގިގެން ދިޔައެވެ. ވަރަށް ބޮޑަށް ޕެކް ކުރަން މަސައްކަތް ކޮށް، ޗައިނާގެ އެޓޭކުތައް މަދުކުރުމުގެ ޑިފެންޑަރުންގެ މަސައްކަތް ފާހަގަވެގެންވެސް ދިޔައެވެ. އަދި ރާއްޖެއިން ކުރިއަށް އަރަން މަސައްކަތް ކުރާ ފުރުސަތުތަކުގައި ކުރިއަށް ކުޅެމުން ދިޔަ އަލީ ހައިޝަމް (ޗުއްޕު) ވަނީ ބައެއް ބޯޅަތައް ހިފަހައްޓައި ފައުލްވެސް ހޯދައިފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ރާއްޖެއަށް ޗައިނާ ގޯލަށް އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

ޗައިނާގެ އިތުރު ތިން ހަމަލާއެއް ފުރަތަމަ ހާފުގައި ފެނުނެވެ. ޒާންގު ޔުނިން އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލްކީޕަރު ފައިސަލް ފަސޭހަކަމާއެކު ދިފާއުކުރި އިރު، ވޫލީ ބޮލުން ޖެހި ހަމަލާއެއް ވަނީ އަރިމަތި ދަނޑިއަށްވެސް އަމާޒުވެފައެވެ.

ހާފުގެ ފަހު ކޮޅުގައި ރާއްޖެއަށް ކުރިއަށް ޖެހިލާ ކުޅުން ރަނގަޅުކުރިއެވެ. ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހަމަލާއެއް ނުއުފެއްދުމުގެ ނަތީޖާއަށްވީ ޗައިނާ އިން ދެވަނަ ގޯލެއްވެސް ޖެހުމެވެ. ތުރޫ ބޯޅައަކަށް ކުރިއަށް ޖެހި ސްޕެއިންގެ ފުރަތަމަ ޑިވިޝަންގެ އެސްޕަނިއޯލްއަށް ކުޅެމުން އަންނަ ވޫލީ ގޯލަށް ބޯޅަ ފޮނުވާލީ ގޯލްކީޕަރު ފައިސަލް ކައިރިން ނައްޓާލުމަށްފަހުގައެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ ފަރާތުން ބޮޑަށް ފެނުނީ ނަތީޖާ ހިފަހައްޓަން މަސައްކަތް ކުރިތަނެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް މަޑު ކުޅުމެއް ފެނިފައިވާ އިރު، ޗައިނާގެ ހަމަލާތައްވެސް ފެނުނީ މަދުކޮށެވެ. ނަމަވެސް މެޗުގެ 70 މިނެޓާ ގާތްވެފައި ވަނިކޮށް، ޗައިނާ އިން ފުލުފުލުގައި ދެ ގޯލު ޖަހައި ރާއްޖެ މާޔޫސް ކޮށްލިއެވެ. ފުރަތަމަ ގޯލު 67 ވަނަ މިނެޓުގައި އެލެން ކާވާލިއޯ ޖަހައިދިން އިރު، އޭގެ މިނެޓެއް ފަހުން އަނެއް ގޯލު ޖަހައި ދިނީ ޒޭންގެ ޔުނިންއެވެ. އެލެންއަކީ ބްރެޒިލަށް އުފަން ޗައިނާގެ ލީގުގައި ކުޅޭ ކުޅުންތެރިއެކެވެ. މިރޭގެ މެޗަކީ ޗައިނާ ގައުމީ ޓީމަށް އޭނާ ކުޅުނު ތިންވަނަ މެޗެވެ.

ޗައިނާ އިން މެޗުގެ ފަސްވަނަ ގޯލު ޖެހީ 80 ވަނަ މިނެޓުގައެވެ. އެ ގޯލު ކާމިޔާބު ކުރީ ޓޭން ލޯންގްއެވެ.

ޗައިނާއަށް މިވަގުތު ގުރޫޕުގެ ދެވަނަ ލިބެނީ ހަތް މެޗުން 16 ޕޮއިންޓާއެކުގައެވެ. ނަމަވެސް ސީރިއާ ދެކޮޅަށް ކުޅޭ މެޗު ޗައިނާއަށް މުހިންމު ވާނެއެވެ. ޗައިނާ ސީރިއާ އަތުން ބަލިވެއްޖެ ނަމަ މިވަގުތު ތިންވަނައިގައި އޮތް ފިލިޕީންސުން ފަހު މެޗުގައި ރާއްޖެ ބަލިކޮށް ދެވަނައަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ. އޭރުން ވޯލްޑް ކަޕް ކޮލިފިކޭޝަންއަށް ޗައިނާއިން ކުރަމުން އަންނަ އުންމީދު ގެއްލުނީއެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު ބުރަށް ދެވަނަ ޓީމުތަކުގެ ތެރެއިން ދާނީ އަށް ގުރޫޕުން އެންމެ މޮޅު ހަތަރު ޓީމެކެވެ.

ރާއްޖެއިން ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ފިލިޕީންސާ ދެކޮޅަށް ނުކުންނާނީ ޖޫން 15 ވަނަ ދުވަހުއެވެ.