ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފައިގެ ސާޖަރީއެއް މިއަދު ހަދައިފިއެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ދިނުމަށް ރައީސް ނަޝީދު ޖަރުމަނުގެ ވެރިރަށް ބާލިންގެ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފައިވަނީ އޭގެ ހަފުތާއެއް ފަހުން އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ހަފުތާއެއް ފަހުން ރައީސް ނަޝީދު ވަނީ ގެއަށް ދޫކޮށްލައިފައެވެ.
ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު "ވަން" އަށް ވިދާޅުވީ، އެމަނިކުފާނުގެ ފައިގެ ސާޖަރީއެއް މިއަދު ކުރެއްވުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މަޑުމަޑުން ފާރުތައް ހިކެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަޝީދުގެ އާއިލާގެ ފަރާތުން "ވަން" އާ ވާހަކަދެއްކި މީހަކު ބުނީ އެއީ ބޮޑު ސާޖަރީއެއް ކަމަށާއި އެ ސާޖަރީ ހަ ގަޑިއިރަށް ދިގުދެމިގެންދިޔަ ކަމަށެވެ.
ޖަރުމަނުން ރައީސް ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވާ އިރު، އެމަނިކުފާނަށް ރާއްޖެ އާދެވޭނެ ދުވަސް އަދި ބުނަން ނޭންގޭ ކަމަށް އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު