ޔޫރޯ 2020 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިރޭ ފިންލޭންޑުން ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. ޑެންމާކުގެ ކޯޕަން ހޭގަންގައި އެ މެޗު ކުރިއަށްދާނީ ގާތްގަނޑަކަށް 12،000 ސަޕޯޓަރުންނާ އެކުގައެވެ. މެޗު އެންމެ ހާއްސަވަނީ ފިންލޭންޑަށެވެ. މިއީ ބޮޑު މުބާރާތެއްގައި އެގައުމު ކުޅޭ ފުރަތަމަ މެޗެވެ. މީގެ ކުރިން ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި އެޓީމު ކުޅެފައެއް ނުވެއެވެ.
ގްރޫޕްގެ ދެވަނަ މެޗުވެސް މިރޭ އޮންނާނެއެވެ. އެ މެޗުގައި ބެލްޖިއަމް ނުކުންނާނީ ރަޝިއާއާ ދެކޮޅަށެވެ. ރަޝިއާ މެޗު އޮންނާނީ ސެއިންޓްޕީޓާސް ބާގުގައެވެ.
- ޑެންމާކު - ފިންލޭންޑް
ޑެންމާކާއި ފިންލޭންޑަކީ ތާރީހެއް އޮތް ދެޓީމެވެ. ގިނަ މެޗުތަކެއްގައި ދެޓީމު ވަނީ ކުރިމަތިލައިފައެވެ. ވާދަވެރި 58 މެޗުގައި ފިންލޭންޑާއި ޑެންމާކު ވާދަކޮށްފައިވާ އިރު، ތާރީހަށް ބަލައި ކުރި ލިބެނީ ޑެންމާކަށެވެ. އެޓީމުން 36 ފަހަރު ފިންލޭންޑް ބަލިކޮށްފައިވެއެވެ. ފިންލޭންޑަށް ޑެންމާކު ބަލިކުރެވުނީ 13 ފަހަރަކުއެވެ. އެންމެފަހުން ފިންލޭންޑުން ޑެންމާކު ބަލިކުރީ 2000 ވަނަ އަހަރުއެވެ. ޑެންމާކާއި ފިންލޭންޑް އެންމެފަހުން 2011 ވަނަ އަހަރު ކުޅުނު މެޗުން ޑެންމާކު ވަނީ 2-1 އިން މޮޅުވެފައެވެ. އެ ދެޓީމު ވާދަކުރި ނުވަ މެޗެއް ވަނީ އެއްވަރުވެގެން ނިމިފައެވެ.
- ޑެންމާކު
ޑެންމާކު ކޯޗު ކެސްޕާ ޖުލްމާންޑް ބުނެފައި ވަނީ ތައްޔާރު ނުވެވިގެން މެޗަކުން ބަލިނުވާނެ ކަމަށާއި ބަލިވާން އޮތް ގޮތަކީ އިދިކޮޅު ޓީމަށްވުރެ ކުޑަކޮށް މޮޅުވާން ބޭނުންވުމުން އެކަނި ކަމަށެވެ. ކުޅެން ބޭނުން ނުވެގެން، މޮޅުވާން ބޭނުން ނުވެގެން މޮޅު ނުވުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ކެސްޕާ ފާހަގަކުރިއެވެ. ދަނޑު މައްޗަށް އެރުމާއެކު މޮޅުވާން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށްވެސް ފާހަގަކޮށް، ކެސްޕާ އިތުރަށް ބުނީ ހަނި ފަރަގަކުން ވިޔަސް މޮޅު ބޭނުންވާ ކަމަށެވެ.
ޑެންމާކުގެ މެޗު އެންމެ ހާއްސަ ވަނީ ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ކެޕްޓަން ސިމޮން ކެއާ އަށެވެ. ޔޫރަޕްގެ ގިނަ ކްލަބުތަކަށްވެސް ކެއާ ކުޅެފައިވާއިރު، އުމުރުން 32 އަހަރުގައިވެސް އޭނާއަށް އެންމެ މުހިއްމު އިހުސާސަކީ ޑެންމާކުގެ ޖާޒީގައި ކުރެވޭ އިހުސާސެވެ.
"ޑެންމާކު ޖާޒީގައި ޔޫރޯގައި ކުޅުމަކީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑު ކަމެއް. ކެރިއަރުގައި މިވަރުގެ ޝަރަފެއް ނުލިބޭނެ. މިއީ މުޅިން އެހެން އިހުސާސެއް،" ކެއާ ބުނެފައިވެއެވެ.
- ފިންލޭންޑް
ފިންލޭންޑާއެކު ފުރަތަމަ ބޮޑު މުބާރާތަށް ނުކުންނަ ކޯޗު މާކޫ ކަނޭވާ ހުރީ ޗެލެންޖަށް ތައްޔާރަށެވެ. އޭނާ ބުނެފައި ވަނީ މުބާރާތަށް އާ ނަމަވެސް ފިންލޭންޑް ތައްޔާރު ކަމަށެވެ. 2016 ވަނަ އަހަރުން ފެށިގެން އޭނާ ފިންލޭންޑަށް ގެންނަމުން އަންނަ ބަދަލު، މުބާރާތުގައި ޓެސްޓުކޮށްލުމަށް މިރޭ ފުރުސަތު ލިބުމަކީ ކަނޭވާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
"ޓީމު އޮތީ 100 ޕަސެންޓް ތައްޔާރަށް، އެއްވެސް އަނިޔާއެއް ނެތް. ފުރިހަމަ ފައިޓެއް ދޭނެ،" ކަނޭވާ ބުނެފައިވެއެވެ.
އިނގިރޭސި ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް މި ސީޒަންގައި ކޮލިފައިވި ނޯވިޗް ސިޓީގެ ތަރިއަކީ ފިންލޭންޑްގެވެސް ތަރި ތޭމޫ ޕުއްކިއެވެ. ސްޕެއިންގެ ސެވިއްޔާ އާއި ޖަރުމަންގެ ޝާލްކޭއަށް ވެސް ކުޅެފައިވާ ޕުއްކި ވަނީ މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ފިންލެންޑަށް ދިހަ ގޯލު ޖަހައިދީފައެވެ. މިރޭގެ މެޗު އޭނާއަށް ހާއްސަވާ ސަބަބެއްވެސް އެބައޮތެވެ، އެނބުރި ޑެންމާކަށް ދިޔުމެވެ. ޑެންމާކުގެ ބްރޮންޑްބީވެސްޓާއަށް ޕުއްކި ހަތަރު އަހަރު ކުޅެފައިވާ އިރު، އޭނާއަކީ ކްލަބުގެ ހީރޯއެކެވެ. 50 އަށްވުރެ ގިނަ ގޯލް ޖަހައިދީފައިވާ ޕުއްކިއަކީ ޑެންމާކުގެ ކްލަބު ސަޕޯޓަރުންނާ ރައްޓެހި، ކޯޕަންހޭގަން ދަނޑުން ތައުރީފު ލިބޭނެ ކުޅުންތެރިއެކެވެ.
"ޑެންމާކަށް އެނބުރި ދިޔުމަކީ އުފަލެއް. އުފާވެރި ހަތަރު އަހަރު އަހަރެން މިގައުމުގައި ހޭދަކުރިން. ޑެންމާކުގެ ފެންވަރަށްވެސް ސަމާލުވާން ޖެހޭނެ. ޑެންމާކު ކައިރިން ޕޮއިންޓެއް ހޯދާނަމަ 100 ޕަސެންޓް ދޭން ޖެހޭނެ،" ޕުއްކި ބުނެފައިވެއެވެ.
ފިންލޭންޑާ ޑެންމާކު ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިއަދު 9:00 ގައެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020