• އާބާދީ: 67.09 މިލިއަން
  • ވެރިރަށް: ޕެރިސް
  • ޓީމުގެ ވަނަން: ލެސް ބްލޫސް (ދަ ބްލޫސް)
  • ކެޕްޓަން: ހޫގޯ ލޮރިސް
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ލިލިއަމް ތުރާމް (142 މެޗު)
  • ޓޮޕް ސްކޯރާ: ތިއެރީ އޮންރީ (51 ގޯލް)

ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ޓީމެވެ. ފުރަތަމަ ވާދަވެރި މެޗު 1904 ވަނަ އަހަރު ފްރާންސުން ކުޅުނީ ބެލްޖިއަމްއާ ދެކޮޅަށެވެ. އެޓީމަކީ 1930 ވަނަ އަހަރު ކުޅުނު ފުރަތަމަ ވޯލްޑް ކަޕަށް ދައުވަތު ލިބުނު މަދު ޓީމުތަކުގައި ހިމެނުނު ޓީމެއްވެސް މެއެވެ. ފުރަތަމަ ވޯލްޑް ކަޕާ އެކުވެސް ދުނިޔޭގެ ފުޓުބޯޅައިގައި ފްރާންސުން އައީ ކާމިޔާބީތައް ހޯދަމުންނެވެ. ފްރާންސަކީ މިހާރުވެސް ދުނިޔޭގެ ޗެމްޕިއަން ޓީމެވެ. 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކޮށް ފްރާންސުން އެގައުމުގެ ތާރީހުގައި ދެވަނަ ވޯލްޑް ކަޕް އުފުލައިލިއިރު، އެޓީމުން ވަނީ ދެ ފަހަރަށް ޔޫރޯ މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ. މިހާތަނަށް ފްރާންސުން ވަނީ ޖުމުލަ 15 ފަހަރު ވޯލްޑް ކަޕްގައި ވާދަކޮށް 10 ފަހަރު ޔޫރޯ މުބާރާތުގައި ކުޅެފައެވެ.

1950 ގެ އަހަރުތަކުން ފެށިގެން ފްރާންސުން ވޯލްޑް ކަޕްގައި ކުޅެމުން އައި ނަމަވެސް އެޓީމުން ފުރަތަމަ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 1998 ވަނަ އަހަރުއެވެ. ޒުވާން ތަރިންތަކަކާއެކު 1994 ވަނަ އަހަރު ވޯލްޑް ކަޕަށް ގޮސް، އެ މުބާރާތް ގެއްލުނު ނަމަވެސް ޒުވާން ކުޅުންތެރިންގެ ގޮތުގައި އަރައިގެން އައި ޒައިނުއްދީން ޒިދާން، ތިއަރީ އޮންރީގެ އިތުރުން ޑޭވިޑް ޓްރެޒެގޭ އަދި ލިލިއަމް ތުރާމް ފަދަ ކުޅުންތެރިންނާއެކު ފްރާންސުން 1998 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރިއެވެ. އެއަށްފަހު ދެވަނަ ތަށްޓަށް ފްރާންސުން ދިގު އިންތިޒާރެއް ކުރާން ޖެހުނެވެ. ދެވަނަ ފަހަރަށް ފްރާންސް ވޯލްޑް ކާމިޔާބުކުރީ 2018 ވަނަ އަހަރުއެވެ.

ޑީޑިއާ ޑިޝޭމްޕްގެ އިރުޝާދުގެ ދަށުން ފްރާންސުން ވަނީ ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެމްބާޕޭއާއި އެންޓޮއިން ގްރީޒްމަން ފަދަ ތަރިންގެ ވިދުން އިންތިހާއަށް ގަދަވެ އެޓީމުން ހައްގު މަގާމަށް ޖެހިލިއެވެ.

ފްރާންސުން ވަނީ މިހާތަނަށް ދެ ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައެވެ. އެންމެ ފުރަތަމަ ތަށްތަކީ 1984 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ތަށްޓެވެ. 1984 ވަނަ އަހަރު ފްރާންސުން ހޯދި ޔޫރޯ މުބާރާތަކީ އެގައުމުގެ ތާރީހުގައި ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެއްގެ ތަށްޓެވެ. އެ ކާމިޔާބީއާއެކު ފްރާންސުން ރަނގަޅު ބިންގަލެއްގެ މަސައްކަތް ފެށިއެވެ. ކްލެއާފޮންޓޭންގެ ނަމުގައި ހުޅުވި ފުޓުބޯޅަ ސްކޫލް، ނުވަތަ ފުޓުބޯޅަ ޓްރެއިނިން ސެންޓަރާއެކު އެގައުމުން ޒައިނުއްދީން ޒިދާން، ތިއަރީ އޮންރީގެ އިތުރުން ޑޭވިޑް ޓްރެޒެގޭ އަދިލިލިއަމް ތުރާމް ފަދަ ކުޅުންތެރިން ފުޓުބޯޅައަށް ނެރުނެވެ. އެގައުމުން ކާމިޔާބުކުރި ދެވަނަ ޔޫރޯއަކީ 2000 ވަނަ އަހަރުގެ ޔޫރޯއެވެ. އެ ޔޫރޯ ފްރާންސުން ކާމިޔާބުކުރީ 1988 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުން ގޮތުގައި ނުކުމެއެވެ. އެޓީމު ވެފައިވަނީ 1974 ވަނަ އަހަރު ވެސްޓް ޖާމަނީއަށްފަހު ޔޫރޯއާއި ދުނިޔޭގެ ޗެމްޕިއަންކަން ޖެހިޖެހިގެން ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ.

އެންމެފަހުން 2016 ވަނަ އަހަރު ފްރާންސުގައި ބޭއްވި ޔޫރޯއިން އެޓީމަށް ލިބުނީ މާޔޫސްކަމެކެވެ. ޒުވާން ހުނަވެރި ތަރީންތަކެއް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކު ނުކުމެ ފައިނަލް ބަލިވޯ ޕޯޗުގަލް އަތުނެނެވެ. އަމިއްލަ ގައުމުގައި ކުޅުނު ފައިނަލުން ބަލިވުމުގެ މާޔޫސްކަން ފިލުވައިލުމަށް މިފަހަރު ފްރާންސް ނުކުންނާނީ ވަރުގަދަ ކޮށެވެ.

ފްރާންސަކީ ތަރިންގެ ޓީމެކެވެ. ދުނިޔޭގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ޔޫރޯއަށް ނުކުންނައިރު، އެ ކާމިޔާބީގައި ހިއްސާވި މުހިއްމު ކުޅުންތެރިން މިހާރުވެސް ޓީމުގައި އެބަތިއްބެވެ. ޓީމުގެ ކެޕްޓަން، ގޯލްކީޕަރު ހޫގޯ ލޮރިސް ގޯލް ބަލަހައްޓަން ހުރުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ޑިފެންޑަރުންގެ ގޮތުގައި ކޯޗު ނަގާފައިވާ ކުޅުންތެރިންގެ ތެރެއިން ރަފޭލް ވަރާން އާއި ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ އަދި ބަޔާން މިއުނިކްގެ އިތުބާރު ޑިފެންޑަރު ބެންޖަމިން ޕަވާޑްވެސް ފާހަގަކޮށްލެވެއެވެ.

މެދުތެރަކީ ފްރާންސްގެ އެންމެ ވަރުގަދަ ޑިޕާޓްމެންޓެވެ. އެންގޯލޯ ކަންޓޭއާއި ޕައުލް ޕޮގްބާގެ އިތުރުން އެޑްރިއަން ރެބިއޮޓަކީ ޓީމުގެ ތަރިންނެވެ. ފޯވަޑްލައިނުން ރެއާލް މެޑްރިޑްގެ ބެންޒެމާވެސް މިއަހަރުގެ ޔޫރޯގައި ފެންނައިރު، ޓީމުގެ ތަރި ކިލިއަން އެމްބާޕޭއާއި ކިންގްސްލީ ކޯމަން ފަދަ ކުޅުންތެރިން ހިފެހެއްޓުމަކީ އިދިކޮޅު ޓީމުތަކަށް ބޮޑު ޗެލެންޖެކަށް ވާނެއެވެ.

ފްރާންސުން ޔޫރޯ 2020 ގައި ވާދަކުރާނީ ގްރޫޕް އެފް ގައެވެ. އެއީ މަރުގެ ގްރޫޕްވެސް މެއެވެ. ޔޫރޯ އެންމެފަހުން ކާމިޔާބުކުރި ޕޯޗުގަލް އާއި ވަރުގަދަ ޖަރުމަނުގެ އިތުރުން ދެން އެގްރޫޕްގައި އޮތީ ހަންގޭރީއެވެ.

ޑިޑީއާ ޑިޝޭމްޕްސް

އުމުރު: 52 އަހަރު

ޑީޑިއާ ޑިޝޭމްޕްސްވަނީ ފްރާންސަށް 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފައެވެ. ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ޑިޝޭމްޕްސް ވަނީ ވޯލްޑް ކަޕް އުފުލައިލައިފައެވެ. 2000 ވަނަ އަހަރު ޔޫރޯވެސް ކުޅުންތެރިއެއްގެ ގޮތުގައި ޑިޝޭމްޕްސް ހޯދާފައިވެއެވެ. ޔުރޯއަށް އޭނާ ނުކުންނާނީ ކޯޗެއްގެ ގޮތުގައި އެ ޝަރަފު ދެމެހެއްޓުމަށެވެ. ފްރާންސަށް ކޯޗުކަން ކޮށްދިނުމުގެ ކުރިން ޑިޝޭމްޕްސް ވަނީ މޮނާކޯ އާއި ޔުވެންޓަސް އަދި މާސޭއަށް ކޯޗުކަން ކޮށްދީފައެވެ.

ކިލިއަން އެމްބާޕޭ

އުމުރު: 22 އަހަރު

ކްލަބު: ޕީއެސްޖީ

ފްރާންސް ލީގުގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭއަކީ އުމުރުން ހަގު ނަމަވެސް ފްރާންސް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ޔޫރަޕްގެ އެންމެ ވިދުން ގަދަ ތަރިއަކީވެސް މިވަގުތު އެމްބާޕޭއެވެ. އޭނާއަކީ 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ހޯދި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެޔަކީވެސް އެމްބާޕޭއެވެ.

އުމުރުން އެންމެ 18 އަހަރުގައި ފްރާންސްގެ ސީނިއާ ޓީމުގައި ހިމެނި ވިދާލި އެމްބާޕޭ މިހާތަނަށް އެގައުމުގެ ގައުމީ ޓީމަށް 42 މެޗު ކުޅެ 16 ގޯލް ޖަހާފައިވެއެވެ. ވޯލްޑް ކަޕް ފައިނަލުގައި ކްރޮއޭޝިއާ ކޮޅަށްވެސް އެމްބާޕޭ ގޯލް ޖަހާފައިވާއިރު، އޭނާއަކީ ޓީނޭޖް އުމުރުގައި ވޯލްޑް ކަޕް ފައިނަލެއްގައި ގޯލް ޖެހި ދެވަނަ ކުޅުންތެރިޔާއެވެ. ކުރިން އެފަދަ ތާރީހެއް އޮތް ހަމައެކަނި ކުޅުންތެރިޔަކީ ޕެލޭއެވެ.

  • ގޯލްކީޕަރުން

ހޫގޯ ލޮރިސް (ޓޮޓެންހަމް)

ސްޓީވް މަންޑަންޑާ (މާސޭ)

މިކޭ މައިގަނަން (ލިލް)

  • ޑިފެންޑަރުން

ލޫކަސް ޑީނޭ (އެވަޓަން)

ލިއޯ ޑުބޮއިސް (ލިޔޯން)

ލޫކަސް ހެނާންޑޭޒް (ބަޔާން މިއުނިކް)

ޕްރެސްނެލް ކިމްޕެމްބޭ (ޕީއެސްޖީ)

ޖޫލްސް ކޫންޑޭ (ސެވިއްޔާ)

ކްލެމެންޓް ލެންގްލޭ (ބާސެލޯނާ)

ބެންޖަމިން ޕަވާޑް (ބަޔާން މިއުނިކް)

ރަފައެލް ވަރޭން (ރެއާލް މެޑްރިޑް)

ކާޓް ޒޫމާ (ޗެލްސީ)

  • މިޑްފީލްޑަރުން

އެންގޯލޯ ކަންޓޭ (ޗެލްސީ)

ތޯމަސް ލެމާ (އެތުލެޓިކޯ މެޑްރިޑް)

ޕައުލް ޕޮގްބާ (މެންޗެސްޓާ ޔުނައިޓެޑް)

އެޑްރިއެން ރާބިއޯ (ޔުވެންޓަސް)

މޫސާ ސިސޯކޯ (ޓޮޓެންހަމް)

ކޮރެންޓިން ޓޮލީސޯ (ބަޔާން މިއުނިކް)

  • ފޯވަޑުން

ވިސާމް ބެން ޔެޑާ (މޮނާކޯ)

ކަރިމް ބެންޒެމާ (ރެއާލް މެޑްރިޑް)

ކިންގްސްލީ ކޯމަން (ބަޔާން މިއުނިކް)

އޮސްމާން ޑެމްބެލޭ (ބާސެލޯނާ)

އޮލިވިއާ ޖިރޫ (ޗެލްސީ)

އެންޓޮއިން ގްރީޒްމަން (ބާސެލޯނާ)

ކީލިއާން އެމްބާޕޭ (ޕީއެސްޖީ)

މާކަސް ތުރާމް (މޮންޗެންގްލަޑްބެޗް)