• އާބާދީ: 10.28 މިލިއަން
  • ވެރިރަށް: ލިސްބަން
  • ޓީމުގެ ވަނަން: އަ ސެލްސާއޯ (ދަ ސެލެކްޝަން)
  • ކެޕްޓަން: ކްރިސްޓިއާނޯ ރޮނާލްޑޯ
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ކްރިސްޓިއާނޯ ރޮނާލްޑޯ (173 މެޗު)
  • ޓޮޕް ސްކޯރާ: ކްރިސްޓިއާނޯ ރޮނާލްޑޯ (103 ގޯލް)

1921 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ގައުމީ ޓީމުން އަންނަނީ ބައިނަލްއަގުވާމީ މެޗުތައް ކުޅެމުންނެވެ. ޕޯޗުގަލްގައި އުފެދުނު ކޮންމެ ޖީލަކީވެސް ފުޓުބޯޅައިގެ ޖީލެކެވެ. އެގައުމަކީ ދުނުޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އަބަދުވެސް ގުނައިލެވެއެވެ. ހާއްސަކޮށް ޔޫރަޕްގެ އެންމެ މަތީ ފަންތީގައި ވިދާލާ ތަރިން އުފެއްދުމުގައި ޕޯޗުގަލްގެ ނަން އަބަދުވެސް ފާހަގަވެގެން ދެއެވެ. އެންމެފަހުން 2016 ގައި ބޭއްވި ޔޫރޯގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލްއިން ވަނީ ޖުމުލަ އަށް ޔޫރޯގައި ވާދަކޮށް، ހަތް ފަހަރު ވޯލްޑް ކަޕްވެސް ކުޅެފައެވެ.

ޕޯޗުގަލްއިން މަޝްހޫރު ކުޅުންތެރިންތަކެއް އުފައްދަމުން އައި ނަމަވެސް އެޓީމު އޮތީ ތަށި ނުލިބުމުގެ ބަދު ނަސީބެއްގެ ތެރޭގައެވެ. ހާއްސަކޮށް ގައުމުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމާއެކު ތަށްޓަކަށް ހުރީ ފެންބޮވައިގެންފައެވެ. އެގައުމާއެކު ރޮނާލްޑޯ ވަނީ އޭނާގެ އެއް އުންމީދު ހާސިލުވެސް ކޮށްފައެވެ. 2016 ވަނަ އަހަރު ޔޫރޯއާއެކުގައެވެ.

ޕޯޗުގަލްގެ އެންމެ ފުރަތަމަ ބޮޑު މުބާރާތަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތް ތިންވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލްއިން ނިންމާލާފައިވާއިރު، އެގައުމުން ވަނީ މިހާތަނަށް ހަތް ފަހަރު ވޯލްޑް ކަޕްގައި ކުޅެފައެވެ. 1966 ގެ ވޯލްޑް ކަޕަކީ އެގައުމުގެ ފުޓުބޯޅަ ތަރި އަދި 1965 ވަނަ އަހަރުގެ ބެލޮންޑިއޯ އާއި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އިއުސޭބިއޯއާއެކު ކުޅުނު ވޯލްޑް ކަޕެކެވެ.

ނަން ވިދާ އެތައް ތަރިންތަކަކާ އެކުވެސް ޕޯޗުގަލްއަށް އުންމީދު ކުރި ކާމިޔާބީއެއް އެ ޖީލުގައި ނުހޯދުނެވެ. 2002 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ހިތްދަތި ގޮތަކަށް ކަޓައިގެން ދިޔައިރު،2006 ވަނަ އަހަރު ވޯލްޑް ކަޕްގައި ޕޯޗުގަލްއިން ސެމީ ކުޅުނެވެ. ދެން ޖެހިގެން އައި އެއްވެސް ވޯލްޑް ކަޕެއްގައި އެންމެ އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ރަޝިއާ 2018 އިން ކެޓީ ގަދަ 16 އިންނެވެ.

ޔޫރޯގައި އަށް ފަހަރަށް ވާދަކޮށްފައިވާ ޕޯޗުގަލްއަކީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުންނެވެ. 1960 އިން 1980 އާއި ހަމައަށް އެގައުމުން ޔޫރޯއަށް ކޮލިފައި ވެފައެއް ނުވެއެވެ. އެހެންނަވެސް 1984 ވަނަ އަހަރު ކުޅުނު ޔޫރޯގައި ޕޯޗުގަލް ސެމީ ފައިނަލްގައި ވާދަކުރިއެވެ. އޭގެ ފަހުން އަނެއްކާވެސް ކޮލިފައި ނުވެގެން ދެ ޔޫރޯ ޕޯޗުގަލްއަށް ގެއްލުނެވެ. ދެން އެނބުރި އައި 1996 ވަނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލް ކުއާޓާ ފައިނަލް ކުޅެފައިވެއެވެ. 2000 ވަނަ އަހަރުގެ ޔޫރޯއަކީ އެޓީމުގެ ނަސީބު ބަދަލު ކޮށްލާނެ މުބާރާތް ކަމަށް އެތައް ބަޔަކު ބަލަ ބަލައި ތިއްބައި އެ މުބާރާތުގެ ސެމީ ފައިނަލުން ޕޯޗުގަލް ކެޓީ ފްރާންސް އަތްދަށު ވެގެންނެވެ.

ޕޯޗުގަލްގައި އެއިރު އޮތް ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2004 ވަނަ އަހަރުގެ ޔޫރޯ ފައިނަލް ކުޅުމެވެ. އަމިއްލަ ގައުމުގައި ކުޅުނު މުބާރާތުގެ ފައިނަލުގައި އެ މުބާރާތުގެ ސަޕްރައިޒް ޓީމު ގްރީސް އަތުން ބަލިވި ބަލިވުމަކީ ލިބުނު ބޮޑު މާޔޫސް ކަމެއްވެސް މެއެވެ. ފެނާންޑޯ ސަންޓޯސް ކޯޗުކަމާ ހަވާލު ވެ އެގައުމުގެ ފުރަތަމަ ތަށި ހޯދައިދިނެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންކަމެވެ. އެއީ ހައިރާން ކުރުވަނިވި ނަތީޖާއެއް ކަމަށްވެސް ބުނެވިދާނެއެވެ.ޕޯޗުގަލްގެ ފުޓުބޯޅައަށް އައި އިންގިލާބީ ބަދަލާއެކު އެ ޓީމު އެއްވާނެއްގައި ގޮސް ޔޫއެފާ ނޭޝަންސް ލީގުވެސް ކާމިޔާބު ކުރިއެވެ.

ޕޯޗުގަލްއަކީ މިހާރު ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ހިމެނޭ ތަރިންގެ ޓީމެކެވެ.ހާއްސަކޮށް ޔޫރަޕްގެ އެންމެ ނުފޫޒުގަދަ ލީގުތަކަށް ގެންދާ އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިން ނިސްބަތްވަނީ ޕޯޗުގަލްއަށެވެ. ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސިޓީގެ ޑިފެންޑަރު ރުބެން ޑިއާޒްއާއި އެ ކްލަބަށް ކުޅޭ ބާނާޑޯ ސިލްވާ، ޖާއޯ ކަންސެލޯގެ ނަން ތަރިންގެ ލިސްޓްގައި ހިމެނޭއިރު، އެންމެ ކުރިއަށް ކުޅޭ ރޮނާލްޑޯއަކީ އަދިވެސް ދުނިޔޭގެ ފުޓުބޯޅައިގައި ދެވަނައެއް ނުވާ ފޯވަޑެކެވެ. އޭގެ އިތުރުން ޑޯޓުމަންޑްގެ ޑިފެންޑަރު ރަފޭލް ގޮރޭރޯވެސް ޕޯޗުގަލްގެ ޓީމަށް މުހިއްމު ވާނެއެވެ. މެދުތެރޭގައި އެންމެ އިސް ރޯލެއް އަދާކުރާނީ މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއާއި ލިލްއާއެކު ފްރާންސްގެ ލީގު ނެގި ރެނާޓޯ ސަންޗޭޒްއެވެ.

ޔޫރޯ 2020 ގައި ޕޯޗުގަލް ކުޅެން ޖެހޭނީ މަރުގެ ގްރޫޕްގައެވެ. އެޓީމުގެ އިތުރުން ދެން ގްރޫޕް އެފްގައި ވާދަކުރާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޖަރުމަނު އަދި ހަންގޭރީއެވެ.

ފެނާންޑޯ ސަންޓޯސް

އުމުރު: 66 އަހަރު

ޕޯޗުގަލްގެ ފެނާންޑޯ ސަންޓޯސް ގައުމީ ޓީމާ 2014 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ޕޯޓޯ އާއި ބެނިްފީކާ ފަދަ ބޮޑެތި ކުލަބުތަކަށް ކޯޗުކޮށްދިނެވެ. ޕޯޗުގަލްއާ ހަވާލު ވެ ސަންޓޯސް ވެފައި ވަނީ ފަހުގެ ތާރީހެއްގައި ޕޯޗުގަލްއަށް ކޯޗުކަން ކޮށްދިން އެންމެ ކާމިޔާބު ކޯޗަށެވެ. 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2019 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ޕޯޗުގަލް ކާމިޔާބު ކުރީ ސަންޓޯސްއާއެކުގައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

އުމުރު: 36 އަހަރު

ކްލަބު: ޔުވެންޓަސް

ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ރޮނާލްޑޯއަކީ އަދިވެސް ޕޯޗުގަލްގެ ތަރިއެވެ. އެޓީމަށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ޕޯޗުގަލްގެ ކެޕްޓަނަކީވެސް ރޮނާލްޑޯއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރަށް ރޮނާލްޑޯ ހޯދައިފައިވެއެވެ. ގޯލް ޖެހުމުގައި ރޮނާލްޑޯއާ ވާދަކޮށްލެވޭނެ ފޯވަޑެއްވެސް ދުނިޔޭގެ ފުޓުބޯޅައިގައި މަދެވެ. ކެރިއަރުގައި 32 ތަށި ކާމިޔާބު ކޮށްފައިވާއިރު، ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅުނު 173 މެޗުން 103 ގޯލް ޖަހާފައެވެ. ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް އިރާނުގެ އަލީ ދާއީގެ ރެކޯޑު މުގުރާލަން ރޮނާލްޑޯއަށް ބޭނުން ވަނީ ހަތް ގޯލެވެ. ޔުވެންޓަސްއަށް މިހާތަނަށް 81 ގޯލް ޖަހައިދީފައިވާ ރޯނާލްޑޯގެ ފަހު ޔޫރޯއަކީ މިއީ ކަމަށްވެސް ވުން ގާތެވެ.

  • ޖޫން 15 / 21:00 ހަންގޭރީ – ޕޯޗުގަލް
  • ޖޫން 19 / 21:00 ޕޯޗުގަލް – ޖަރުމަނު
  • ޖޫން 24 / 00:00 ޕޯޗުގަލް – ފްރާންސް
  • ގޯލްކީޕަރުން

އެންތޮނީ ލޮޕޭޒް (ލިޔޯން)

ރުއި ޕެޓްރީސިއޯ (ވުލްވްސް)

ރުއި ސިލްވާ (ގްރެނޭޑާ)

  • ޑިފެންޑަރުން

ޖޮއާއޯ ކެންސެލޯ (މެންޗެސްޓާ ސިޓީ)

ނެލްސަން ސެމޭޑޯ (ވުލްވްސް)

ހޯސޭ ފޮންޓޭ (ލިލް)

ޕެޕޭ (ޕޯޓޯ)

ރުބެން ޑިއާޒް (މެންޗެސްޓާ ސިޓީ)

ނޫނޯ މެންޑޭޒް (ސްޕޯޓިން)

ރަފައެލް ގުރޭރޯ (ބޮރޫޝިއާ ޑޯޓްމަންޑް)

  • މިޑްފީލްޑަރުން

ޑެނީލޯ ޕެރޭރާ (ޕީއެސްޖީ)

ޖޮއާއޯ ޕަލްހީނިއާ (ސްޕޯޓިން)

ރުބެން ނެވޭޒް (ވުލްވްސް)

ބްރޫނޯ ފެނާންޑޭޒް (މެންޗެސްޓާ ޔުނައިޓެޑް)

ޖޮއާއޯ މުޓީނިއޯ (ވުލްވްސް)

ރެނޭޓޯ ސަންޗޭޒް (ލިލް)

ސާޖިއޯ އޮލިވޭރާ (ޕޯޓޯ)

ވިލިއަމް ކަވާލިއޯ (ރެއާލް ބެޓިސް)

  • ފޯވަޑުން

ޕެޑްރޯ ގޮންކަލްވޭސް (ސްޕޯޓިން)

އަންދްރޭ ސިލްވާ (އެއިންޓްރެޗް ފްރެންކްފާޓް)

ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)

ކްރިސްޓިއާނޯ ރޮނާލްޑޯ (ޔުވެންޓަސް)

ޑިއޮގޯ ޖޮޓާ (ލިވަޕޫލް)

ގޮންކާލޯ ގުއެޑޭޒް (ވެލެންސިއާ)

ޖޮއާއޯ ފީލިކްސް (އެތުލެޓިކޯ މެޑްރިޑް)

ރަފާ ސިލްވާ (ބެންފީކާ)