- އާބާދީ: 46.94 މިލިއަން
- ވެރިރަށް: މެޑްރިޑް
- ޓީމުގެ ވަނަން: ލަ ރޯޚާ (ދަ ރެޑް ވަން)
- ކެޕްޓަން: ސާޖިއޯ ބުސްކަޓްސް
- އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ސާޖިއޯ ރާމޯސް (180 މެޗު)
- ޓޮޕް ސްކޯރާ: ޑޭވިޑް ވިލާ (59 ގޯލް)
ސްޕެއިންގެ ފުޓުބޯޅައަށް ރަސްމީ ހައިސިއްޔަތެއް ލިބިފައި ވަނީ 1920 ވަނަ އަހަރުއެވެ. އެހެންނަމަވެސް އޭގެ ކުރިން 1904 ވަނަ އަހަރު ފީފާ އުފެދިގެން އައީއްސުރެ ފެށިގެންވެސް ސްޕެއިންއަކީ ފީފާގެ މެންބަރު ގައުމެކެވެ. އެޓީމުން 1920 ވަނަ އަހަރު ސްޕެއިންގެ ގައުމީ ޓީމު ވަކި ހައިސިއްޔަތަކުން އުފެއްދީ ޑެންމާކުގައި އެ އަހަރު އޮތް އޮލިމްޕިކްސްގައި ވާދަ ކުރުމަށެވެ. އެ އޮލިމްޕިކްސްއިން ސްޕެއިންގެ ގައުމީ ޓީމަށް ވަނީ ރިހި މެޑަލް ލިބިފައެވެ.
ދުނިޔޭ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އަދިވެސް މަގާމު ދަމަހައްޓަމުން އަންނަ ސްޕެއިނުން 1934 ވަނަ އަހަރު އެގައުމުގެ ފުރަތަމަ ވޯލްޑް ކަޕް ކުޅެފައިވެއެވެ. އެހެންނަމަވެސް ދާހިލީ ހަނގުރާމައިގެ ސަބަބުން 1950 ވަނަ އަހަރާއި ހަމައަށް އެގައުމުގެ ފުޓުބޯޅަ ހުއްޓުމަކަށް އަންނާން މެދުވެރި ވިއެވެ. ފުޓުބޯޅަ ހުއްޓުމެއްގައި އޮތުމަށްފަހު ދެން އެޓީމު ދިޔައީ 1950 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށެވެ.
މިހާތަނަށް ދުނިޔޭގައި 21 ފަހަރު ބާއްވާފައިވާ ވޯލްޑް ކަޕު 15 ފަހަރު ކުޅުނު ސްޕެއިނުން އެންމެ ފުރަތަމަ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 2010 ވަނަ އަހަރުއެވެ. އެ ވޯލްޑް ކަޕަށް ދިޔައިއިރުވެސް ސްޕެއިންއޮތީ ފެވަރިޓުންގެ ގޮތުގައެވެ. އެއީ 2008 ވަނަ އަހަރު ބޭއްވި ޔޫރޯ ޗެމްޕިއަނުންގެ ގޮތުގައި ސްޕެއިނުން މުބާރާތަށް ދިޔުމުންނެވެ. އޭރު ސްޕެއިންގައި އޮތް ޓީމަކީ ހިތްގައިމު ފުޓުބޯޅައެއް ކުޅުނު ހުނަރުވެރި ޓީކެވެ. އެޓީމުގެ ކާމިޔާބު ކުޅުމުގެ ސިއްރަކީ "ޓިކީ ޓަކާ" ފުޓުބޯޅައެވެ. އެސްޓައިލަކީ ޔޯހަން ކްރިފްގެ "ޓޯޓަލް ފުޓްބޯލް" ގެ ތެރެއިން އައި ފެށުމެކެވެ.
އެހެންނަމަވެސް އެ ޖީލާއެކު ސްޕެއިންއަށް އިތުރު ވޯލްޑް ކަޕެއް ހޯދިފައެއް ނުވެއެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުން ސްޕެއިން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕުން ކެޓީ ގަދަ 16 އިން، ރަޝިޔާ އަތުންނެވެ.
1964 ވަނަ އަހަރުގެ ޔޫރޯ އަމިއްލަ ގައުމުގައި ކާމިޔާބު ކުރުމުގެ އިތުރުން 1984 ވަނަ އަހަރު ޔޫރޯގެ ރަނަރަޕްކަން ސްޕެއިންއިން ހޯދިއެވެ. ސްޕެއިންގެ އިތުރު ކާމިޔާބީތައް ފެށުނީ 2000 ގެ އަހަރުތަކުގައެވެ. ސްޕެއިންގެ ކްލަބުތައް ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ ކާމިޔާބީތަކާއެކު ސްޕެއިން ޓީމު ވަރުގަދަވި އެވެ. ނަތީޖާއެއްގެ ގޮތުން އެގައުމުން ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވިދިވިދިގެން ކާމިޔާބު ކޮށްފައެވެ.
ސްޕެއިންއިން ވަނީ މިހާތަނަށް ބޭއްވި 15 ޔޫރޯގެ ތެރެއިން 10 ޔޫރޯއެއްގައި ވާދަކޮށްފައެވެ. މުބާރާތުގެ ތަށި ތިން ފަހަރެއްގެ މަތިން ހޯދާފައިވާއިރު، އޭގެ ތެރެއިން ދެ ތަށްޓަކީ ސްޕެއިން ރަން ޖީލުގައި ހޯދި ދެ ތަށްޓެވެ. 2007 ވަނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން 2009 ވަނަ އަހަރު ޖޫން މަހާއި ހަމައަށް އެއްވެސް މެޗަކުން ބަލި ނުވެ 35 މެޗު ސްޕެއިންގެ ގައުމީ ޓީމުން ހަމަކުރިއިރު، އެއީ ރެކޯޑެކެވެ. އެ ރެކޯޑު މިވަގުތު އޮތީ ބްރެޒިލް އާއި ސްޕެއިން އަތުގައި އެކަންޏެވެ.
އެ ޖީލު ފާއިތުވެ ހިނގައްޖައެވެ. 2016 ވަނަ އަހަރުގެ ޔޫރޯއިން ސްޕެއިން ކެޓީ ގަދަ 16 އިންނެވެ. މި ފަހަރުގެ މުބާރާތަށް ސްޕެއިން އިން ނެރޭނީ ޒުވާން ޓީމެކެވެ. އަރަމުން އަންނަ ތަރިންގެ ޓީމެކެވެ. އާޖީލަކަށް ކުރިއަށް އޮތް ޔޫރޯ ސްޕެއިންއަށް މުހިއްމީ އެ ސަބަބަށްޓަކައެވެ.
މިއަހަރުގެ ޔޫރޯއަށް ދާން ތައްޔާރުވާ ސްކޮޑުގައި ސްޕެއިންގެ އެންމެ އިތުބާރު ޑިފެންޑަރު، އަދި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ސާޖިއޯ ރާމޯސްވެސް ނުހިމެނެއެވެ. ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނުލައި މިފަހަރުގެ ޔޫރޯއަށް ނުކުންނަން ޖެހުމަކީ އެޓީމަށް ކުރިމަތިވި ބޮޑު މާޔޫސް ކަމެކެވެ. ކެޕްޓަން ރާމޯސް ނެތްތަން ފޫބައްދަން ޓީމުގައި ހުރި އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ބާސެލޯނާގެ ކާމިޔާބު މިޑްފީލްޑަރު ސާޖިއޯ ބުސްކަޓްސްއެވެ. ބޭންޑް އަޅައިގެން ނުކުންނާނީވެސް އޭނާއެވެ. ޓީމުގައި ތިބި މުހިއްމު އެހެން ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު ޑޭވިޑް ޑެހެއާ އާއި ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާގެ އިތުރުން ޗެލްސީ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ފާހަގަ ކޮށްލެވެއެވެ. ސްޕެއިންގެ ފޯވަޑްލައިނުން ފެންނާނީ ޒުވާން ތަރި ފެރާން ޓޮރެސް އާއި އަލްވާރޯ މޮރާޓާއެވެ.މެދުތެރެއިން ތީއާގޯ އަލްކަންޓްރާ އާއި އެތުލެޓިކޯގެ ކޯކޭވެސް ސްޕެއިން ޓީމުގައި މުހިއްމު ރޯލެއް އަދާކުރާނެއެވެ.
ގްރޫޕް އީގެ ފެވަރިޓުންގެ ގޮތުގައި ސްޕެއިން އޮތްއިރު، އެ ގްރޫޕްގައި ދެން ވާދަ ކުރާނީ ޕޮލެންޑާއި ސްލޮވާކިއާގެ އިތުރުން ސްވިޑެންއެވެ.
ލުއިސް އެންރީކޭ
އުމުރު: 51 އަހަރު
ލުއިސް އެންރީކޭގެ ކޯޗިން ކެރިއަރު ފެށިފައި ވަނީ 2008 ވަނަ އަހަރު ބާސެލޯނާގެ ބީ ޓީމުންނެވެ. އޭގެ ފަހުން ރޯމާ އާއި ސެލްޓާއަށް އެންރީކޭ ކޯޗުކަން ކޮށްދީފައިވެއެވެ. ސްޕެއިން ގައުމީ ޓީމާ އެންރީކޭ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އަމިއްލަ ސަބަބުތަކާ ހުރެ ޓީމުން ދުރަށް ޖެހިލި ނަމަވެސް އަނެއްކާވެސް އޭނާގެ ފޯކަސް ހުރީ ގައުމީ ޓީމުގެ ކޯޗު ކަމަށެވެ.
ސާޖިއޯ ބުސްކަޓްސް
އުމުރު: 32 އަހަރު
ކްލަބު: ބާސެލޯނާ
ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްގެ ލީޑާޝިޕް ނެތްތަން ފޫބައްދަން މިފަހަރު ގައުމީ ޓީމުގެ ބޭންޑް އަޅައިގެން ނުކުންނާނީ ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކަޓްސްއެވެ. ބާސެލޯނާގެ ޔޫތު ސިސްޓަމްގެ ތެރެއިން ސްޕެއިން ފުޓުބޯޅައިގެ ތެރެއަށް ފައްކާވެގެން އައި ބުސްކަޓްސް ވަނީ މިހާތަނަށް އެ ކްލަބަށް 415 މެޗު ކުޅެދީފައެވެ. ބާސާއާއެކު ތިން ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން އެތައް ކާމިޔާބީތަކެއް ބުސްކަޓްސް ވަނީ އެ ކްލަބާއެކު ހޯދައިފައެވެ. ގައުމީ ޓީމަށް 122 މެޗު އޭނާ ކުޅެދީފައިވާއިރު، ބުސްކަޓްސް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް، އަދި 2012 ވަނަ އަހަރުގެ ޔޫރޯ ސްޕެއިންއަށް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. ހޯލްޑިން މިޑްފީލްޑަރެއްގެ ގޮތުގައި ބޮޑަށް ފާހަގަވި ނަމަވެސް ބުސްކަޓްސްއަކީ ކުދި ޕާސްތައް ޖެހުމުގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
15 ޖޫން/ 00:00 ސްޕެއިން – ސްވިޑެން
20 ޖޫން/ 00:00 ސްޕެއިން – ޕޮލެންޑް
23 ޖޫން/ 21:00 ސްލޮވާކިއާ – ސްޕެއިން
- ގޯލްކީޕަރުން
ޑޭވިޑް ޑެ ހެއާ (މެންޗެސްޓާ ޔުނައިޓެޑް)
އުނޭ ސިމޮން (އެތުލެޓިކް ކްލަބު)
ރޮބާޓް ސަންޗޭޒް (ބްރައިޓަން)
- ޑިފެންޑަރުން
ހޯސޭ ގާޔާ (ވެލެންސިއާ)
ޖޯޑީ އަލްބާ (ބާސެލޯނާ)
ޕައު ޓޮރޭސް (ވިލަރެއާލް)
އައިމެރިކް ލަޕޯޓް (މެންޗެސްޓާ ސިޓީ)
އެރިކް ގާސިއާ (މެންޗެސްޓާ ސިޓީ)
ޑިއޭގޯ ލޮރެންޓޭ (ލީޑްސް ޔުނައިޓެޑް)
ސެސާ އަޒްޕްލިކުއެޓާ (ޗެލްސީ)
މާކޯސް ލޮރެންޓޭ (އެތުލެޓިކޯ މެޑްރިޑް)
- މިޑްފީލްޑަރުން
ސާޖިއޯ ބުސްކެޓްސް (ބާސެލޯނާ)
ރޮޑްރި ހެނާންޑޭޒް (މެންޗެސްޓާ ސިޓީ)
ޕެދްރީ (ބާސެލޯނާ)
ތިއާގޯ އަލްކެންޓަރަ (ލިވަޕޫލް)
ކޮކޭ (އެތުލެޓިކޯ މެޑްރިޑް)
ފަބިއަން ރުއިޒް (ނަޕޯލީ)
- ފޯވަޑުން
ޑެނީ އޮލްމޯ (ލައިޕްޒިގް)
މިކެލް އޮޔަރްޒަބަލް (ރެއާލް ސޮސިއެޑާޑް)
ޖެރާޑް މޮރޭނޯ (ވިލަރެއާލް)
އަލްވާރޯ މޮރާޓާ (ޔުވެންޓަސް)
ފެރާން ޓޮރޭސް (މެންޗެސްޓާ ސިޓީ)
އެޑަމާ ޓްރައޯރޭ (ވުލްވްސް)
ޕަބްލޯ ސަރަބިއާ (ޕީއެސްޖީ)
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020