• ވެރި ރަށް: ލަންޑަން
  • އާބާދީ: 67.61 މިލިއަން
  • ޓީމުގެ ވަނަން: ދަ ތުރީ ލަޔަންސް
  • ކެޕްޓަން: ހެރީ ކޭން
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ޕީޓާ ޝިލްޓަން ( 125 މެޗު)
  • ޓޮޕް ސްކޯރާ: ވޭން ރޫނީ (53 ގޯލް)

އިންގްލެންޑަކީ ދުނިޔޭގެ އެންމެ ޒަމާންވީ އެއް ފުޓުބޯޅަ ޓީމެވެ. ސްކޮޓްލޭންޑާއި އިންގްލެންޑް، 1872 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކީ ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ ގައުމަކުން ކުޅުނު ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗެވެ. ފުޓުބޯޅަ ފެށިގެން މިއަދާ ހަމައަށް އައި ބަދަލުތަކަށް ހޭނި އިންގްލެންޑުން ވަނީ ޒަމާނީ ފުޓުބޯޅައަށްވެސް ހޭނިފައެވެ. ރަނގަޅު ފުޓުބޯޅަ ޖީލުތަކެއް އުފައްދައި މޮޅެތި ކުޅުންތެރިންވެސް އުފައްދައިފައެވެ. އެޓީމަށް އިތުރަށް ނުކުރެވުނު ކަމަކީ ބޮޑެތި މުބާރާތްތަކުގެ ކާމިޔާބީއެވެ. ޖުމުލަ 15 ފަހަރަށް ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅެފައިވާއިރު ޔޫރޯގައި 10 ފަހަރު ވާދަކޮށްފައިވެއެވެ. އެހުރިހާ މުބާރާތަކުންވެސް އެޓީމަށް ހޯދުނު ކާމިޔާބީއަކީ ވޯލްޑް ކަޕެއް ކާމިޔާބުކުރުން އެކަންޏެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ފުޓުބޯޅަ ލީގު އޮތީ އިނގިރޭސިވިލާތުގައެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓީމުތައް ނަމަވެސް ގައުމީ ޓީމަށް ލިބުނު ކާމިޔާބީ މަދެވެ.

އިންގްލެންޑްގެ ތާރީހުގައިވެސް ހޯދުނު ހަމައެކަނި ކާމިޔާބީއަކީ ވޯލްޑް ކަޕްގެ ތަށި 1966 ވަނަ އަހަރު ހޯދުމެވެ. އޭގެފަހުން 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕްގެ ހަތަރުވަނަ އިންގްލެންޑުން ހޯދިއެވެ. ތަށްޓަށްފަހު ސެމީގައި އިންގްލެންޑަށް ކުޅެވުނީ އެންމެ ދެފަހަރުއެވެ. ޑޭވިޑް ބެކަމް އާއި، އެލެން ޝިއެރާ، ފްރޭންކް ލެމްޕާޑާއި ސްޓީވަން ޖެރާޑާއެކު ގޮސްވެސް އެޓީމަށް ވޯލްޑް ކަޕްގެ ސެމީއާ ހަމަޔަށް ވެސް ދެވޭ ގޮތެއް ނުވިއެވެ. އެ ބަދުނަސީބަށް ނިމުން ގެނެސްދިނީ 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕަށް ދިޔަ ޓީމެވެ.

ތަޖުރިބާއާއި ވަކިވަކި ހުނަރުވެރި ކުޅުންތެރިންގެ ޓީމުތަކާއެކު އިންގްލެންޑުން މުބާރާތްތަކަށް ދިޔަ ދިޔުން ނިންމާލީ 2018 ވަނަ އަހަރުގައޭ ބުނެވިދާނެއެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިނގިރޭސީން ތައްޔާރު ކުރީ ޒުވާން ޓީމެކެވެ. މަދު، ވަރުގަދަ ކްލަބުތަކަކުން ކުޅުންތެރިން ޓީމަށް ނެގުމުގެ ބަދަލުގައި މުޅި ލީގުގެ ހުނަރު އިނގިރޭސިން ބޭނުން ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ރަނގަޅު ފޯމެއްގައި އިންގްލެންޑުން ވަނީ އެންމެފަހުގެ ވޯލްޑް ކަޕް ސެމީގައި ކުޅެފައެވެ.

ޔުރޯގެ ތަށި އިންގްލެންޑަށް އަދި ހޯދިފައެއް ނުވެއެވެ. ޔޫރޯގައި އިންގްލެންޑަށް ތަށްޓާ އެންމެ ގާތަށް ވެސް ދެވުނީ ތިންވަނައާއި ހަމައަށެވެ. އެއީ 1968 ވަނަ އަހަރާއި 1996 ވަނަ އަހަރުއެވެ. 1996 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިންގްލެންޑުގައި ބާއްވައި، އެ ޔޫރޯއަކީ އިންގްލެންޑަށް އުންމީދު ބޮޑުކޮށް އޮތް މުބާރާތެއް ނަމަވެސް އެ މުބާރާތުގައި ވެސް ސެމީން އިންގްލެންޑް ކެޓީ ހިތްދަތި ގޮތަކަށެވެ. އެ މުބާރާތުގެ ބަދުނަސީބު ހަނދާންތައް އެންމެ ބޮޑަށް ގުޅިފައި ވަނީ މިހާރު އިނގިރޭސި ކޯޗުކަމުގައި ހުރި ގެރެތު ސައުތުގޭޓާއެވެ. ޖަރުމަނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ދެޓީމުންވެސް ފުރަތަމަ ފަސް ޕެނެލްޓީ ކާމިޔާބުކޮށް ޕެނެލްޓީ ޝޫޓްއައުޓް ދިގުލައިގެން ދިޔައިރު، ހަވަނަ ޕެނެލްޓީ ޖަރުމަނުން ވެއްދި ނަމަވެސް، އިންގްލެންޑަށް ވީ ނާކާމިޔާބެވެ. އެ ފަހަރު އިންގްލެންޑަށް ނާކާމިޔާބު ވި ޕެނެލްޓީ ޖެހީ މިހާރުގެ ކޯޗު ގެރެތު ސައުތު ގޭޓެވެ. 2004 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާއަށް އިންގްލެންޑް ދިޔަ ނަމަވެސް 2008 ވަނަ އަހަރުވެސް ކެޓީ ގަދަ 16 އިންނެވެ.

ގެރެތު ސައުތުގޭޓް

އުމުރު: 50 އަހަރު

އިންގްލެންޑް ގައުމީ ޓީމު ކޯޗުކަމުގެ މަގާމަކީ އުނދަގޫ މަގާމެއް ނަމަވެސް ސައުތުގޭޓްގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ތަފާތު ވިސްނުމަކުން ޓީމަށް ހެޔޮ ބަދަލުތަކެއް ގެންނަ މަންޒަރެވެ. ހާއްސަކޮށް ވަކި ޓީމެއްގެ ކުޅުންތެރިޔަކަށް ނުބަލައި، ޒުވާން ހުނަރުވެރި ކުޅުންތެރިންނާއެކު ރިސްކް ނަގަން ކެރޭ ކޯޗެއްގެ ގޮތުގައި ސައުތުގޭޓް ފާހަގަ ވެފައިވާއިރު، 2018 ވަނަ އަހަރު ވޯލްޑް ކަޕް ސެމީއަކީ އޭނާގެ އެންމެ ބޮޑު ކާމިޔާބީއެވެ.

ހެރީ ކޭން

އުމުރު: 27

ކްލަބު: ޓޮޓެންހަމް

މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 53 މެޗުން 34 ގޯލް ޖަހައިދީފައިވާ ޓޮޓެންހަމްގެ ތަރި ހެރީ ކޭންއަކީ އިންގްލެންޑްގެ ކެޕްޓަނެވެ. ކޭން ގައުމީ ޓީމަށް އެރީ އުމުރުން އެންމެ 22 އަހަރުގައެވެ.މިދިޔަ ފަސް ވަރަކަށް އަހަރު މުޅި ޕްރިމިއާ ލީގަށް ބަލާއިރުވެސް ކޭންއަކީ އެންމެ މޮޅު ފޯވަޑެވެ.

ނިމިދިޔަ ވޯލްޑް ކަޕަކީ ކޭންއަށް ކާމިޔާބު ވޯލްޑް ކަޕެކެވެ. އިންގްލެންޑާއެކު ސެމީ ފައިނަލަށް ދިޔައިރު، އޭނާ ވަނީ ހަ ގޯލް ޖަހައި މުބާރާތުގެ ރަން ބޫޓު ހޯދައިފައެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން ވަނީ ހެޓްރިކްވެސް ހަދައިފައެވެ. އެއާއެކު ކޭން ވެގެން ދިޔައި ވޯލްޑް ކަޕް މެޗެއްގައި އިންގްލެންޑަށް ހެޓްރިކެއް ހަދައިދިން ތިންވަނަ ކުޅުންތެރިޔާއަށެވެ. ކޭންގެ ފޯމަށް ކުރިއަށް އޮތް ޔޫރޯގައި އިންގްލެންޑަށް ބަރޯސާވާން ޖެހޭނެއެވެ.

އިންގްލެންޑަކީ އަބަދުވެސް ތަރިން ގިނަ ޓީމެކެވެ. ކޮންމެ މުބާރަތަކަށްވެސް އެޓީމުން ދަނީ ދުނިޔޭގެ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމަނައިގެންނެވެ. ގިނަ މުބާރާތްތަކުގައި އެންމެ މަގުބޫލު އެއް ޓީމަކަށްވެސް ވެފައި އޮންނަނީ އިންގްލެންޑެވެ. މިއަހަރުގެ ޔޫރޯއަށް ދާ އިންގްލެންޑް ޓީމުންވެސް ތަރިންތަކެއް ފެންނާނެއެވެ. ފަހަތުން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ފެނިގެންދާއިރު، މެދު ތެރެއިން މެންޗެސްޓާ ސިޓީގެ ޒުވާން ތަރި ފިލް ފޮޑެންއާއި ޗެލްސީގެ ތަރި މޭސަން މައުންޓްވެސް ފެނިގެންދާނެއެވެ. އިންގްލެންޑްގެ ފޯވަޑްލައިން ލީޑް ކުރާނީ ހެރީ ކޭންއެވެ. އަރިމަތިން މާކަސް ރަޝްފޯޑާއި ރަހީމް ސްޓޭލިންގެ ބާރު ސްޕީޑް ފެނިގެންދާނެއެވެ. އިންގެލްންޑުން ގިނަ ކްލަބުތަކަކުން ކުޅުންތެރިން ޓީމަށް ނަގާފައި ވުމަކީ ޓީމެއްގެ ގޮތުގައި އެޓީމުގެ ނަތީޖާ ފެނިގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ސްކޮޑަށް ބަލައިލުމުން މި ޔޫރޯއަކީ އިނގިރޭސި ލީގުގެ ހުނަރު ފެނިގެންދާނެ ޔޫރޯއެއް ކަމަށް ބެލެވެއެވެ.

13 ޖޫމް/ 18:00 / އިންގްލެންޑް – ކްރޮއޭޝިއާ

19 ޖޫން/ 00:00 / އިންގްލެންޑް – ސްކޮޓްލޭންޑް

23 ޖޫން/ 00؛00 / ޗެކް ރިޕަބްލިކް – އިންގްލެންޑް

  • ގޯލްކީޕަރުން

ޑީން ހެންޑަސަން (މެންޗެސްޓާ ޔުނައިޓެޑް)

ޖޯޑަން ޕިކްފޯޑް (އެވަޓަން)

ސޭމް ޖޯންސްޓޯން (ވެސްޓް ބްރޮމް)

  • ޑިފެންޑަރުން

ބެން ވައިޓް (ބްރައިޓަން)

ބެން ޗިލްވެލް (ޗެލްސީ)

ކޯނޯ ކޯޑީ (ވިލްވްސް)

ރީސް ޖޭމްސް (ޗެލްސީ)

ހެރީ މެގުއާ (މެންޗެސްޓާ ޔުނައިޓެޑް)

ޓައިރޮން މިންގްސް (އެސްޓަން ވިލާ)

ލޫކް ޝޯ (މެންޗެސްޓާ ޔުނައިޓެޑް)

ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)

ކީރެން ޓްރިޕިއާ (އެތުލެޓިކޯ މެޑްރިޑް)

ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)

  • މިޑްފީލްޑަރުން

ޖޫޑް ބެލިންހަމް (ބްރޫޝިއާ ޑޯޓްމަންޑް)

ޖޯޑަން ހެންޑަސަން (ލިވަޕޫލް)

މޭސަން މައުންޓް (ޗެލްސީ)

ކެލްވިން ފިލިޕްސް (ލީޑްސް)

ޑެކްލަން ރައިސް (ވެސްޓްހަމް)

  • ފޯވަޑުން

ޑޮމިނިކް ކަލްވާޓް ލެވިން (އެވަޓަން)

ފިލް ފޮޑެން (މެންޗެސްޓާ ސިޓީ)

ޖެކް ގްރީލިޝް (އެސްޓަން ވިލާ)

ހެރީ ކޭން (ޓޮޓެންހަމް)

މާކަސް ރަޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)

ބުކަޔޯ ސަކާ (އާސެނަލް)

ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)

ޖޯޑަން ސަންޗޯ (ބްރޫޝިއާ ޑޯޓްމަންޑް)