އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް "މޭ ހައެއް" ގެ ނަމުގައި ކޮމިޓީއެއް އުފެއްދުމަށް އެޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ޒޫމް މެދުވެރިކޮށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން "މޭ ހައެއް"ގެ ނަމުގައި ކޮމިޓީއެއް އުފެއްދުމަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)އެވެ. އަދި އެ ގަރާރަށް ތާއީދު ކޮށްފައިވަނީ މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމެވެ.
ވައްޑެ ހުށަހެޅި ގަރާރުގައި އިގުރާރުވުމަށް ހުށަހަޅާފައިވާ ކަންކަމަކީ ސަރުކާރު އަދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގަމުން ގެންދާ ތަހުގީގުތަކާއި މިކަމާ ގުޅިގެން އަޅާ ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ޕާޓީގެ ފަރާތުން ގާތުން ބަލައި ފާރަވެރިވަމުން ގެންދިޔުމެވެ.
ކުރިން ހިނގާފައިވާ ނުރައްކާތެރި އެތައް މަރެއްގެ ހަގީގަތްތައް ނުހޯދި އިންސާފު ދިގުލައިގެން ގޮސްފައިވާތީ، ރައީސް ނަޝީދަށް ދިން މިހަމަލާގެ ތަހުގީގަކީ ރާއްޖޭގެ ގާނޫނީ ހުކޫމަތު ނެގެހެއްޓޭ މިންވަރު "ވަކަރަށް" ޖަލާލެވިގެންދާފަދަ ސީރިއަސް ހަމަލާއެއް ކަމަށެވެ. އެހެންކަމުން މިފަދަ ބޮޑު މައްސަލައެއްގެ ހަ ފަރާތް ނުހޯދިއްޖެނަމަ، މިޕާޓީ ދައުލަތެއްގެ ގޮތުގައި ދެކޭ ދިވެހި ދައުލަތުގެ ސިފަތައް ގެއްލިގެންދާނެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް ގަރާރުގައިވެ އެވެ.
ގަރާރުގައި އިތުރަށް ވަނީ އެކަންކަމުގެ ބިރުވެރިކަމާއި ކަންބޮޑުވުމާއެކު ރައީސް ނަޝީދަށް އިންސާފު ގާއިމުކުރުމަށް މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އުޅޭ ޕާޓީގެ މެމްބަރުންނާއި ދިވެހިރައްޔިތުން ކެނޑިނޭޅި ގޮވަމުންދާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މެމްބަރުންގެ ފަރާތުން މިކަން ގާތުން ބަލައި ފާރަވެރިވާނެ ހާއްސަ ކޮމިޓީ، "މޭ ހައެއް" ކޮމިޓީ އުފެއްދުމާއި ކޮމިޓީގެ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުން ކަމަށްވެސް ގަރާރުގައިވެ އެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ ރައީސް ނަޝީދުގެ ފަރާތުން ކަނޑައަޅުއްވާ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލެވެ.
ޖަލްސާގައި ހާޒިރުވެ ތިބި 109 މެމްބަރުންގެ ތެރެއިން މި ގަރާރު ފާސްކުރުމަށް 100 މެމްބަރުން ވޯޓް ދީފައިވެ އެވެ. އަދި އަށް މެމްބަރަކު ވަކި ކޮޅަކަށް ވޯޓް ދީފައެއްނުވެ އެވެ. ގަރާރާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓް ދީފައެއްނުވެ އެވެ.
އޭގެ އިތުރުން "މޭހައެއް" ކޮމިޓީން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހަފުތާއަކު އެއް ފަހަރު ގައުމީ މަޖިލީހަށް ހިއްސާ ކުރުމަށްވެސް ވަނީ ފާސްކޮށްފަ އެވެ. އެ ވޯޓްގައި ބައިވެރިވި 107 މެމްބަރުންގެ ތެރެއިން 96 މެމްބަރުންގެ ވޯޓުން ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެވެ.