- އާބާދީ: 17.4 މިލިއަން
- ވެރިރަށް: އެމްސްޓެޑަމް
- ޓީމުގެ ވަނަން: އޮރެންޖް / ހޮލެންޑް / ދަ ފްލައިން ޑަޗްމެން
- ކެޕްޓަން: ޖޯޖީނިއޯ ވައިނަލްޑަމް
- އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ވެސްލީ ސްނައިޑާ (134 މެޗު)
- ޓޮޕް ސްކޯރާ: ރޮބިން ވެން ޕާސީ (50 ގޯލް)
ބައިނަލްއަގުވާމީ ފުޓުބޯޅައަށް ރަސްމީކޮށް ނެދަލެންޑްސް ތައާރަފުވީ 1905 ވަނަ އަހަރުއެވެ. ދުނިޔޭގެ ފުޓުބޯޅައިގައި ނެދަލެންޑްސްއަކީ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި އަބަދުވެސް ފާހަގަވެގެންދިޔަ ނަމަވެސް، އެންމެ ބޮޑު މާޔޫސްކަމަކީ ވޯލްޑް ކަޕް ތަށްޓެއް ހޯދިފައި ނުވުމެވެ. ނަމަވެސް ވޯލްޑް ކަޕުގައި ވެސް ގިނަ އަހަރުތަކުގައި ނިންމާލަނީ ރަނގަޅު ހިސާބެއްގައި އޮވެގެންނެވެ.
ނެދަލެންޑްސްއަކީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް އުފެދުނު ޓީމެކެވެ. އެގޮތުން ޑެނިސް ބާކޭމްޕް، ޔޯހާން ކްރައިފް، މާކޯ ވެން ބަސްޓެން، ރޫޑް ގުލިޓް، ފްރޭންކް ރައިކާޑް، ކްލެރެންސް ސީޑޯފް، ވެން ނިސްޓެލްރޫއީ، ގޯލްކީޕަރު އެޑްވިން ވެން ޑަ ސާ، ރޮބިން ވެން ޕާސީ، ފިލިޕް ކޮކޫ، އެޑްގާ ޑާވިޑްސް، ޕެޓްރިކް ކްލައިވެޓް، ފްރޭންކް ޑި ބޯ، ވެސްލީ ސްނައިޑާ އަދި ރޮނަލްޑް ކޫމަން ފަދަ ކުޅުންތެރިން އުފެދުނީ ނެދަލެންޑްސް އިންނެވެ. ނަމަވެސް ފަހަކަށް އައިސް، ނެދަލެންޑްސް އިން ވިދާލާ ކުޅުންތެރިން މަދެވެ.
ނެދަލެންޑްސް އިން ވޯލްޑް ކަޕެއްގައި ފުރަތަމަ ވާދަކުރީ 1934 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގައެވެ. ނަމަވެސް ވޯލްޑް ކަޕުގައި ވަރުގަދަ ޓީމެއްގެ ގޮތުގައި ނެދަލެންޑްސް ފާހަގަވާން ފެށީ 1974 ވަނަ އަހަރުން ފެށިގެންނެވެ. ޖަރުމަނުގައި ބޭއްވި 1974ގެ ވޯލްޑް ކަޕުން ނެދަލެންޑްސް އިން ރަނަރަޕްކަން ހޯދި އިރު، 1978 ގައި އާޖެންޓީނާގައި ބޭއްވި ވޯލްޑް ކަޕު ވެސް ނެދަލެންޑްސް ނިންމާލީ ރަނަރަޕުންގެ ގޮތުގައެވެ.
ކާމިޔާބު ދެ ވޯލްޑް ކަޕަށްފަހު ޖެހިގެން އައި ދެ ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައި ވެފައެއް ނުވެއެވެ. އެޓީމު ދެން ވާދަކުރީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕުގައެވެ. ޖެހިގެން އައި ވޯލްޑް ކަޕް 1994ގައި ނެދަލެންޑްސް ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރިއެވެ. އެ މުބާރާތުގައި ވިދާލުމަށްފަހު އަނެއްކާވެސް ކޮރެއާ އާއި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕް 2002އަށް ނެދަލެންޑްސް ކޮލިފައިވެފައެއް ނުވެއެވެ. ދެން އެޓީމުގެ ފެނިގެންދިޔައީ ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް 2006 ގައެވެ.
ޖެހިގެން އައި ވޯލްޑް ކަޕް 2010 އަދި ވޯލްޑް ކަޕް 2014ގައި އަނެއްކާވެސް ނެދަލެންޑްސްގެ ވަރުގަދަކަން ފެނިގެންދިޔައެވެ. ސައުތު އެފްރިކާގައި ބޭއްވި 2010ގެ ވޯލްޑް ކަޕުގައި ނެދަލެންޑްސް އިން ރަނަރަޕްކަން ހޯދިއެވެ. ފައިނަލުގައި އެޓީމު ބަލިވީ ސްޕެއިން އަތުންނެވެ. އަދި ބްރެޒިލުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ވެސް ނެދަލެންޑްސް ވަނީ ތިންވަނަ ހޯދައިފައެވެ. އެ ފަހަރު މުބާރާތުގެ ސެމީ ފައިނަލުގައި ނެދަލެންޑްސް ބަލިވީ އާޖެންޓީނާ އަތުންނެވެ.
ޔޫރޯގައި ވެސް ނެދަލެންޑްސް ފާހަގަކޮށްލެވެނީ ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. އެޓީމު ވަނީ ޔޫރޯގައި ނުވަ ފަހަރު ވާދަ ކޮށްފައެވެ. އޭގެ ތެރެއިން ވެސް ނެދަލެންޑްސްއަށް ކާމިޔާބު ކުރެވުނީ އެންމެ މުބާރާތެކެވެ. އެއީ 1988 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯއެވެ. އެއިރު އެޓީމުން ރޮނަލްޑް ކޫމަން، ރޫޑް ގުލިޓް އަދި މާކޯ ވެން ބަސްޓެން ފެނިގެންދިޔައެވެ.
އޭގެ ފަހުން ވެސް ޔޫރޯގައި ނެދަލެންޑް ވިދާލިއެވެ. އެގޮތުން ޔޫރޯ 1992، ޔޫރޯ 2000، ޔޫރޯ 2004ގެ ތިންވަނަ މަގާމު ހޯދިއެވެ. އަދި ޔޫރޯ 1996 އާއި ޔޫރޯ 2008ގެ ކުއާޓާ ފައިނަލުގައި އެޓީމު ވާދަ ކުރިއެވެ.
ފަހުގެ ތާރީހެއްގައި ނެދަލެންޑްސްގެ އެންމެ މާޔޫސީ ދުވަސްތަކަކީ 2014 ގެ ފަހެވެ. ވޯލްޑް ކަޕް 2014ގެ ތިންވަނަ ހޯދުމަށްފަހު އެޓީމަށް ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 އަށް ކޮލިފައި ވެވިފައެއް ނުވެއެވެ. އެ ދެ މުބާރާތަށް ނެދަލެންޑްސް ކޮލިފައި ނުވުން ފުޓުބޯޅައިގެ މުޅި ދުނިޔެވެސް ފާހަގަކުރީ ބޮޑު ހައިރާންކަމެއްގެ ގޮތުގައެވެ.
މިފަހަރުގެ ޔޫރޯއަށް ނެދަލެންޑްސް ކޮލިފައިވީ ގްރޫޕު ސީގެ ދެވަނައިގެ ގޮތުގައެވެ. އެޓީމު ހިމެނުނީ ވަރުގަދަ ޖަރުމަނާއި އެއް ގްރޫޕެއްގައި ކަމުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އެ ގްރޫޕުގެ އެއްވަނަ ހޯދީ ޖަރުމަނެވެ.
މިފަހަރުވެސް ނެދަލެންޑްސްގެ ސްކޮޑު ގޯހެއް ނޫނެވެ. ގޯލްކީޕަރުންގެ ތެރޭގައި ހިމެނެނީ ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކީޕަރުންނެވެ. އެގޮތުން ކީޕަރުންގެ ތެރޭގައި ނޮވިޗް ސިޓީއަށް ކުޅެމުން އަންނަ ޓިމް ކްރުލް އާއި އަޔެކްސްއަށް ކުޅެމުން އަންނަ މާޓިން ސްޓެކެލެންބާގް އަދި ކުރިން ބާސެލޯނާ އިން ފެނުނު އަދި މިހާރު ވެލެންސިއާއަށް ކުޅެމުން އަންނަ ކީޕަރު ޖެސްޕާ ސިލެސަން ހިމެނެއެވެ.
ނެދަލެންޑްސްއަށް މި ފަހަރު ކުރިމަތި ވި އެންމެ ބޮޑު އެއް މާޔޫސްކަމަކީ އެޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް އަނިޔާއަށްފަހު މުބާރާތަށް ފިޓް ނުވުމެވެ. އެހެންކަމުން ޑިފެންސް ލައިނުގައި އޭނާއެއް ނުހިމެނޭނެއެވެ. ނަމަވެސް މިފަހަރު ޑިފެންސް ލައިންގައި ޔުވެންޓަސްގެ މެތިއަސް ޑި ލިޓް އާއި މެންޗެސްޓާ ސިޓީގެ ނޭތަން އާކޭ އާއި އިންޓަ މިލާނުގެ ސްޓެފަން ޑި ރިޖް އާއި އެޔެކްސްގެ ޑެލޭ ބްލިންޑް ހިމެނެއެވެ.
ނެދަލެންޑްސްގެ މެދުތެރެއިން މިފަހަރު ވަރުގަދަ މިޑްފީލްޑަރުންތަކެއް ފެނިގެންދާނެއެވެ. އެގޮތުން ކެޕްޓަން ޖޯޖީނިއޯ ވައިނަލްޑަމް، ބާސެލޯނާގެ ފްރެންކީ ޑި ޔޮންގް، މެންޗެސްޓާ ޔުނައިޓެޑުގެ ޑޮނީ ވެން ޑެ ބީކް، އަޔެކްސްގެ ޑޭވީ ކްލާސަން އަދި އެޓަލާންޓާގެ މާޓިން ޑި ރޫން ފާހަގަކޮށްލެވެއެވެ.
ނެދަލެންޑްސްގެ ފޯވަޑް ލައިނުގައި ހިމެނޭ ކުޅުންތެރީންގެ ތެރޭގައި ލިޔޯންގެ މެމްފިސް ޑިޕާއީ، ސެވިއްޔާގެ ލޫކް ޑި ޔޮންގް ފާހަގަކޮށްލެވެއެވެ.
ފްރޭންކް ޑި ބޯ
އުމުރު: 51 އަހަރު
މިފަހަރުގެ ޔޫރޯ ވެގެންދާނީ ނެދަލޭންޑްސްގެ ކޯޗު ފްރޭންކް ޑި ބޯއަށް މުހިންމު މުބާރާތަކަށެވެ. އޭނާއަކީ ނެދަލެންޑްސްގެ ގޯލްޑަން ޖެނެރޭޝަނެއްގެ ކެޕްޓަނެވެ. ނެދަލެންޑްސް އިން ވޯލްޑް ކަޕް 2010ގެ ހަތަރު ވަނަ މަގާމާއި ޔޫރޯ 2000 އަދި ޔޫރޯ 2004ގެ ތިންވަނަ ހޯދި އިރު، ނެދަލެންޑްސްގެ ކެޕްޓަނަކަށް ހުރީ ޑި ބޯ އެވެ. ކޯޗެއްގެ ގޮތުގައި އަޔެކްސްއަށް ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު، ޑި ބޯ ނެދަލެންޑްސްގެ ޓީމާ ހަވާލުވީ މިދިޔަ އަހަރުއެވެ.
ޖޯޖީނިއޯ ވައިނަލްޑަމް
އުމުރު: 30 އަހަރު
ކްލަބު: ފްރީ އެޖެންޓް
މިފަހަރުގެ ޓީމުން ނެދަލެންޑްސްގެ އެންމެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މިސީޒަނަށްފަހު ލިވަޕޫލުގެ ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބު ދޫކޮށްލަން ނިންމާފައިވާ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމްއެވެ. މިހާރު އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާއާ ގުޅުމަށް އެއްބަސްވެފައެވެ. ވާޖިލް ވެން ޑައިކްއަށް ލިބުނު އަނިޔާއަށްފަހު އޭނާ ފިޓު ނުވުމުން، މިފަހަރުގެ މުބާރާތުގައި ނެދަލެންޑްސްގެ ކެޕްޓަނެއްގެ ގޮތުގައި ފެންނާނީ ވައިނަލްޑަމްއެވެ. ނެދަލެންޑްސްއަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ވައިނަލްޑަމް، ވޯލްޑް ކަޕް 2014ގެ ތިންވަނަ ހޯދި ޓީމުގައި ވެސް ހިމެނުނެވެ. މިހާތަނަށް ނެދަލެންޑްސްއަށް ކުޅުނު 73 މެޗުން އޭނާ ވަނީ 22 ގޯލު ޖަހައިދީފައެވެ. ޔޫރޯ ކޮލިފައިންގައި ނެދަލެންޑްސްއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ވައިނަލްޑަމް އެވެ. އޭނާ ވަނީ ކޮލިފައިންގައި ނެދަލެންޑްސްއަށް އަށް ގޯލު ޖަހައިދީފައެވެ.
- 14 ޖޫން/ 00:00 ނެދަލެންޑްސް – ޔޫކްރޭން
- 18 ޖޫން/ 00:00 ނެދަލެންޑްސް – އޮސްޓްރިއާ
- 12 ޖޫން/ 21:00 ނޯތު މެސެޑޯނިއާ – ނެދަލެންޑްސް
- ގޯލްކީޕަރުން
ޖެސްޕާ ސިލެސެން (ވެލެންސިއާ)
ޓިމް ކްރުލް (ނޮވިޗް)
މާޓެން ސްޓެކެލެންބާގް (އަޔެކްސް)
- ޑިފެންޑަރުން
ޕެޓިކް ވޭން އާންހޯލްޓް (ކްރިސްޓަލް ޕެލަސް)
ނޭތަން އާކޭ (މެންޗެސްޓާ ސިޓީ)
ޑެލޭ ބްލިންޑް (އަޔެކްސް)
ޑެންޒެލް ޑަމްފްރައިސް (ޕީއެސްވީ)
މެތިއަސް ޑި ލިޓް (ޔުވެންޓަސް)
ޖުރިއެން ޓިމްބާ (އަޔެކްސް)
ޖޮއޭލް ވެލްޓްމަން (ބްރައިޓަން)
ސްޓެފަން ޑި ރިޖް (އިންޓަ މިލާން)
އޮވެން ވައިންޑަލް (އޭޒެޑް އަލްކްމާރް)
- މިޑްފީލްޑަރުން
ޑޮނީ ވެން ޑެ ބީކް (މެންޗެސްޓާ ޔުނައިޓެޑް)
ރަޔަން ގްރެވެންބާކް (އަޔެކްސް)
ފްރެންކީ ޑި ޔޮންގް (ބާސެލޯނާ)
ޑެވީ ކްލާސެން (އަޔެކްސް)
ޓެއުން ކޫޕެމެއިނާސް (އޭޒެޑް އަލްކްމާރް)
މޭޓެން ޑި ރޫން (އެޓަލާންޓާ)
ޖޯޖީނިއޯ ވައިނަލްޑަމް (ލިވަޕޫލް)
- ފޯވަޑުން
ސްޓީވަން ބާގުއިސް (ފެޔެނޫޑް)
ކޯޑީ ގަކްޕޯ (ޕީއެސްވީ)
ލޫކް ޑި ޔޮންގް (ސެވިއްޔާ)
ޑޮންޔެލް މަލެން (ޕީއެސްވީ އެއިންދޮވެން)
މެމްފިސް ޑިޕާއީ (ލިޔޯން)
ކުއިސީ ޕްރޮމޭސް (ސްޕާޓަކް މޮސްކޯ)
ވައުޓް ވެގްހޯސްޓް (ވުލްފްސްބާގް)
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020