ފާއިތުވި މަހެއްހާ ދުވަހު ކޮވިޑުގައި މަރުވި 20 އިންސައްތަ މީހުންނަކީ އިތުރު އެހެން ބައްޔެއް ހުރި މީހުންނެއް ނޫން ކަމަށް ޓެންކިނަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ 28 އިން ފެށިގެން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑްގައި 111 މީހަކު މަރުވެފައިވާ ކަމަށެވެ.

"އޭގެ ތެރެއިން 60 އިންސައްތަ މީހުންނަކީ 60 އަހަރުން މަތީގެ މީހުން. 40 އަހަރުން ދަށުގެ 20 އިންސައްތަ މީހުންވެސް އެބަ ހިމެނޭ" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ، އެ މުއްދަތުގައި ކޮވިޑްގައި މަރުވި މީހުންގެ 60 އިންސައްތައަކީ ފިރިހެނުން ކަމަށާއި 40 އިންސައްތައަކީ އަންހެނުން ކަމަށެވެ. އަދި މަރުވި 80 އިންސައްތަ މީހުންނަކީ އެކިއެކި ބަލިތައް ހުރި މީހުން ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި މި ހިމެނެނީ، ލޭ މައްޗަށް ދިއުން، ސްޓްރޯކް، ހިތުގެ ބަލިތައް، ކިޑްނީގެ ބަލިތައް އަދި ހަކުރު ބަލި" ޑރ. ޝަހީދު ވިދާޅުވި އެވެ.

ޑރ. ޝަހީދު އިތުރަށް ވިދާޅުވީ، މަރުވި މީހުންގެ 20 އިންސައްތަ މީހުންނަކީ ކޮވިޑް ނޫން އިތުރު ބައްޔެއް ނެތް މީހުން ކަމަށެވެ. މަރުވި މީހުންގެ ތެރޭހައި ފުއްޕާމޭގެ ބަލިތައް ހުރި އަށް މީހަކާއި ކެންސަރުގެ ތިން ބަލި މީހުންވެސް ހިމެނޭ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.