މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްތަކެއްވެ ފަރުވާ ހޯދަމުން އަންނަ ހދ. ވައިކަރަދޫ، އާދަމް އުމަރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ ހަމަލާގައި އާދަމްގެ ކަނާތު ފައިގެ ކުޑަވާ އިނގިއްޔާ ދިމާލުން ކަށިގަނޑު ވަނީ ބިންދައިގެން ގޮސް ޒަހަމްތަކެއް ވެފަ އެވެ. އެ ޒަހަމްތަކަށް އޭނާ ފުރަތަމަ ފަރުވާ ހޯދީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ފަހުން އައިޖީއެމްއެޗުގައި ފަރުވާ ހޯދުމަށް ފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.
އާދަމް ރޭ "ވަން" އަށް ބުނީ، ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކޮށްފައި އޮތް ދުވަސްވަރު ކޮޓަރި ކުލީގެ ގޮތުގައި ދިން ފައިސާއާއި އާސަންދަ ނޫން އެހެން އެއްވެސް އެހީއެއް ސަރުކާރުން މިހާތަނަށް އޭނާއަށް ވެފައި ނުވާ ކަމަށެވެ.
އާދަމް ބުނި ގޮތުގައި އެހީ ހޯދުމަށް އޭނާ ވާނީ ޖެންޑާ މިނިސްޓްރީއަަށްވެސް ސިޓީ ލިޔެފަ އެވެ. ނަމަވެސް އަދިވެސް އެ ސިޓީގެ ޖަވާބެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން ފަރާތެއް އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވޭނެ އެހީގެ މައުލޫމާތު އެ ފަރާތަށް ކިޔައިދެވިފައިވާ ކަމަށެވެ.
"މިނިސްޓްރީގެ ސަމާލުކަމަށް މިކަން އައި ދުވަހުން ފެށިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން އެފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުން،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ހަބަރުފަތުރާ ވަސީލަތްތަކުން ހަބަރުތައް ޝާއިއުކުރުމުގެ ކުރިން މިނިސްޓްރީއިން މައުލޫމާތު ކަށަވަރުކުރުމަށް އެދިފަ އެވެ.
އާދަމް ބުނި ގޮތުގައި ވައިކަރަދޫ ދާއިރާގެ މެންބަރުގެ އެހީ ފިޔަވާ އެއްވެސް ސިޔާސީ ފަރާތެއްގެ އެހީއެއްވެސް އޭނާއަށް ނުލިބެ އެވެ. ފުލުހުން ފިޔަވައި ހާލު ބަލަންވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުންވެސް ނުގުޅާ ކަމަށް އޭނާ ބުންޏެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އާއިލާއާއެކު ރަަށަށް ބަދަލުވުމަށެވެ.
ހަމަލާގައި އާދަމްގެ ފަޔަށް ލިބުނު އަނިޔާއަށް ފަރުވާ ކުރުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިތާ މަހެއްވާން ކައިރިވެފައިވާއިރު، އަދިވެސް އާދަމްއަކަށް ރަނގަޅަށް ނުހިނގެ އެވެ. އެހެންވެ، 11 އަހަރުވަންދެން މަސައްކަތްކުރި ކުންފުނީގެ ޑްރައިވަރުގެ ވަޒީފާއިން ވެސް ވަނީ ވަކިވެފަ އެވެ. އާދަމް މިހާރު ދިރިއުޅެމުން އަންނަނީ އޭނާއާ ދެބެންގެ ދެރަރި މީހެއްގެ ގޭގަ އެވެ. ވަޒީފާއަށް ދިޔައިރު އެއްކުރި ފައިސާކޮޅުން ފަރުޖައްސަމުން އައި ނަމަވެސް އާދަމްގެ ކިބައިގައި މިހާރު މާ ބޮޑު ތަނަވަސްކަމެއް ނެތެވެ.
ޚަބަރު
ޚަބަރު
ޚަބަރު