ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ޝަރީއަތްތައް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުނު ނަމަވެސް ކޯޓުން ހަތް ދުވަސް އިތުރު ކޮށްދީފިއެވެ.
އޮންލައިންކޮށް ކުރިއަށްގެންދިޔަ މިއަދުގެ އަޑުއެހުމަށް އައްމަޓީ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް އޭނާގެ ވަކީލުން ހަމަޖައްސާފައި ނުވާތީ، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ޝަރީއަތް ކުރިއަށް ނުގެންދަން ނިންމަވައިފައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މިއަދު ހަމަވާތީ ދައުލަތުން އެދުނީ، ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ.
ބަންދުކޮށްފައި ބެހެއްޓުމަށް އައްމަޓީ އިންކާރުކޮށްފައި ނުވާއިރު އޭނާ އެދިފައިވަނީ ކަސްޓޯޑިއަލް ޖަލަކުން ރިމާންޑް ޖަލަކަށް ބަދަލުކޮށްދިނުމަށެވެ. އެކަމަށް ދައުލަތުން ވެސް އިންކާރު ކޮށްފައި ނުވާތީ ގާޒީ ނިންމެވީ އައްމަޓީގެ ބަންދަށް ހަތް ދުވަސް އިތުރުކޮށް ވަގުތުން އޭނާ ރިމާންޑް ޖަލަކަށް ބަދަލުކުރުމަށެވެ.
ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތްކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅުނީ ސްރީލަންކާގައެވެ. އެ މައްސަލައާ ގުޅިގެން 18 އޭޕްރީލް 2019 ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސްވެސް ނެރުނެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލަންކާއިން އޭނާ ހައްޔަރުކޮށް، އިންޓަޕޯލްއާ ގުޅިގެން ވަނީ ރާއްޖެ ގެނެސްފައެވެ.
އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު