ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ ވަކީލެއް އައްޔަނު ކޮށްފައި ނެތުމުން އޭނާގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެއެވެ.

އޮންލައިންކޮށް ކުރިއަށްގެންދިޔަ މިއަދުގެ އަޑުއެހުމަށް އައްމަޓީ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް އޭނާގެ ވަކީލުން ހާޒިރުވެފައެއް ނުވެއެވެ. މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ވަކީލަކާއެކުތޯ ސުވާލު ކުރައްވައިފައެވެ.

ޖަވާބުގައި އައްމަޓީ ބުނެފައިވަނީ، އޭނާގެ ވަކީލެއް ހުންނާނެ ކަމަށާއި ނަމަވެސް މިއަދުގެ އަޑުއެހުމުގެ ތަފްސީލު ލިބިފައި ނުވާތީ މި އަޑުއެހުމަށް ވަކީލު ހަމަޖެއްސިފައި ނުވާ ކަމަށެވެ. އަދި ވަކީލަކު އައްޔަނު ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް އޭނާ އެދުނެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ، ހަސަން ސައީދު ދެއްވީ ފަސް ދުވަހެވެ. އަދި އެ މުއްދަތުގައި ވަކީލަކު އައްޔަނުކޮށް ކްރިމިނަލް ކޯޓަށް އެކަން އެންގުމަށް ވަނީ އެދިވަޑައިގެންފައެވެ.

ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތްކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅުނީ ސްރީލަންކާގައެވެ. އެ މައްސަލައާ ގުޅިގެން 18 އޭޕްރީލް 2019 ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސްވެސް ނެރުނެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލަންކާއިން އޭނާ ހައްޔަރުކޮށް، އިންޓަޕޯލްއާ ގުޅިގެން ވަނީ ރާއްޖެ ގެނެސްފައެވެ.

އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.