ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މިއަދު ޝަރީއަތް ކެންސަލް ކޮށްފިއެވެ.

ޖިންސީ ކުށުގެ ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވަނިކޮށް އޭނާ ވަނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރައިވަޑައިގެންފައެވެ. ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް ހަތަރު މަސް ދުވަހަށް ބޭސްފަރުވާއަށް ދިއުމަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި މުއްދަތު ވަނީ ހަމަވެފައެވެ.

އެ މައްސަލައިގެ އަޑުއެހުމަށް މިއަދު ބޭއްވުމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް އެކަން އަންގައިފައެވެ. ނަމަވެސް މިއަދު 10 ޖަހާއިރު އޮންނާނެ ކަމަށް ކުރިން ބުނި ޝަރީއަތް ކެންސަލްކޮށް އެކަން މިއަދު ހެނދުނު ވަނީ ޕީޖީ އޮފީހަށް އަންގައިފައެވެ.

އަލީ ވަހީދުގެ މައްސަލައިގައި މިއަދު އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމާފައި އޮތް ނަމަވެސް މިއަދަށް ތާވަލުކޮށްފައިވާ މައްސަލަތަކުގެ ލިސްޓު އިއްޔެ އާންމުކުރިއިރު އެ މައްސަލަ ހިމަނައިފައެއް ނުވެއެވެ.

ބޭސްފަރުވާއަށް ގައުމުން ބޭރަށް ދިއުމުގެ މުއްދަތު ހަމަވުމާއެކު ކްރިމިނަލް ކޯޓުން މައްސަލައިގެ އަޑުއެހުން ބާއްވަން މަސައްކަތް ކުރި އިރު އެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންގޮސް ދިނުމަށް އަލީ ވަހީދު ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. އަލީ ވަހީދުގެ ބޭސްފަރުވާ އަދި ނުނިމޭ ކަމަށް ބުނެ ކްރިމިނަލް ކޯޓަށް މެޑިކަލް ލިޔުންތަކެއް ވެސް ހުށަހެޅި ނަމަވެސް އޮންލައިންކޮށް އަޑުއެހުންތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އަދި ގޮތެއް ނުނިންމައެވެ.

އަލީ ވަހީދު ފުރާވަޑައިގަތް މައްސަލަ ހޫނެވެފައިވަނިކޮށް ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް އިސްތުއުނާފަށް ހުށަހެޅުމަށް އޮންނަ ވަގުތު ހަމަވި ފަހުން އެ މައްސަލަ ހުށަހެޅި ކަމަށް ބުނެ ހައިކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

އެގޮތުން އެކަމުގެ ތަފްސީލު ހޯދުމަށް އެދުމުން ޕީޖީން ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައިވާގޮތުގައި އަލީ ވަހީދު ފުރާފައިވަނީ ފެބްރުއަރީ ނުވަވަނަ ދުވަހުގެ ރޭ 11:07ގައި ޓާކިޝް އެއާލައިންގެ ފްލައިޓެއްގައި ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ކަމަށެވެ.

އެ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގެ އަޑުއެހުން ބާއްވާފައި ވަނީ ނުވަވަނަ ދުވަހު ކަމަށާއި އަދި ރާއްޖެ ދޫކޮށް އޭނާ ފުރައިވަޑައިގަތީ ވެސް ހަމަ އެ ދުވަހު ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހަށް އެ މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވަނީ 11 ވަނަ ދުވަހުކަން އެނގެން އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާ ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފައެވެ.

ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފައެވެ.