އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ ކޮވިޑުން ރައްކާތެރިވުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމުކުރުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އިންތިހާބުގައި މިނިސްޓަރު ޝާހިދު މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 143 ވޯޓުންނެވެ. އަދި މިނިސްޓަރު ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ރަލްމައި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އާންމު މަޖިލީހުގެ ރައީސްގެ މަގާމާއެކު ފުރަތަމަ އުންމީދަކަށް ވާނީ ވެކްސިން ދިނުމުގައި ހަމަހަމަކަން ގާއިމުކުރުން ކަމަށެވެ. ކޮވިޑުގެ މި ބަލިމަޑުކަމުން އަރައިގަނެވޭނީ އެންމެންނަށް ރައްކާތެރިކަން ދެވިގެން ކަމަށާއި އެއީ އެންމެންނަށް ވެކްސިން ދެވިގެން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުގެ އާންމު މަޖިލީހުގެ ރައީސާއި އދ. ގެ އިސްވެރިންވެސް ވެކްސިންގެ ހަމަހަމަކަން ގާއިމުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި އަމާޒަކީ އެކަން ދަމަހައްޓައި އެ ލަނޑުދަނޑި ހާސިލުކުރުން ކަމަށެވެ. އަދި ވިދާޅުވީ ވަކި ގައުމެއްގެ މީހަކަށްވުމުން ވެކްސިން ނުދިނުމުގެ ފަރަގު ނައްތާލަން ޖެހޭ ކަމަށެވެ.

ކޮވިޑުގެ ސަބަބުން އިގުތިސޯދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި މިކަމުން އަރައިގަނެވޭނީ ވެކްސިން ދިނުމުގައި ތަފާތުކުރުންތައް ނައްތާލެވިގެން ކަމަށެވެ. އަދި އެކަމަށްޓަކައި އދ. ގެ ޖެނެރަލް އެސެމްބްލީގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި ބައިނަލްއަގުވާމީ ކޮމިއުނިޓީތަކުގެ މެދުގައި ވެކްސިންގެ ހަމަހަމަކަން ގާއިމުކުރުމަށް ބާރު އެޅުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެންމެ ފުރަތަމަ އެހީތެރިވި ގައުމު ކަމަށާއި ނަމަވެސް އިންޑިއާގެ މިހާރުގެ ހާލަތުގެ ސަބަބުން ވެކްސިން ފޯރުކޮށްދިނުމަށް ދަތިވެފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ވެކްސިންގެ ކަންކަމާ ގުޅިގެން އިންޑިއާއާއެކު އަދިވެސް ވާހަކަތައް ދެކެވެމުން އަންނަ ކަމަށާއި ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އުންމީދަކީ އިންޑިއާ އާންމު ހާލަތަށް އައުމުން ރާއްޖެއަށް ވެކްސިން ލިބިގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.