މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްތަކެއްވެ ފަރުވާ ހޯދަމުން އަންނަ ހދ. ވައިކަރަދޫ، އާދަމް އުމަރު,41 އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

އެ ހަމަލާގައި އާދަމްގެ ކަނާތު ފައިގެ ކުޑަވާ އިނގިއްޔާ ދިމާލުން ކަށިގަނޑު ވަނީ ބިންދައިގެން ގޮސް ޒަހަމްތަކެއް ވެފަ އެވެ. އެ ޒަހަމްތަކަށް އޭނާ ފުރަތަމަ ފަރުވާ ހޯދީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ފަހުން އައިޖީއެމްއެޗުގައި ފަރުވާ ހޯދުމަށް ފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އާދަމް "ވަން" އަށް މިރޭ ދިން އިންޓަވިޔުއެއްގައި ބުނީ، ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކޮށްފައި އޮތް ދުވަސްވަރު ކޮޓަރި ކުލީގެ ގޮތުގައި ދިން ފައިސާއާއި އާސަންދަ ނޫން އެހެން އެއްވެސް އެހީއެއް ސަރުކާރުން މިހާތަނަށް އޭނާއަށް ވެފައި ނުވާ ކަމަށެވެ. އާދަމް ގަބޫލުކުރާ ގޮތުގައި އެ ހަމަލާގައި ލިބުނު ގެއްލުމަށް ސަރުކާރުގެ އެހީ އޭނާއާށް ލިބެން ޖެހެ އެވެ.

އާދަމް ބުނި ގޮތުގައި ވައިކަރަދޫ ދާއިރާގެ މެންބަރުގެ އެހީ ފިޔަވާ އެއްވެސް ސިޔާސީ ފަރާތެއްގެ އެހީއެއްވެސް އޭނާއަށް ނުލިބެ އެވެ. ފުލުހުން ފިޔަވައި ހާލު ބަލަންވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުންވެސް ނުގުޅާ ކަމަށް އާދަމް ބުންޏެވެ.

އާދަމް މިހާރު މަސައްކަތް ކުރަމުން އަންނަނީ އާއިލާއާއެކު ރަަށަށް ބަދަލުވުމަށެވެ.

ހަމަލާގައި އާދަމްގެ ފަޔަށް ލިބުނު އަނިޔާއަށް ފަރުވާ ކުރުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިތާ މަހެއްވާން ކައިރިވެފައިވާއިރު، އަދިވެސް އާދަމްއަކަށް ރަނގަޅަށް ނުހިނގެއެވެ. އެހެންވެ، 11 އަހަރުވަންދެން މަސައްކަތްކުރި ކުންފުނީގެ ޑްރައިވަރުގެ ވަޒީފާއިން ވެސް ވަނީ ވަކިވެފަ އެވެ. އާދަމް މިހާރު ދިރިއުޅެމުން އަންނަނީ އޭނާއާ ދެބެންގެ ދެރަރި މީހެއްގެ ގޭގަ އެވެ. ވަޒީފާއަށް ދިޔައިރު އެއްކުރި ފައިސާކޮޅުން ފަރުޖައްސަމުން އައި ނަމަވެސް އާދަމްގެ ކިބައިގައި މިހާރު މާ ބޮޑު ތަނަވަސްކަމެއް ނެތެވެ.

އާދަމް ބުނި ގޮތުގައި އެހީ ހޯދުމަށް އޭނާ ވާނީ ޖެންޑާ މިނިސްޓްރީއަަށްވެސް ސިޓީ ލިޔެފައެވެ. ނަމަވެސް އަދިވެސް އެ ސިޓީގެ ޖަވާބެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ބީއެމްއެލް އެކައުންޓް ނަންބަރު: 7770000006062 (އާދަމް އުމަރު)، ފޯނު ނަންބަރު: 9910655