އަންނަ ހުކުރު ދުވަހު ފެށުމަށް ނިންމާފައިވާ ޔޫރަޕްގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް އެކުލެވޭ "ވަން ޔޫރޯ ގައިޑް 2020" ނެރެފިއެވެ.

ޔޫރޯއަށް ހާއްސަ މި ގައިޑު ނެރެފައިވަނީ "ވަން"ގެ ހެޑް އޮފީހުގައި މިއަދު ހަވީރު ބޭއްވި ހަފުލާއެއްގައެވެ. އެ ހަފުލާގައި ނެސްލޭގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހުންނަވާ ދިޝާން ވިޖެޔަވަރުދަނާ އާއި، ތަޖުރިބާކާރު ނޫސްވެރިޔާ އަދި ކުޅިވަރު އެނަލިސްޓް އިމާދު ލަތީފާއި، ނޫސްވެރިޔާ އަދި މަޝްހޫރު ފުޓުބޯޅަ ކޮމަންޓޭޓަރު އަހުމަދު ސާއިދު ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ހަފުލާގައި ވަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ވަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި އެޑިޓަރު ސިނާން އަލީ އާއި، ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު އަދި މެނޭޖިން އެޑިޓަރު އަލީ ރިފްޝާނެވެ.

މިއަދު ނެރުނު މި ގައިޑާ ގުޅޭގޮތުން ވަންގެ މެނޭޖިން އެޑިޓަރު، ރިފްޝާން ވިދާޅުވީ މި ޔޫރޯ ގައިޑަކީ މި ފަހަރުގެ ޔޫރޯއަށް އަމާޒުކޮށްގެން ރާއްޖޭގައި ނެރޭ އެންމެ މައުލޫމާތު މުއްސަނދި އަދި އެންމެ ހިތްގައިމު ފޮތަށް ވާނެ ކަމަށެވެ.

އެގޮތުން މުބާރާތުގައި ވާދަކުރާ 24 ޓީމުގެ ޓީމް ޕްރޮފައިލް އާއި ގުރޫޕުތައް ބެހިފައިވާ ގޮތާއި މެޗުތައް ކުޅޭ ސްޓޭޑިއަމްތަކާއި މުބާރާތުގެ ކޯޗުންނާއި ރެފްރީންނާއި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރީންގެ މައުލޫމާތުތައް މި ގައިޑުގައި ހުންނާނެ ކަމަށް ރިފްޝާން ވިދާޅުވިއެވެ. މީގެ އިތުރުން ޔޫރޯއަށް ހާއްސަ ރިޕޯޓުތައް ވެސް މި ގައިޑުގައި ހިމެނޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މުބާރާތުގެ ތާރީހާއި މުބާރާތް ކުޅޭ ބޯޅަ އާއި މުބާރާތުގެ ތަށްޓާ ބެހޭ ހާއްސަ ރިޕޯޓުތައް ވެސް މި ގައިޑުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ރިފްޝާން އިތުރަށް ވިދާޅުވީ 148 ސޮފުހާ ހިމެނޭ މި ގައިޑުގައި މިފަހަރުގެ ޔޫރޯއަށް އަލަށް ތައާރަފުވާ ބައެއް ކަންކަމުގެ މައްޗަށް ވެސް ތަފުސީލީ ގޮތެއްގައި ބަލައިލައި ރިޕޯޓުތައް ހިމަނާފައި ވާނެ ކަމަށެވެ. އެގޮތުން މެޗު ތެރޭގައި ފަސް ބަދަލު ގެނެވޭ ގޮތަށް ނިންމާފައިވާ ނިންމުމާއި ޔޫރޯގައި އަލަށް ވީއޭއާރް ބޭނުން ކުރަން ފެށުމުގެ މައްޗަށް ވެސް ރިޕޯޓުތައް ހިމަނާފައިވާނެ ކަމަށެވެ.

ވަންގެ ސޭލްސް އެންޑް މާކެޓިންގެ އޮފިޝަލަކު ވިދާޅުވީ، ގައިޑް ގަތުމަށް ގުޅާނީ ނުވަތަ މެސެޖު ކުރާނީ 7943663 އަށް ކަމަށެވެ. ގައިޑެއް ވިއްކަން ހަމަޖައްސާފައިވަނީ 100 ރުފިޔާއަށް ކަމަށާއި ގަންނަ ކޮންމެ ގައިޑަކާއެކު އޭޓޫ ސައިޒަށް ޕްރިންޓު ކޮށްފައިވާ ބޮޑު މެޗުޝެޑިއުލެއް/ސްކޯޗާޓެއް ހިލޭ ލިބޭނެ ކަމަށެވެ. ސްކޯ ޗާޓު ވަކީން ގަންނާން ބޭނުންވާ ފަރާތްތަކަށް ވިއްކަން ހަމަޖައްސާފައިވާ އަގަކީ 25 ރުފިޔާ ކަމަށެވެ. މި ސްކޯ ޗާޓު ތައްޔާރު ކޮށްފައި ވާނީ، ރާއްޖޭގެ ގަޑީން މެޗުތައް ކުޅޭ ގަޑި އެނގޭނެ ގޮތަށް މެޗުތައް ނިމެމުން ދާ ވަރަކުން ސްކޯތައް ޖަހައި ފުރަމުން ގެންދެވޭ ގޮތަށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު މުބާރާތެކެވެ. އެގޮތުން ޔޫރޯއާ ދިމާކޮށް މާލޭގައިވެސް މީހުން އެއްވެ ތިބެވޭ ގޮތަށް ހުންނަ ހުސް ތަންތަނުގައި ބޮޑެތި ސްކްރީންތައް ހަރުކޮށްގެން މެޗުތައް ބެލުން ކުރީން އޮވެއެވެ. އޮލިމްޕަސް ސިނަމާގައި މެޗުތައް ބެލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ސޯޝިއަލް ސެންޓަރުގެ ބޭރުގައި ވެސް ބޮޑު ސްކްރީން ހަރުކޮށްފައި ހުރެއެވެ. އެހެން ނަމަވެސް މިފަހަރު ބޭރު ތެރޭގައި އެފަދަ ކަންކަން ކުރުމުގެ ފުރުސަތެއް ނެތެވެ.

ޔޫރޯއާ ދިމާކޮށް ނެރޭ ޔޫރޯ ގައިޑް ފޮތަކީ ދިވެހީންގެ މެދުގައި، ވަކީން ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ފޮތެކެވެ. މި ފޮތަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އާދެއެވެ.

ވަންގެ މާކެޓިން އިން ބުނީ، މާލެ އަދި ހުޅުމާލެއިން ބުކިން ހައްދަވާ ފަރާތްތަކަށް ގައިޑް އިތުރު ފީއެއް ނެގުމަކާ ނުލައި ޑެލިވަރީ ކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ވަންގެ އިދާރާއަށް ވަޑައިގެން ވެސް ގައިޑް ބައްލަވައިގެންނެވޭނެ ކަމަށެވެ.

ގައިޑުގެ އިތުރުން ވަން އިން ވަނީ މުބާރާތުގެ ފުރިހަމަ އޮންލައިން ކަވަރޭޖެއް ގެނެސްދިނުމަށް ނިންމައިފައެވެ. އެގޮތުން ވަކިން ހާއްސަ ޕޭޖެއް ލޯންޗުކޮށް، މުބާރާތުގެ ހުރިހާ މެޗެއްގެ ލައިވް ބްލޮގާއި ތަފާތު ރިޕޯޓުތަކާއި ހަބަރުތައް ގެނެސްދިނުމަށް ނިންމާފައިވެއެވެ.