އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.

ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އައްޑޫ ރެކްލެމޭޝަން ޕްރޮޖެކްޓް އަންޑާ ދަ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ރޯޑްމެޕްގެ މަޝްރޫއަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުވާލައިފައިވާ ޓެންޑަރަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހު 15 ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް ހަތަރު ޑްރެޖިން ކުންފުނިން ބިޑް ހުށަހަޅާނެ ކަމަށްވެސް ބުންޏެވެ.

ހައި ކޮމިޝަނުން ބުނީ މަޝްރޫއުއަށް ކުންފުނި ހޮވުމުގެ ކުރިން ކުރަންޖެހޭ ބިޑްތަކުގެ ޓެކްނިކަލް އަދި ފައިނޭންޝަލް އިވެލުއޭޝަން ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުން ކަމަށެވެ. އަދި ބިޑް ހުށަހެޅުމުގެ ފަހު ތާރީހަށްފަހު ފަސް ހަފުތާ ތެރޭގައި ކޮންޓްރެކްޓް ހަވާލުކުރެވޭނެ ކަމަށްވެސް ބުންޏެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުއަށް 70-75 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށާއި މި މަޝްރޫއުގެ މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ހައި ކޮމިޝަނުން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގައި 228 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އެގޮތުން ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ އިން 38 ހެކްޓަރުގެ ބިމާއި، ފަސް ހެކްޓަރުގެ ބިމާއި (ދެ ރިސޯޓް ރަށާ ލައިގެން) އަދި މަރަދޫ، މަރަދޫފޭދޫ އިން 75 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ބިން ހިއްކުމުގެ މި މަޝްރޫއުގެ ޒޯނިން ޕްލޭންތަކުގެ ދަށުން މިހާރު ހުރި ހާބަރު ފްރަންޓް ފެސިލިޓީތައް އަޕްގުރޭޑް ކުރެވި، ވިޔަފާރި އާއި މުޖުތަމައުގެ ބޭނުންތަކަށާއި އަދި އައްޑޫގެ ރަށްތަކުގެ ރައްޔިތުންގެ ރެޒިޑެންޝަލް ބޭނުންތަކަށް ވެސް ބިން ހަމަޖައްސައިދޭނެ އެވެ.

ޕްރައިވެޓް ސެކްޓާގެ އިންވެސްޓަރުން ރިސޯޓް ތަރައްގީކުރުމަށް ރަށްތައް އުފެއްދުމަށްޓަކައި ފަޅު ހިއްކުމަށް ވެސް ނިންމާފައިވެ އެވެ. އެގޮތުން ހަތަރު ސްޓާ 'ލެގޫން ރިސޯޓް' ތަރައްގީކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމުގެ ގޮތުން ގާތްގަނޑަކަށް 25 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

ހައި ކޮމިޝަނުން އިތުރަށް ބުނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް މަޝްރޫއުތަކުގެ ކޮމްޕޮނެންޓްތަކުގެ ތެރެއިން 65-75 ޕަސެންޓް ސޯސްކުރެވޭނީ އިންޑިއާ އިން ކަމަށެވެ. ނަމަވެސް މި މަޝްރޫއުގެ ހާއްސަ ރިކުއަމެންޓްތަކުގެ ސަބަބުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދިލެއްވުމުގެ މަތިން އިންޑިއާ އިން ސޯސްކުރެވޭ ކޮމްޕޮނެންޓްތަކުގެ ޕަސެންޓް 55 އަށް ކުޑަކޮށްދީފައިވާ ކަމަށްވެސް ބުންޏެވެ.

އައްޑޫގެ މަގުތައް ތަރައްގީކޮށް، ބިން ހިއްކުމަކީ ރައީސް ސޯލިހުގެ ވައުދެވެ. އެ ސިޓީގެ އިގްތިސާދު ކުރިއަރުވައި ޓޫރިޒަމާއި މަސްވެރިކަމާއި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ ދާއިރާ އިން ޕްރައިވެޓް އިންވެސްޓްމެންޓްތައް އައްޑުއަށް ގެންގޮސްދިނުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭޑީޕީ) ގެ ނަމުގައި ބޮޑު މަޝްރޫއުއެއް ފަށައިފަ އެވެ.