މާލޭ ސިޓީ ކައުންސިލަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެއްބާރުލުން ނުދޭ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން އެ ކޯޕަރޭޝަނުން ވަރުގަދަ ރައްދެއް ދީފި އެވެ.
މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެއްބާރުލުން ނުލިބޭ ކަމަށާއި އެ ކޯޕަރޭޝަނުން މާލޭގައި ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިޓީ ކައުންސިލްގެ ސިޓީތަކަށްވެސް ޖަވާބު ނުދޭ ކަމަށް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫއުތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މާލޭގެ ދެ ސަރަހައްދެއްގައި ވިޔަފާރި އުސޫލުން މިކްސްޑް ރެސިޑެންޝަލް ހައުސިން ފްލެޓުތަކެއް އެޅުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ބުނީ، މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އޭރުގެ މާލޭ ސިޓީ ކައުންސިލްގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އެ ކޯޕަރޭޝަނަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީގައި ވަނީ އިލްތިމާސްތަކެއް ކަމަށާއި އެއްވެސް މައުލޫމާތަކަށް ނުވަތަ އެއްވެސް ރައްދަކަށްވެސް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް ކަމަކާ ގުޅޭ ގޮތުން މައުލޫމާތަކަށް އެދި މި ކޯޕަރޭޝަނާ މުއާމަލާތެއް ކޮށްފައި ނުވާ ކަމާއި އެއްވެސް ކަމަކަށް އެދިގެން މި ކޯޕަރޭޝަނުން އިންކާރުކޮށްފައި ނުވާނެ އެވެ. ތަކުރާރުކޮށް އެދިވަޑައިގަތުމުންވެސް މި ކޯޕަރޭޝަނުން އެކިއެކި ކަންކަމުގައި ފުރުސަތު ދީފައި ނުވާ ކަމަށާއި އެއްބާރުލުންދީފައި ނުވާކަމަށްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވުމަކީ އެކަން ހިނގާދިޔަގޮތް ނޫން ކަމުގައި ދަންނަވަމެވެ." ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބަޔާނުގައިވެ އެވެ.
މޭޔަރު މުއިއްޒު "ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައިވެސް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެއްބާރުލުން ނުލިބޭކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ މާލޭގެ ބެލެނިވެރިފަރާތް، އަޅުގަނޑުމެންނަށް ނުވެސް އެނގި އެއްވެސް މަޝްވަރާއެއްވެސް ނުކޮށް ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްތަކެއް އިފްތިތާހުކޮށްގެން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތްތައް އެދަނީ ކުރަމުން. އަޅުގަނޑުމެން އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ސިޓީވެސް ފޮނުވިން، ޖަވާބެއް ނުލިބޭ، ފޯނު ކޯލުވެސް ކުރިން. ވިދާޅުވީ، އަދި ބިޒީއޭ ފަހުން ވަގުތެއް ދޭނަމޭ. އެއްވެސް އެއްބާރުލުމެއް ނުލިބޭ،" މުއިއްޒު ވިދާޅުވި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކުންފުންޏެކެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން