ޖިންސީ ކުށުގެ ސީރިއަސް ތުހުމަތު ތަކެއްކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ދިއުމަށް ދިން މުއްދަތު ހަމަވެއްޖެ އެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދީފައިވަނީ ހަތަރު މަހެވެ. އަދި އެ މުއްދަތު ހަމަވެފައިވާއިރު އޭނާ މިހާރު ހުރި ތަނެއް ސާފެއް ނުވެ އެވެ.

ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހެއްޓި ނަމަވެސް ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރު ކުރުމާ އެކު އަލީ ވަހީދު ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

އަލީ ވަހީދު ފުރާވަޑައިގަތް މައްސަލަ ހޫނެވެފައިވަނިކޮށް ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް އިސްތުއުނާފަށް ހުށަހެޅުމަށް އޮންނަ ވަގުތު ހަމަވިފަހުން އެ މައްސަލަ ހުށަހެޅިކަމަށް ބުނެ ހައިކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމާފަ އެވެ. އެ މައްސަލަ އަންނަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވެސް ބަލަމުންނެވެ.

އެގޮތުން އެކަމުގެ ތަފްސީލު ހޯދުމަށް އެދުމުން ޕީޖީއިން ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އަލީ ވަހީދު ފުރާފައިވަނީ ފެބްރުއަރީ ނުވަ ވަނަ ދުވަހުގެ ރޭ 11:07ގައި ޓާކިޝް އެއާލައިންގެ ފްލައިޓެއްގައި ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ކަމަށެވެ.

އެ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓްގެ މައްސަލައިގެ އަޑުއެހުން ބާއްވާފައި ވަނީ ނުވަ ވަނަ ދުވަހު ކަމަށާއި އަދި ރާއްޖެ ދޫކޮށް އޭނާ ފުރައިވަޑައިގަތީ ވެސް ހަމަ އެ ދުވަހު ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހަށް އެ މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވަނީ 11 ވަނަ ދުވަހުކަން އެނގެން އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާ ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ.

ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފަ އެވެ.