ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގްސްއަށް ވެލިއެޅުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލި ބޭނުން ކުރުމާއި ރަށް ގިރުމުން ސަލާމަތް ކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 10.02 މިލިއަން ރުފިޔާ އަށެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް އާދަޔާ ހިލާފަށް ގިރައި، އާންމުންގެ މުދަލާއި ގެދޮރަށް ގެއްލުން ވެދާނެކަމުގެ ބިރުހީވާތީ، އެކަމުގެ ސަބަބުން އާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް ކަމަށެވެ.