ކުޅިވަރު

ފްރާންސަށް މޮޅެއް، ބެންޒެމާއަށް އަނިޔާ

ޔޫރޯ 2020 އަށް ތައްޔާރުވުމުގެ ގޮތުން ފްރާންސުން ކުޅުނު އެންމެ ފަހު ވޯމް އަޕް މެޗުގައި ރޭ ބަލްގޭރިއާ ބަލިކޮށްފިއެވެ.

އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި 3-0 އިން ބަލްގޭރިއާ ބަލިކޮށްފައިވާ އިރު، އެޓީމަށް މެޗުން ކުރިމަތިވި ހަމައެކަނި މާޔޫސް ކަމަކީ ސެންޓަ ފޯވަޑް ކަރިމް ބެންޒެމާއަށް އަނިޔާވުމެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބެންޒެމާގެ ކަކުލާ ދިމާ މަސްގަނޑަށް އަނިޔާވެ އޭނާ ބާލަން ޖެހިފައިވެއެވެ. ޔޫރޯ ފެށެން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް ބެންޒެމާއަށް ބޮޑު އަނިޔާއެއް ވެއްޖެނަމަ ކޯޗު ޑީޑިއާ ޑިޝޯމްޕްސްއަށް އެއީ ފޫ ނުބެއްދޭނެ ގެއްލުމަކަށް ވާނެއެވެ.

ރޭގެ މެޗުގައި ބެންޒެމާގެ ބަދަލުގައި ކުޅެން ނުކުތީ ޗެލްސީގެ ފޯވަޑް އޮލިވިއާ ޖިރޫޑެވެ. އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ޖިރޫޑުގެ ދެ ގޯލާއެކު ދެން މެޗުގައި ފެނިގެން ދިޔަ ތިންވަނަ ގޯލަކީ އެންޓޮއިން ގްރީޒްމަންގެ ހިތްގައިމު ބައިސްކަލް ކިކެކެވެ.

ފްރާންސުން ޖެހިޖެހިގެން ބޮޑު ދެ މުބާރާތުގެ ތަށި ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެޓީމު ފެންނަނީ އެކަމަށް ގާބިލު ޓީމެއްގެވެސް ގޮތުގައެވެ. ރޭގެ މެޗަށް ވަރުގަދަ ފުރަތަމަ 11 އަކާއެކު ފްރާންސުން ނުކުމެފައިވާ އިރު، ބެލެވޭ ގޮތުގައި އެއީ ޔޫރޯގެ މެޗުތަކަށްވެސް ޑިޝޯމްޕްސްގެ ނެރޭނެ ފުރަތަމަ 11 އެވެ. މުބާރާތުގެ މެޗުތަކުން ފެންނާނީ މަދު ބަދަލެކެވެ.

ބެންޒެމާގެ އަނިޔާއާ ގުޅިގެން މެޗަށްފަހު ވާހަކަ ދައްކަމުން ޑިޝޯމްޕްސް ބުނެފައި ވަނީ ކަކުލުގެ މަތިން މަސްގަނޑުގައި ޖެހި ބެންޒެމާއަށް ކޮންމެވެސް ވަރަކަށް އަނިޔާއެއް ވި ނަމަވެސް މުބާރާތަށް ފިޓް ވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަނިޔާވި ފަހުން ކުޑަ އިރުކޮޅަކަށް ބެންޒެމާ ކުޅުނު ނަމަވެސް އޭނާ އަމިއްލައަށް ބުނެގެން ކޯޗު ވަނީ އޭނާ ބާލައިފައެވެ. ކޯޗު ބުނެފައި ވަނީ ބެންޒެމާ އަމިއްލައަށް ފޭބީ އަމިއްލައަށް ރައްކާތެރިކަން ހޯދުމަށް ކަމަށެވެ.

އަހުލާގީ މައްސަލައަކާ ގުޅިގެން ފްރާންސް ސްކޮޑަށް ހަ އަހަރު ވަންދެން ނުނަގާ ހުރުމަށްފަހު ބެންޒެމާ އަލުން ސްކޮޑަށް ނެގީ މިފަހަރުގެ ޔޫރޯއަށެވެ. ކްލަބު ފުޓުބޯޅައިގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ފޯވަޑް ބެންޒެމާއަށް އެގައުމުގެ ޓީމުން ބަރޯސާވާ މިންވަރުވެސް ކުރިއަށް އޮތް މުބާރާތުގައި ބޮޑުވާނެއެވެ.