ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ފަށައިފިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިން އިރު، އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ބްރީޗުވި ގޮތުގެ ޕާލިމަންޓަރީ އެންކުއަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް މީގެ ކުރިން އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން އެހެން ބުނެފައިވީ ނަމަވެސް، އެ އިންކުއަރީއަށް މިރޭ ވަނީ ވަކިވަކި ސިފައިން ހާޒިރުކޮށްފައެވެ. މަޖިލިސް އިދާރާ އިން ވަނީ ވަކިވަކި ސިފައިން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގެ ބައެއް ފޮޓޯތައް ވެސް އާންމުކޮށްފައެވެ.

އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި ބޭފުޅުންގެ ތެރޭގައި ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެ ބައްދަލުވުންތަކުގެ ތަފުސީލެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެކަން ފާހަގަކޮށް މީގެ ކުރިން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިފައިންގެ ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާ ގޮތާ މެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ސިފައިންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހައި ގާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާ ގޮތާ މެދުގައްޔާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަށް ކަމަށާއި އެހެންވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ސިފައިންގެ އެންމެ މަތީ ވެރިޔާއާއި މިނިސްޓަރު ކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ބޭނުންވަނީ އެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމަށެވެ. އަދި ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށް މަޖިލީހަށް ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި ސޮއިކޮށްފައިވާތީ ރައީސް ނަޝީދުގެ އެންގެވުމަށް ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒާމިލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފައެވެ. ނަމަވެސް އެ އޮފީހުން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ލަފާދީފައެވެ.

ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އެންގުމުން އެމްޑީޕީގެ ތެރޭގައި ވެސް ވަނީ މައްސަލަތަކެއް އުފެދިފައެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރިކުރައްވައި ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވަނީ ބޮމުގެ ހަމަލާއާ ގުޅޭ އިންކުއަރީއާ ގުޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތުހުމަތު ކުރައްވައިފައެވެ. ސިފައިން ހާޒިރުކުރުމަށް ހުރަސް އަޅުއްވަނީ ރައީސް ސޯލިހު ކަމަށް ވިދާޅުވެ ކަންތައްތަކެއް ސިއްރުކުރާން ރައީސް ސޯލިހު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވެސް މި މެސެޖުގައި ރައީސް ނަޝީދު ވަނީ ކުރައްވައިފައެވެ.

އެ މެސެޖާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދު އެހެން ވިދާޅުވެފައިވީ ނަމަވެސް އެ އިންކުއަރީއަށް އެމަނިކުފާނު ހުރަސް ނާޅުއްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އެމްއެންޑީއެފުން ވަކިވަކި ސިފައިން ގެންދިއުމާ ބެހޭގޮތުން ނެރެފައި އޮތް ބަޔާނަކީ ސިފައިންގެ ގާނޫނާ ހަވާލާދީ ނެރެފައި އޮތް ބަޔާނެއް ކަމަށާއި އެ ކޮމިޓީއަށް ސިފައިން އެއްބާރުލުން ދެމުންގެންދާ ކަމަށް އެ މައްސަލަ ބަލާ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.