ދިރާގު

ދިރާގުން ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަކޮށް، ބްރޭންޑް އެމްބެސެޑަރަކަށް ޒޫނާ ހަމަޖައްސައިފި

އަލީ ޔާމިން

ދިރާގުން މި އަހަރުގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ވާޗުއަލް ހަފުލާއެއް ބާއްވައި، ޒޫނާ ނަސީމް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ޒޫނާ ނުވަތަ އާންމު ނަމުން ނަމަ ޒޫންޓި އަކީ މޫދާއި ކަނޑުތަކާ ބެހޭ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކޮށްދެއްވައި އަދި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން "ޕަޑި" ކޯސް ޑިރެކްޓަރުވެސް މެއެވެ. މީގެ އިތުރުން ޒޫނާ އަކީ މި ދާއިރާގައި ކުޑަކުދިންނާއި އަންހެނުން ބާރުވެރިކުރުވުމުގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ހިދުމަތްތެރިއެކެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، އެކުގައި މަސައްކަތް ކޮށްގެން ކަނޑުތަކާއި ފަރުތައް ހިމާޔަތް ކުރެވޭނެ ކަމަށާއި އެ މަސައްކަތް އިހުނަށް ވުރެ ބާރަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ހަފުލާގައި ޒޫނާ ނަސީމް ވިދާޅުވީ، ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ތިމާވެއްޓަށް މިވަނީ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި. އަޅުގަނޑުމެންގެ ފަރުތަކާއި ކަނޑުތަކުގައިވާ ދިރުންތަކަށް ދަނީ ނުހަނު ނޭދެވޭ އަސަރު ކުރަމުން. ދިރާގު ބްރޭންޑް އެމްބެސެޑަރު ގެ ހައިސިއްޔަތުން މި ފުރުސަތުގައި ކަނޑުތައް ހިމާޔަތްކުރުމުގައި އިތުރު ހިތްވަރަކާއެކު ކުރިއަށް ވުރެ ބާރުމިނުގައި މަސައްކަތް ކުރަމުންދާނަން" ޒޫނާ ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ އެއް ކަމެވެ. އެގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ކެއާ ފޯ ދި އޯޝަންސް ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅައި އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލައިފައެވެ. މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ އެވެ. 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅައި މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޏަކީވެސް ދިރާގެވެ.