ދިރާގުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމުގެ މަގުސަދުގައި، 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފުކޮށްފިއެވެ.

'ޕިޗް ފޯ ޕާޕަސް' އަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުން ގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާ ކުރެވިފައިވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

ދިރާގުން ބުނި ގޮތުގައި 'ޕިޗް ފޯ ޕާޕަސް' މެދުވެރިކޮށް، މުވައްޒަފުންނަށް ޓީމުތަކެއްގެ ގޮތުގައި ހަރަކާތްތެރިވެ، މުޖުތަމައުގެ ލާބައަށްޓަކައި އެ މުވައްޒަފުންގެ ހިޔާލުތަކާއި، އެންމެ ބޭނުންވާ ކަންކަން ހުށަހަޅައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޮތުން ހުށަހަޅާ ކަންކަމުގެ ތެރެއިން ހޮވޭ ކަންކަން ތަންފީޒުކުރުމަށް ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ ތެރެއިން އެހީތެރިކަން ލިބިގެންދާނެއެވެ.

'ޕިޗް ފޯ ޕާޕަސް' އިފްތިތާހް ކޮށްފައިވަނީ ދިރާގު މުވައްޒަފުންނަށް ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި މި ޕްރޮގްރާމާ ބެހޭ މުހިންމު މައުލޫމާތު ހިއްސާކޮށް، މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި މުވައްޒަފުންނަށް ބައިވެރިވެވޭނެ ގޮތްތައް ވަނީ ހިއްސާކޮށްފައެވެ.

ތިމާވެށި ރައްކާތެރިކުރުމާއި މެންޓަރިން ޕްރޮގްރާމާއި ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕްތަކުގެ އިރުތުން މުޖުތަމައުގެ ކުރިއެރުމަށް ހިންގާ އެކި ހަރަކާތްތަކުގައި ވޮލަންޓިއަރުން ގޮތުގައި ދިރާގުގެ މުވައްޒަފުން އަންނަނީ އަބަދުވެސް ހީވާގިކަމާއެކު ބައިވެރިވެ ނަމޫނާ ދައްކަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފްކުރުމާއެކު ދިރާގުގެ މުވައްޒަފުންނަށް މުޖުތަމައަށް ބޭނުންވެފައިވާ ކަންކަން ދެނެގަތުމުން ފެށިގެން، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ހިޔާލު ހުށަހަޅައި ޕްރޮގްރާމް ރާވައި އަމަލީގޮތުން އިޖުތިމާއީ ކަންކަމުގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިތުރުވެ، އިޖުތިމާއީ ކަންކަމާ އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިވެގެންދާނެއެވެ.

'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ހާސިލުކޮށްފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންގެ ހިޔާލާއ، ބައިވެރިވުން އިތުރުކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ބޭރުން މުވައްޒަފުން ބޭނުންވާ، މުޖުތަމައަށް ފައިދާހުރި

ދިރާގުގެ "ޕިޗް ފޯ ޕާޕަސް"ގެ ތެރެއިން --- ފޮޓޯ: ދިރާގު

އިޖުތިމާއީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެ، އަގުހުރި ތަޖުރިބާތަކެއް ލިބިގެންދާނެއެވެ.

'ޕިޗް ފޯ ޕާޕަސް'ގެ ޕްރޮގްރާމްގެ ތެރެއިން ހުށަހަޅާ ޕްރޮގްރާމްތަކުން ހޮވޭ އެންމެ ފާހަގަކޮށްލެވޭ ތިން ޕްރޮގްރާމެއް ދިރާގުން ކުރިއަށް ގެންގޮސްދިނުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.