"ދިރާގު މާލޭ އޯޕަން" އަންނަ އޮގަސްޓު މަހުގެ 21 އާއި 22 ގައި ބޭއްވުމަށް ދިރާގުން ނިންމައިފިއެވެ.

ދިރާގުން މިރޭ ބުނީ އެ މުބާރަތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަސްފަންނު މޫދު ސަރަހައްދުގައި ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުން 350 ފެތުންތެރިން ވާދަކުރިއިރު، އޭގެ ތެރެއިން 340 އަށް ވުރެ ގިނަ މީހުން ވަނީ ކަނޑައެޅިފައިވާ ރޭސް ފުރިހަމަކޮށްފައެވެ. މި މުބާރާތް ފާހަގަކުރެވެނީ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލެވިފައިވާ މުބާރާތެއްގެ ގޮތުގައެވެ. މިދިޔަ އަހަރުވެސް އުމުރުން އެންމެ 5 އަހަރުގެ ކުދިންނާއި 65 އަހަރުގެ ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ.

ދިރާގުން ބުނި ގޮތުގައި މިފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމެވެ. އަދި ގިނަ ބަޔަކަށް ބައިވެރިވެވޭ މިފަދަ ކުޅިވަރު ހަރަކާތްތަކުގެ ސަބަބުން އިޖުތިމާއީ ގުޅުން ބަދަހިވެގެންދާނެކަމަށް ދިރާގުން ބުންޏެވެ.