އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް "މޭ ހައެއް" ގެ ނަމުގައި ކޮމިޓީއެއް އުފެއްދުމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު ވައްޑޭ ހުށަހެޅުއްވީ މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހުގެ ތާއީދާ އެކު އެވެ. އަދި އެ ގަރާރާ ގުޅިގެން ގައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވައިދިނުމަށް 10 މެމްބަރުންގެ ސޮޔާއެކު ވައްޑެ ވަނީ ހުށަހަޅުއްވާފަ އެވެ.

މިކަމާ ގުޅޭގޮތުން ވައްޑެ "ވަން" އަށް ވިދާޅުވީ ހަމަލާދީގެން އުޅެނީ އެމްޑީޕީގެ ރައީސަށް ކަމަށާއި އެހެންކަމުން އެ މައްސަލައިގެ ތަހުގީގު ހިނގާގޮތް އެ ޕާޓީން ވެސް ކައިރިން ބަލަންޖެހޭނެ ކަމަށެވެ.

"އެމްޑީޕީ އެތެރޭގަ އޮވޭ ޑިމޮކްރެސީގެ ކަންތައްތަކެއް. އެމްޑީޕީ އެތެރޭގަ މި މަޝްވަރާ ކުރެވެން ޖެހޭނެ. މިކަމުގެ ވާހަކަ ދެކެވެން ޖެހޭނެ. މި ކަމުގެ މައުލޫމާތު އެމްޑީޕީ މެމްބަރުންނަށް އަދި ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅަށް ފޯރުވައިދިނުމުގައި އެމްޑީޕީން ވެސް ޖެހޭނެ ދައުރެއް އަދާކުރަން،" ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ދިގުލައިގެންދާއިރު، އެމްޑީޕީގެ އާންމު މެމްބަރުންގެ ފަރާތުން އޭނައާ ހަމައަށް ކަންބޮޑުވުންތައް އަންނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މެމްބަރުން ވަރަށް ސުވާލު އެބަ އަހާ. ވަރަށް ބޮޑަށް އަސްލުގަ ޕާޓީން މިކަމާ އުޅެންވާ ވަރަށް ނޫޅޭ ކަމުގެ ޝަކުވާ އެބަ އާދޭ،" ވައްޑެ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިނުމަކީ ސީރިއަސް ކަމެއްގެ ގޮތުގައި އެމްޑީޕީން ދެކޭ ކަމާއި އެ ޕާޓީން އެ މައްސަލަ ދުލެއް ނުކުރާނެކަން ހާމަކޮށްދޭން އެބަޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކޮމިޓީގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރަކާއި ރައީސް ނަޝީދު ކަނޑައަޅުއްވާ މެމްބަރަކާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުހައްމަދު ޝިހާބާއި ފެންކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމް ހިމެނުމަށް ވައްޑެ ހުށަހަޅުއްވާފައިވެ އެވެ. ނަމަވެސް އެ ނަންތަކަށް ބަދަލު އަތުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ނިންމައި އެކަމުގެ ފުރިހަމަ ހަގީގަތް ހާމަނުކޮށްފިނަމަ، މުޅި ޖިނާއީ އަދުލުގެ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ. އަދި މިބާވަތުގެ ހަމަލާއެއް ދިނުމަކީ ބިރުގަންނަންޖެހޭ ކަމެއް ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.

"ސުވާލަކީ މިވަރުގެ ސެކިއުރިޓީ ހައި ބޭފުޅަކަށް މިކަން ދިމާވިއިރުގައި ދެން ކާކަށް ކޮންއިރަކު ހެއްޔޭ މިކަހަލަ ކަމެއް މެދުވެރިނުވާނީ. މިތާ ސްކޫލްފަދަ ތަންތަން ގޮއްވާލަން އެބަހުރި ރާވާފަ ދަރިވަރުންނާ އެކީގަ. ކަމާބެހޭ އިދާރާތަކުން ހާމަކޮށްފަ އެހެރީ. މިދެންނެވީ އެ ހިސާބަށް ބިރުވެތިވެގެން ދިޔައިރުގަ އަޅުގަނޑު ވަރަށް ބިރުގަންނަ ކަމެއް މިއީ. މިއީ ރާއްޖޭގަ ހިނގި އަދި މިހަކަލަ މިޒާތުގެ ޓެރަރިޒްމްގެ ހަމަލާ،" ވައްޑެ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަމަލާދިނުމަށް ރޭވި މީހުންނާއި އެކަމަށް ފަންޑު ކުރި މީހުން ހޯދުމުގެ މަސައްކަތް ވެސް ތަހުގީގުގެ ތެރެއިން ކުރެވެމުންދާ ކަމަށް ފުލުހުން ބުންޏެވެ.