- އާބާދީ: 60.3 މިލިއަން
- ވެރިރަށް: ރޯމް
- ޓީމުގެ ވަނަން: ގްލި އަޒޫރީ (ދަ ބްލޫސް) / ލަ ނޭޒިއޮނަލް (ދަ ނެޝަނަލް)
- ކެޕްޓަން: ޖިއޯޖިއޯ ކިއެލީނީ
- އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ޖިއާންލުއިޖީ ބުފޮން (176 މެޗު)
- ޓޮޕް ސްކޯރާ: ލުއިޖީ ރިވާ (35 ގޯލް)
އިޓަލީއަކީ ފުޓުބޯޅައިގެ ރަން ތާރީހެއް އޮތް ޓީމެކެވެ. ޔޫރަޕުގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ ވެސް ގަދަ ބާރެކެވެ. ބައިނަލްއަގުވާމީ ފުޓުބޯޅައަށް އިޓަލީ ތައާރަފުވެގެން އައީ 1910 ވަނަ އަހަރުއެވެ. ފުޓުބޯޅައަށް ތައާރަފުވުމަށްފަހު އިޓަލީ ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ޓީމަށެވެ. އިޓަލީ އަކީ ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފެދުނު ޓީމެކެވެ. އެޓީމަށް އިރުޝާދު ދިން ގިނަ ކޯޗުން ވެސް ވަނީ ފުޓުބޯޅައިގެ ތާރީހުގެ ތެރޭގައި ލިޔެވިފައެވެ.
އިޓަލީއަކީ ވޯލްޑް ކަޕްގެ އިތުރުން ޔޫރޯގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. ކޮލިފައިންތަކުގައި ވެސް އެޓީމު ފެނިގެންދަނީ ވަރުގަދަކޮށެވެ. އިޓަލީން ވިދާލާ ގިނަ ކުޅުންތެރިން އަދި އެޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ އެގައުމުގެ ފުރަތަމަ ޑިވިޝަން ނުވަތަ އިޓާލިއަން ސެރީއާއަށް ކުޅޭ ކުޅުންތެރިންނެވެ. އެގޮތުން އިޓަލީގެ މިފަހަރުގެ ސްކޮޑުގައި ވެސް އެގައުމުގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންގެ ގިނަކަން ފާހަގަކޮށްލެއެވެ.
އިޓަލީއަކީ ވޯލްޑް ކަޕުގައި ވެސް ކާމިޔާބު ޓީމެކެވެ. އުރުގުއާއީގައި 1930 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އިޓަލީން ވާދަ ނުކުރި ނަމަވެސް، ޖެހިގެން އައި ދެ މުބާރާތުގައި ވާދަކޮށް މުބާރާތް ނިންމާލީ ތަށްޓާ އެކުއެވެ. އެޓީމުން 18 ފަހަރު ވޯލްޑް ކަޕުގައި ވާދަކޮށް، ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދިއެވެ.
ވޯލްޑް ކަޕުގެ މުބާރާތެއް އިޓަލީން ފުރަތަމަ ކާމިޔާބު ކުރީ 1934 ގައެވެ. އެ މުބާރާތުގެ ފައިނަލުގައި އިޓަލީން ވަނީ ޗެކްސްލޮވާކިއާ ބަލިކޮށްފައެވެ. އެއަށްފަހު ޖެހިގެން އައި ވޯލްޑް ކަޕް 1938 އިޓަލީން ކާމިޔާބުކުރީ ފައިނަލުގައި ހަންގޭރީ ބަލިކޮށްގެންނެވެ. އަދި ވޯލްޑް ކަޕް 1982 އިޓަލީން ކާމިޔާބުކުރީ ވެސްޓް ޖަރުމަން ބަލިކޮށްގެންނެވެ.
އިޓަލީން އެންމެ ފަހުން ކާމިޔާބުކުރި ވޯލްޑް ކަޕަކީ 2006ގައި ޖަރުމަނުގައި ބޭއްވި މުބާރާތެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދީ ފައިނަލުގައި ފްރާންސް ބަލިކޮށްގެންނެވެ. އެފަހަރުގެ މުބާރާތުގައި އިޓަލީގެ ސްކޮޑުން ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން، ފަބިއޯ ކަނަވާރޯ، އެލެސެންޑްރޯ ޑެލް ޕިއޭރޯ، ގެނާރޯ ގަޓޫސޯ، ލޫކާ ޓޯނީ، ފްރެންޗެސްކޯ ޓޮޓީ، އަލެސެންޑްރޯ ނެސްޓާ، ފިލިޕޯ އިންޒާގީ އަދި އަންދްރޭ ޕިރްލޯ ފަދަ ތަރިން ފެނިގެންދިޔައެވެ.
އެ މުބާރާތަށް ފަހު އިޓަލީއަށް ވޯލްޑް ކަޕުގައި އެންމެ އެދެވޭ ނަތީޖާއެއް ހޯދިފައެއް ނުވެއެވެ. އެގޮތުން 2010 އަދި 2014ގެ ވޯލްޑް ކަޕް އިޓަލީން ނިންމާލީ ގްރޫޕު ސްޓޭޖުންނެވެ. އަދި އިޓަލީއަށް އެންމެ ފަހުން 2018ގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވެވިފައެއް ވެސް ނުވެއެވެ. އެއީ 60 އަހަރަށްފަހު ވޯލްޑް ކަޕުން އިޓަލީ ނުފެނުނު ފުރަތަމަ ފަހަރެވެ.
ޔޫރޯގައި އިޓަލީއަކީ ނާކާމިޔާބު ޓީމެއް ނޫނެވެ. އިޓަލީން ޔޫރޯގައި ނުވަ ފަހަރު ވާދަކޮށް، އެއް ފަހަރު ޗެމްޕިއަންކަން ހޯދިއެވެ. އެއީ 1968ގެ ޔޫރޯއެވެ. އިޓަލީ 1996 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ޔޫރޯއަށް ކޮލިފައި ވެއެވެ. އިޓަލީން ވަނީ 2000 އަދި 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. ޔޫރޯ 2000 ގެ ފައިނަލުގައި ފްރާންސް އަތުން ބަލިވި އިރު، 2012ގެ ފައިނަލުގައި ބަލިވީ ސްޕެއިން އަތުންނެވެ.
އިޓަލީ ވަނީ އެންމެ ފަހުން 2016ގައި ބޭއްވި ޔޫރޯގައި ވެސް ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައެވެ. އެ ފަހަރުގެ މުބާރާތުގައި ބެލްޖިއަމް އާއި އަޔަލެންޑާއި ސްވިޑަންއާ އެއް ގްރޫޕެއްގައި އޮތް އިޓަލީން ގްރޫޕު ސްޓޭޖު ނިންމާލީ އެއްވަނައިގައެވެ. އިޓަލީން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ ގަދަ 16ގައި މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ސްޕެއިން ކަޓުވާލުމަށްފަހުއެވެ. ކުއާޓާއާ ހަމައިން އިޓަލީއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަން އަތުން ބަލިވެގެންނެވެ.
މިފަހަރުގެ ޔޫރޯއަށް އިޓަލީ ކޮލިފައިވީ ރެކޯޑަކާއެކު ގްރޫޕު ޖޭގެ އެއްވަނައިގެ ގޮތުގައެވެ. ކޮލިފައިންގައި އެޓީމުން ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، 30 ޕޮއިންޓް ހޯދައިފައެވެ. ކޮލިފައިންގައި އިޓަލީން ޖުމުލަ 37 ގޯލު ޖަހާފައިވާ އިރު، ކޮޅަށް ވަދެފައިވަނީ އެންމެ ހަތަރު ގޯލެވެ. ކޮލިފައިންގައި އިޓަލީއަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވަނީ ޓޮރީނޯގެ ފޯވަޑް އަންދްރޭ ބެލޮއްޓީއެވެ. އޭނާ ވަނީ ޖުމުލަ ހަތަރު ގޯލު ޖަހައިފައެވެ.
އިޓަލީ އަބަދުވެސް ފާހަގަކޮށްލެވެނީ ޑިފެންސް ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. މިފަހަރުވެސް އިޓަލީގެ ޑިފެންސުން ފެނިގެންދާނީ ތަޖުރިބާކާރު ވަރުގަދަ ކުޅުންތެރިންތަކެކެވެ. އިޓަލީގެ ގޯލު ބަލަހައްޓާ ޖިއަންލިއުޖީ ޑޮނަރޫމާއަކީ ޒުވާން ގޯލްކީޕަރެއް ނަމަވެސް އެއީ ހުނަރުވެރި، އިސްކޮޅުން ދިގު ކީޕަރެކެވެ. ޑޮނަރޫމާގެ ކުރިން ޑިފެންޑަރުންގެ ގޮތުގައި ފެނިގެންދާނީ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ ފަދަ ތަޖުރިބާކާރު ޑިފެންޑަރުންތަކެކެވެ.
އިޓަލީގެ މެދުތެރޭގައި ވެސް ހިމެނެނީ ހުނަރުވެރި ކުޅުންތެރިންތަކެކެވެ. އެގޮތުން މެދުތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ މިޑްފީލްޑަރު މާކޯ ވެރާޓީ އާއި ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯއެވެ. އޭގެ އިތުރުން ނިކޯލާ ބަރެއްލާ އާއި ލޮރެންޒޯ ޕެލެގްރިނީއަކީ ވެސް މެދުތެރޭގައި އިސް ދައުރެއް އަދާކުރާ ކުޅުންތެރިންނެވެ.
އިޓަލީގެ ފޯވަޑް ލައިން ވެސް ވަރުގަދައެވެ. ފޯވަޑު ލައިނުގައި ނަތީޖާ ނެރެވޭނެ ފަދަ ކުޅުންތެރިން ހިމެނެއެވެ. ފޯވަޑުންގެ ތެރޭގައި ހިމެނޭ ލާޒިއޯގެ ސިރޯ އިމޯބިލް އާއި ނަޕޯލީގެ ލޮރެންޒޯ އިންސިގްނޭ އާއި ޓޮރީނޯގެ އަންދްރޭ ބެލޮއްޓީ އަދި ޔުވެންޓަސްގެ ދެ ކުޅުންތެރިން ކަމަށްވާ ފެޑެރިކޯ ބާނާޑެސްކީ އަދި ފެޑެރިކޯ ކިއޭސާއަކީ ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެކެވެ.
ރޮބާޓޯ މަންޗިނީ
އުމުރު: 56 އަހަރު
މަންޗިނީގެ ކޯޗިން ކެރިޔަރު ފަށާފައިވަނީ 2001 ވަނަ އަހަރު އިޓަލީގެ ފިއޮރެންޓީނާ އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ލާޒިއޯ، އިންޓަ މިލާން، އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ، ތުރުކީގެ ގަލަތަސަރާއީ އަދި ޒެނިތު ސެއިންޓް ޕީޓާސްބާގަށް ވެސް އިރުޝާދުދީފައެވެ. އޭނާ އިޓަލީގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. މަންޗިނީގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
މާކޯ ވެރާޓީ
އުމުރު: 28 އަހަރު
ކްލަބު: ޕީއެސްޖީ
ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ވެރާޓީއަކީ އިޓަލީގެ ސްކޮޑުގައި ހިމެނޭ އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. އޭނާއަކީ ފްރާންސްގެ ޕީއެސްޖީއަށް ވެސް މުހިންމު މިޑްފީލްޑަރެކެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން ޕީއެސްޖީއަށް ކުޅެމުން އަންނަ ވެރާޓީ ވަނީ 2020 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. ޕީއެސްޖީއަށް ވެރާޓީ ކުޅުނު 346 މެޗުގެ ތެރެއިން އޭނާ ވަނީ އެޓީމަށް ނުވަ ގޯލު ޖަހައިދީފައެވެ. އިޓަލީއަށް 2012 އިން ފެށިގެން ކުޅެމުން އަންނަ ވެރާޓީ ވަނީ 2014ގެ ވޯލްޑް ކަޕުގައި ކުޅެފައެވެ. ނަމަވެސް އޭނާއަށް ވަނީ 2016ގެ ޔޫރޯއިން ފުރުސަތު ގެއްލިފައެވެ. އިޓަލީއާއެކު 40 މެޗު ކުޅެފައިވާ އިރު އޭނާ ވަނީ އެޓީމަށް ތިން ގޯލު ޖަހައިދީފައެވެ. މިފަހަރުގެ ޔޫރޯއަށް އިޓަލީ ކޮލިފައި ކޮށްދިނުމަށް ވެސް ވެރާޓީ އިސް ދައުރެއް އަދާކުރިއެވެ.
- 12 ޖޫން/ 00:00 ތުރުކީ – އިޓަލީ
- 17 ޖޫން/ 00:00 އިޓަލީ – ސްވިޒަލެންޑް
- 20 ޖޫން/ 21:00 އިޓަލީ – ވޭލްސް
- ގޯލްކީޕަރުން
ޖިއާންލުއީޖީ ޑޮނަރޫމާ (އެސީ މިލާން)
އެލެކްސް މެރެޓް (ނަޕޯލީ)
ސަލްވަޓޯރޭ ސިރިގޫ (ޓޮރީނޯ)
- ޑިފެންޑަރުން
ފްރެންޗެސްކޯ އަސާބީ (ލާޒިއޯ)
އެލެކްސެންޑްރޯ ބަސްޓޯނީ (އިންޓަ މިލާން)
ލިއެނާޑޯ ބޮނޫޗީ (ޔުވެންޓަސް)
ޖޯޖިއޯ ޗިއެލީނީ (ޔުވެންޓަސް)
ޖިއޯވާނީ ޑި ލޮރެންޒޯ (ނަޕޯލީ)
އެމަސަން ޕަލްމޭރީ (ޗެލްސީ)
އެލްސެންޑްރޯ ފްލޮރެންޒީ (ޕީއެސްޖީ)
ލިއޮނާޑޯ ސްޕިނަޒޯލާ (ރޯމާ)
ރަފޭލް ޓޮލޯއީ (އެޓްލާންޓާ)
- މިޑްފީލްޑަރުން
ނިކޮލާ ބަރޭލާ (އިންޓަ މިލާން)
ފެޑެރީކޯ ބެނާޑެސްކީ (ޔުވެންޓަސް)
ބްރައިން ކްރިސްޓާންޓޭ (ރޯމާ)
ފެޑަރީކޯ ޗިއޭސާ (ޔުވެންޓަސް)
ޖޯޖީނިއޯ (ޗެލްސީ)
މެނުއަލް ލޮކަޓެލީ (ސަސުއޯލާ)
ލޮރެންޒޯ ޕެލެގްރީނީ (ރޯމާ)
މަޓެއޯ ޕެސީނާ (އެޓްލާންޓާ)
މާކޯ ވެރާޓީ (ޕީއެސްޖީ)
- ފޯވަޑުން
އަންދްރޭއާ ބެލޮޓީ (ޓޮރީނޯ)
ޑޮމެނިކޯ ބެރާދީ (ސަސުއޯލޯ)
ސީރޯ އިމޯބިލޭ (ލާޒިއޯ)
ލޮރެންޒޯ އިންސީނިއާ (ނަޕޯލީ)
ޖިއަކޯމޯ ރަސްޕަޑޯރީ (ސަސުއޯލާ)
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020