ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފުތާއަށް އިތުރުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް، އާ އާންމު ހާލަތަކަށް ދެވޭ ވަރަށް ވުރެ ހާލަތު ގޯސް ކަމަށެވެ. އެގޮތުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފައާއެކުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ ކަމަށް. އަދި ނިއު ނޯމަލްއަކަށް ދިއުމަށްޓަކައި ދެ ހަފުތާ ވަރު ބޭނުންވާ ކަމަށް. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް ދެ ހަފުތާ ނިމުމުން އިތުރު އެެއް ހަފުތާއަށް ރެސްޓްރިކްޝަންތަކާއެކު އިތުރު ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފިޔަވަޅުތަކަށް ލުއިދޭނީ އިތުރު އެއް ހަފުތާއަށް ބެލުމަށް ފަހުގައި ކަމަށެވެ.
ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުމާއި، އެ ނޫން ވަގުތުތަކުގައި ހުއްދައާ އެކުގައި ނޫނީ ބޭރުގައި ނޫޅެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ކެފޭ/ރެސްޓޯރެންޓްތަކުގެ ޑައިނިންގެ ހިދުމަތް މެދުކަނޑާލައި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް ވަނީ މެދުކަނޑާލައިފައެވެ.
މިިދިޔަ މަހު އެކަނިވެސް ރާއްޖޭގައި 34،565 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، އެ މަހު އެކަނިވެސް 88 މީހުން ކޮވިޑް ބަލީގައި މަރުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު