ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން، އެމަނިކުފާނަށް ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމުގެ ތަހުގީގު ކުރިއަށް ގެންދާ 241 ކޮމިޓީގައި އެމްޑީޕީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ގެ ބަދަލުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ބަދލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެ ކޮމިޓީގެ އެމްޑީޕީގެ ފަރާތުން މިހާތަނަށް އިންނެވި އަނދުން ހުސެއިންގެ ބަދަލުގައި އެ ކޮމިޓީއަށް އިންތި ހަމަޖައްސާފައިވާ ކަމަށް އަފީފު ވިދާޅުވިއެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް މިގެނައި ބަދަލާ ގުޅިގެން އެ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވަނީ، އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި، ނައިބު މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ތ. ގުރައިދޫ ދާިއރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނެވެ.

މީގެ އިތުރުން މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި މާފަންނު އުތުރު ދާއިރާ އިމްތިޔާޒު ފަހުމީ އެވެ.